ވޭތުވެ ދިޔަ 60 އަހަރު ތެރޭގައި އަލަށް އުފަންވާ މީހުންގެ ދިރިއުޅުމުގެ އުމުރު މިވަނީ 20 އަހަރަށް އިތުރުވެފައެވެ. 2018 ވަނަ އަހަރާއި ހަމަޔަށް، އާންމުކޮށް ދިރިއުޅޭ އުމުރު މިވަނީ 52.5 އަކުން 72 ކަށް ބަދަލުވެފައެވެ.
ސިއްޙީ ދާއިރާގައި ޓެކްނޮލޮޖީ ބޭނުންކުރާ މިންވަރު ދަނީ ދުވަހެއް ދުވަހެއް އިތުރުވަމުންނެވެ. ތަފާތު ވައްތަރުގެ ޓެކްނޮލޮޖީ ބޭނުންކުރާ ޑިވައިސްތަކާއި އެހެނިހެން ސިސްޓަމްތައް ބޭނުންކޮށްގެ ސިއްޙީ ޑޭޓާ ނަގައި އޭގެއިން އެކަށީގެންވާ ރިޕޯޓު ނެރުމަކީ މިހާރު ވަރަށް މުހިންމު ކަމެއް ގޮތުގައި އެންމެންވެސް ދެކޭ ކަމެކެވެ.
ސިއްހީ ދާއިރާގައި ޑޭޓާއާއި ޓެކްނޮލޮޖީ
އިންސިލިކޯ މެޑިސިން ފަދަ ކުންފުނިތަކުން ބަލިމީހުންގެ ޑޭޓާ ބޭނުންކޮށްގެން ބޭސްފަރުވާ ރަނގަޅުކޮށް އިތުރަށް ސިއްޙީ ދާއިރާ ކުރިއެރުވުމަށް ޓެކްނޮލޮޖީ މެދުވެރިކޮށް ހައްލުތައް ހޯދުމަށް މަސައްކަތްކުރެއެވެ.
އާޓިފިޝަލް އިންޓަލިޖަންސް (އޭ.އައި)ގެ ދާއިރާގައި މި ކުންފުނިން މިހާރު ދިރާސާތައްކޮށް ވަރަށް ގިނަ ބަލިތަކަށް ޓްރީޓްމަންޓުތައް ނަގާނެ ގޮތްތައް އެބަ ދެނެގަނެއެވެ. މިއީ ކުރިއަށް އޮތްތާނގައި ބަލިމީހުންގެ ޓްރީޓްމަންޓުތައް ކުރިއަށް ގެންދިއުމަށް އެހީވެދޭނެ ކަމެކެވެ.
މިފަދަ ދިރާސާތައް އާންމު ގޮތެއްގައި ކުރެވެނީ އަސްލު ބަލިމީހުންގެ މައުލޫމާތުތައް ނަގައި، ތަހުލީލްކޮށް އިތުރަށް ރަނގަޅުކުރާނެ ގޮތްތައް ބެލުމަށްޓަކައެވެ.
ޑޭޓާ ތަހުލީލުކޮށް ބަލައި ކަންތައްތަކަށް ހައްލު ހޯދުމަށް ޓެކްނޮލޮޖީ ބޭނުންކުރުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ. އެއީ އާންމު ގޮތެއްގައި ބަލިމީހުންގެ މަޢުލޫމާތަކީ ގިނަ އާއިލާތަކުންނާއި ހުދު ބަލިމީހާ އަމިއްލައަށްވެސް އެހެންމީހުންނާއި ހިއްސާކުރަން ބޭނުންނުވާ މަޢުލޫމާތުތަކަށް ވުމުންނެވެ.
އަދި ބަލިމީހާގެ ބަލީގެ ދުވަސްތަކުގައި ގިނަ ފަހަރަށް ދެއްކިފައިވާނީ އެންމެ ޑަކްތަރަކަށް ނޫންކަމުންނެވެ. ކޮންމެ ޑަކްތަރަކީވެސް އެމީހެއްގެ އަމިއްލަ ގޮތެއްގައި ކަންތައްތައް ބަލައި ހައްލު ކުރުމަށް މަސައްކަތް ކުރާ ބައެކެވެ.އަދި ކޮންމެ ޑަކްތަރަކުވެސް ބަލިމީހާގެ ރެކޯޑުތައް ބަލަހައްޓާނީ ވަރަށް ތަފާތުކޮންނެވެ.
ޕްރައިވެސީއާއި ބްލޮކްޗެއިން ޓެކްނޮލޮޖީ
މިފަދަ ގިނަ ޑޭޓާ ތަހުލީލު ކުރުމުގައި ދިމާވާ ދަތި އުނދަގޫތަކައް ހައްލެއް ހޯދުމަށްޓަކައި އިންސިލިކޯ މެޑިސިންއިން ގިނަ ދިރާސާތަކެއް ކުރުމަށްފަހު ލޯހުޅުވުނީ ބްލޮކްޗެއިނާއި ޑިސްޓްރިބިއުޓެޑް ލެޖާ ޓެކްނޮލޮޖީއަށެވެ.
ބްލޮކްޗެއިންއަކީ ޑިސްޓްރިބިއުޓެޑް ލެޖާ ޓެކްނޮލޮޖީގެ އެއްވައްތަރެވެ. ޑިސްޓްރިބިއުޓެޑް ލެޖާއިން މިނިވަންގޮތެއްގައި ކޮމްޕިއުޓަރު ނުވަތަ ނޯޑު ބޭނުންކޮށްގެން ޓްރާންސެކްޝަންތައް ރެކޯޑުކޮށް، ހިއްސާކޮށް އަދި ސިންކްރޮނައިޒްކޮށް ހަދައެވެ. ބްލޮކްޗެއިން ޓެކްނޮލޮޖީ މެދުވެރިކޮށް ތަފާތު ވައްތަރުގެ މަޢުލޫމާތުތައް އެއްކޮށް، ޑޭޓާތައް އެއްގޮތަކަށް ތަރުތީބުކޮށް ތަހުލީލުކުރުމަށް ފަސޭހަކޮށްދެއެވެ.
މި ޓެކްނޮލޮޖީގެ އެހީގައި ބަލިމީހުންގެ ޑޭޓާތައް އެކި ސިސްޓަމްތަކުން އެއްކުރެވި އެއްހަމައެއްގައި ތަރުތީބުކޮށް ސިއްހީ މަޢުލޫމާތުތަކާއި ރިޕޯޓުތައް ބެލުމަށް ވަރަށް ބޮޑުތަންވެސް ފަސޭހަކޮށްދެއެވެ. އެއީ މި ޓެކްނޮލޮޖީގެ އެހީގައި ބަލިމީހުންގެ މަޢުލޫމާތުތައް ރައްކާތެރިކަމާއެކީ ބެލެހެއްޓުމަށް ފަސޭހަވެގެންދާތީވެއެވެ. އަދި ކޮންމެ މަޢުލޫމާތަކީވެސް ބަލިމީހާ އަމިއްލަ އިޙްތިޔާރުގައި ދިރާސާކުރުމަށް ފޯރުކޮށްދޭ މަޢުލޫމާތައް ވުމުންނެވެ.
މިއީ ވަރަށް ގިނަ ސިއްހީ ދިރާސާކުރާ ކުންފުނިތަކުންނާއި ބަލިމީހުންގެ ޑޭޓާ ބެލެހެއްޓުމަށް މަސައްކަތްކުރާ ކުންފުނިތަކުން ކެތްތެރިކަމާއެކީ ދިރާސާކޮށް، މައްސަލަތަކަށް ހޯދަމުންދިޔަ ހައްލަކަށް މިވަނީ ވެފައެވެ.
ޑީ.އެލް.ޓީ ޓެކްނޮލޮޖީއަށް ލޯ ހުޅުވި ދެން އިންސިލިކޯ މެޑިސިންއިން ޔޫރަޕްގެ ބްލޮކްޗެއިން ކުންފުންޔެއް ކަމުގައިވާ ބިޓްފިއުރީއާއިއެކު އެއްބަސްވުމެއްގައި އައު ކުންފުންޔެއް އުފެއްދިއެވެ. މި އައު ކުންފުނި، ލޯންޖެނެސިސްގެ މައިގަނޑު މަގްސަދަކަށްވީ ބްލޮކްޗެއިން ހެލްތުކެއާ އީކޯސިސްޓަމެއް އުފައްދައި ބަލިމީހުންގެ ޑޭޓާ ބެލެހެއްޓުމަށް ހައްލެއް ހޯދުމަށެވެ. މީގެ ތެރޭގައި ބައޯޓެކް ދިރާސާވެސް ހިމެނޭގޮތަށެވެ.
ލޯންޖެނެސިސްއިން ބްލޮކްޗެއިން މެދުވެރިކޮށް ސިއްހީ / ބައޯޓެކް ދާއިރާއަށް ލޯހުޅުވައިދިނުމުން ސިއްހީ ދިރާސާތައް ކުރާ ކުންފުނިތަކުންނާއި ހޮސްޕިޓަލްތަކުން ނުވަތަ ކްލިނިކްތަކުން މި ޓެކްނޮލޮޖީ ބޭނުންކުރަން މިހާރު މިވަނީ ފަށާފައެވެ.
މިފަދަ ޓެކްނޮލޮޖީގެ ބޭނުން ސިއްޙީ ދާއިރާއަށް މުހިންމު
ލޯންޖެނެސިސްގެ މި ޓެކްނިކަލް ހައްލުގެ އެންމެ ކަމުދާކަމަކީ ދިރާސާތަކުގައި ބައިވެރިވާ ބަލިމީހުންނަށް އަބަދުވެސް އަމިއްލައަށް މިދިރާސާތަކުގައި ބައިވެރިވުމަށް ފުރުސަތު އޮންނަކަމެވެ. އަދި އެމީހުންގެ މަޢުލޫމާތުތައް ހުށިޔާރުކަމާއެކީ ރައްކާކުރެވިފައި ހުންނާނެކަމަށް އިތުބާރުކުރަން ފަސޭހަވާތީވެއެވެ.
ބަލިމީހާގެ ޒާތީ މަޢުލޫމާތުތަށް ނުގެއްލޭނެހެން، ސިއްހީ މަޢުލޫމާތުތަށް ބަލިމީހާ މިދިރާސާގައި ބައިވެރިކުރުމަށް އެއްބަސްވުމަށް ފުރުސަތުއޮވެއެވެ.
އޭ.އައިގެ އެހީގައި ބަލިމީހުންގެ ސިއްހީ މަޢުލޫމާތުތައް ބަލައި ތަހުލީލު ކުރުމަށްވެސް ބަލިމީހާގެ ކޮންސެންޓް ނުވަތަ އެއްބަސްވުމެއް އޮވެއެވެ. މިއީ ބަލިމީހާގެ މަޢުލޫމާތު ރައްކާތެރިކަމާއެކީ ގެންގުޅޭނެކަމުގެ އިތުބާރު އެންމެނަށްވެސް އޮންނަ ކަމެކެވެ.
އިންސިލިކޯ މެޑިސިނާއި ލޯންޖެނެސިސްގެ އިތުރުންވެސް މިހާރު އެތަކެއް ސްޓާޓްއަޕް ކުންފުނިތަކުން ބައޯޓެކާއި ދިމާލަށް މިސްރާބު ޖަހާފައިވެއެވެ. އަދި އިންސާނުންނަށް ޖެހޭ ބަލިތަކަށް ޓެކްނޮލޮޖީގެ އެހީގައި އަވަސް ފަރުވާ ހޯދުމަށް ވަރަށް ގިނަ ބަޔަކު ބުރަކޮށް މަސައްކަތް ކުރެއެވެ.
އާޓިފިޝަލް އިންޓަލިޖަންސާއި ބްލޮކްޗެއިން ބޭނުންކޮށްގެން މަޢުލޫމާތުތައް ނަގައި ރިޕޯޓުތައް ނެގުމުން ލަސްނުވެ ޑަކްތަރުންނަށްވެސް ބަލިމީހާއަށް އެކަށީގެންވާ ފަރުވާ ދިނުމަށް އެހީވެދެއެވެ.
ބްލޮކްޗެއިން ޓެކްނޮލޮޖީއާއި ނުލައި އާޓިފިޝަލް އިންޓަލިޖަންސްއިން ބޭނުންވާ ބައޯމެޑިކަލް ޑޭޓާ ނަގައި ބޭނުންގޮތަކަށް ތަހުލީލުކުރުމަށް ދަތިވެއެވެ. އެހެންކަމުން ބްލޮކްޗެއިން މެދުވެރިކޮށް ބަލިމީހުންގެ މަޢުލޫމާތުތައް ރައްކާގޮތެއްގައި ބޭނުންކުރުމަކީ ބަލިމީހާއަށާއި އާއިލާތަކަށް ފަސޭހަވެގެންދާނެ ކަމެކެވެ. މީގެ އިތުރަށް އައު ޓެކްނޮލޮޖީތަކަށް މީހުންގެ މެދުގައި އިތުބާރު ބޮޑުވެ، މަރުހަބާ ކިޔައި، މިފަދަ ދިރާސާތަށް ކުރުމަށް ޑޭޓާ ދިނުމަށްވެސް އެހީވެދޭނެއެވެ.
ސިއްހީ ދާއިރާގައްޔާއި އެހެނިހެން ދާއިރާތަކުގައިވެސް އެންމެން ކުރިއަރައި، ބޭނުންވާ ހައްލުތައްވެސް ފެނިގެންދާނީ މިފަދަގޮތަކަށް އެއްބައިވަންތަކަމާއެކީ މަސައްކަތް ކުރުމުންކަން ޔަޤީނެވެ.
ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.