ކަސްރަތުކުރުމަށް އެހީތެރިވެދޭ އެޕްތައް

ޝުޖާޢަތު ރަޝީދު 08 އޮކްޓޯބަރު 2021

މޮބައިލް އެޕަކީ މިހާރު ހުރިހާ ކަމެއް ކުރުމަށްޓަކައިވެސް ގިނަ މީހުން ބޭނުންކުރާ އެއްޗެކެވެ. މިގޮތުން ކަސްރަތު ކުރުމަށްވެސް މިހާރު ވަރަށް ގިނަ އެޕްލިކޭޝަންތައް ހިލޭ ނުވަތަ ކުޑަ ފީ އެއް ދައްކާލުމަށްފަހު ބޭނުންކުރެވޭ ގޮތައް އެބަހުއްޓެވެ.


މިހާރު އިންޓަނެޓު ހުރެފައި ގޭގައި ތިބެގެން ކަސްރަތު ކުރުމަށް ވަރަށް ގިނަ މޮބައިލް އެޕްލިކޭޝަންތައް އެބަހުއްޓެވެ.

މީގެ ތެރެއިން ފާހަގަ ކޮށްލެވޭ މި އެޕް ތަކަކީ ބޭނުން ކުރާ މީހުންނަށް ފަސޭހަ، އަދި ހިލޭ ބޭނުންކުރެވޭފަދަ އެޕްލިކޭޝަންތަކެވެ.

1. ޔޫ އާ ޔުއާ އޯން ޖިމް

މި މޮބައިލް އެޕްގެ ނަމުންވެސް ހާމަވާ ގޮތަށް މިއީ ޖިމަކާއި ނުލައި އަމިއްލައަށް ކަސްރަތު ކުރުމަށް ފަސޭހަވެގެންދާނެ އެޕެކެވެ. މިއެޕްގެ ކަސްރަތު ޕްރޮގްރާމްތަކުގެ ތެރޭގައި ތަފާތު ޕްރޮގްރާމްތަކެއް ހިމެނިފައިވެއެވެ.

އޭގެ ތެރޭގައި ފިޓްނަސް އިންސްޓްރަކްޓަރު އަދި މި އެޕްގެ ޑެވެލޮޕަރ މާކް ލޯރަންގެ ކަސްރަތު ޕްރޮގްރާމްތަކެއް ހިމެނެއެވެ. އެންމެ މަދުވެގެން 2 މިނެޓް ނުވަތަ ގިނަވެގެން 36 މިނެޓުގައި ކޮށްލެވޭނެ ކަސްރަތު ޕްރޮގްރާމްތަކެއްވެސް މި އެޕްލިކޭޝަންގައި ހިމަނާފައިވެއެވެ.

އިތުރަށް ކަސްރަތުކޮށްލަން ހެދިފައިވާ ޕްރޮގްރާމްތަކުގެ ތެރޭގައި 10 ހަފްތާގެ ޕްރޮގްރާމެއްވެސް މިއެޕުގައި ހިމަނާލާފައިވެއެވެ.

މި އެޕްލިކޭޝަން މިހާރު އެޕަލް ޓީވީ، އެންޑްރޮއިޑް ޓީވީ، އެޕަލް އެޕް ސްޓޯ، ގޫގަލް ޕްލޭ، ރޮކު އަދި އެމޭޒަން ފަޔާ ޓީވީގައި ބޭނުންކޮށްލެވޭނެއެވެ.

ފާހަގަކޮށްލެވޭ ކަމަކީ މި އެޕަށް ވަދެ ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް $5 ގެ ފީއެއް ދައްކާލަންޖެހެއެވެ.

2. ބޮޑްބޮޓް

ބޮޑްބޮޓް އެޕްގައި ކަސްރަތުކުރާއިރު ޖިމް އިކުއިޕްމަންޓް ބޭނުންކުރާގޮތަށް ނުވަތަ ނުކުރާ ގޮތަށްވެސް ކަސްރަތު ޕްލޭނެއް އަމިއްލައަށް ހަދާލެވެއެވެ. މިއެޕްގައި ފިޓްނަސް އެސަސްމަންޓް ހެދުމަށް ފުރުސަތު އޮންނާތީވެ، އަމިއްލަ ހަށިގަނޑަށް ބޭނުންވާ ގޮތަށް ކަސްރަތު ޕްލޭން ފަރުމާކޮށްލެވޭނެއެވެ.

މިއެޕްގެ އެހީގައި އެންމެ ބޮޑަށް ބޭނުންވާ ގުނަވަންތަކަށް ނުވަތަ ހަށިގަނޑުގެ މަސްތަކަށް ޓާގެޓުކޮށް ކަސްރަތުތައް ރާވާލެވެއެވެ.

އެކްސިޑެންޓެއްގެ ސަބަބުން ނުވަތަ އެނޫންވެސް ގޮތަކަށް ހަށިގަނޑުގައި އިންޖަރީއެއް ވާނަމަ އެކަން މިއެޕުގައި ރެކޯޑު ކުރުމުން އެކަމަށް ހާއްސަކޮށްވެސް ކަސްރަތުތައް ފަރުމާކޮށް ރަނގަޅު ޕްލޭނެއް ދައްކާލައެވެ. މި އެޕްލިކޭޝަން ބޭނުންކުރާ މީހުންނަށް އިތުރު ފީއަކާއި އެކީ އެޕްލިކޭޝަންގައި ކާއެއްޗެހީގެ ރެކޯޑު ބެލެހެއްޓެއެވެ.

އެންޑްރޮއިޑާއި އެޕަލް އެޕްސްޓޯރުން މި އެޕްލިކޭޝަން ޑައުންލޯޑް ކުރެވޭނެއެވެ.

މިއީ މުޅިން ހިލޭ ބޭނުންކޮށްލެވޭ އެޕްލިކޭޝަނެކެވެ.

3. ފްރީލެޓިކްސް ބޮޑީވެއިޓް

ފްރީލެޓިކްސް އިން ތަފާތު ކަސްރަތު އެޕްތައް ލިބޭ އިރު، ހަށިގަނޑުގެ ބަރުދަން ބޭނުންކޮށްގެންކުރާ ޓްރެއިނިންއަށް ހާއްސަ ކޮށްފައިވާ އެޕަކީ އޭގެ އެންމެ ބޮޑު ތަރުހީބެއް ލިބޭ އެޕެވެ.

މި އެޕްގައި ބޭނުންކުރާ މީހާގެ އުމުރާއި، އެންމެ ބޭނުންވާ ތިން ވޯކްއައުޓް ގޯލްސް، ފިޓްނަސް ލެވެލް އަދި ބީއެމްއައި ރެކޯޑުކުރެއެވެ. މި ބޭނުންކުރަނީ ވޯކްއައުޓް ޕްރޮގްރާމްތައް އެންމެ އެކަށީގެންވާ ގޮތަށް ރިކޮމެންޑް ކުރުމަށެވެ.

ކޮންމެ ތަމްރީނު ޕްރޮގްރާމެއްގައި ވެސް ސެޝަންތަކުގެ ދިގުމިނާއި ލަފާކުރެވޭ ނަތީޖާ ފަދަ ތަފްސީލުތައް ހިމެނެ އެވެ.

މިއެޕުގައި ފްރީލެޓިކްސް ކޯޗު ރިކޮމެންޑްކުރާ ހުރިހާ ވޯކްއައުޓްތަކެއް ބޭނުންކުރެވެނީ ސަބްސްކްރިޕްޝަނެއް ނެގުމަށްފަހުއެވެ.

ކަސްރަތުތައް މެނުއަލްކޮށް ބްރައުޒް ކުރާނަމަ އޭގެ ތެރެއިން ގިނަ ކަސްރަތުތަކަށް ހިލޭ އެކްސެސް ވެވޭނެ އެވެ. ވޯކްއައުޓްތަކުގެ ތެރޭގައި ކޮންމެ އެކްސަސައިޒެއް ވެސް ކުރާނެ ގޮތް ދައްކުވައިދޭ ޓައިމަރ އަދި ވީޑިއޯ ޑެމޮންސްޓްރޭޝަންތައް ހިމެނެއެވެ.

މީގެ އިތުރުން، މި އެޕް ގެ ސަބަބުން ދަތި ލެވަލް، ޓާގެޓެޑް ބޮޑީ ޒޯން، މުއްދަތު، އިކުއިޕްމަންޓް، އަދި މިނޫންވެސް އެތައް ކަމަކަށް ބަލައިގެން ހިލޭ ވޯކްއައުޓްފިލްޓަރ ކުރުމުގެ ފުރުސަތު ވަނީ ދީފައެވެ.

މިއީ އެޕަލް އެޕްސްޓޯރުންނާއި ގޫގަލް ޕްލޭއިންވެސް ހިލޭ، ނުވަތަ ސަބްސްކްރިޕްޝަނަކާއި އެކީ ބޭނުންކޮށްލެވޭނެ އެޕެކެވެ.

4. 8-ފިޓް

ރަނގަޅު ކޮންޓެންޓު ހިމަނާފައި މި އެޕަކީވެސް ހިލޭ ބޭނުންކޮށްލެވޭ ގޮތަށް ހާއްސަ ކުރެވިފައިވާ އެޕެކެވެ. ބައެއް ޕްރޮގްރާމްތައް، މިސާލަކަށް ސާފް ސްޓައިލް ޓްރެއިނިންއާއި ޔޯގާ ކަސްރަތުތަކަށް މި އެޕްގެ ޕްރީމިއަމް ވާޝަންގައި ބޭނުންކޮށްލެވޭ ގޮތައް ހުރެއެވެ.

ގިނަ ޕްރޮގްރާމްތަކާއި ކަސްރަތުތައް ބޭނުންގޮތަކަށް ރާވާލައި ކަސްޓަމައިޒް ކުރުމަށް މި އެޕުން ފުރުސަތު ދެއެވެ.

ބޭނުންކުރާ މީހުންނަށް ފަސޭހަވާނެ ގޮތަށް މި އެޕުގައި ކަސްރަތުގެ ފޮޓޯއާއި ވީޑިއޯވެސް ގެނެސްދީފައިވެއެވެ.

8-ފިޓް އެންޑްރޮއިޑްގައި ގޫގަލް ޕްލޭ ސްޓޯރުން އަދި އެޕަލްގެ އެޕް ސްޓޯރުން ޑައުންލޯޑް ކޮށްލެވޭނެއެވެ.

5. ސެވަން

ވަގުތު ނުވެ ބުރަކޮށް އުޅޭ މީހުންނަށް ސެވަން އަކީ ބޮޑީވެއިޓް ޓްރެއިނިން އާއި ވޯކްއައުޓްތަކަށް ވަރަށް ރަނގަޅު އެޕެކެވެ.

މި އެޕްމެދުވެރިކޮށް އެއްވެސް އިކުއިޕްމަންޓެއް ބޭނުން ނުވާ ހަތް މިނެޓުގެ ވޯކްއައުޓްތައް ލިބޭއިރު، ކުދި ކުދި ސެޝަންތައް ހިމެނިފައިވާތީވެ ކަސްރަތުކުރުމަށް ވަގުތު ހާއްސަކުރަން ފަސޭހަވެގެންދެއެވެ.

ކޮންމެ ދެ މަހަކުން އާ ވޯކްއައުޓް އެއް ދާއިމީ ކޮށް ހިލޭ ބޭނުން ކުރާ ފަރާތްތަކަށް އަންލޮކް ކުރާނެ އެވެ.

ނަމަވެސް އެޕްގެ އެކްސަސައިޒްތަކުގެ ބޮޑު ބައެއް ލިބެނީ ސަބްސްކްރިޕްޝަން ޕްލޭންގެ ޒަރިއްޔާއިން، އެޕްގެ ކޯޗިން ފަންކްޝަންތަކާއެކު، 200 ކަސްރަތަކަށް ވަގުތުން އެކްސެސް ލިބޭ ސަބްސްކްރިޕްޝަން ޕްލޭންގެ ތެރެއިންނެވެ.

މިކަމުގެ ސަބަބުން ހިލޭ އަދި ސަބްސްކްރިޕްޝަން ވާޝަން ވެސް ލިބޭ އެހެން ގިނަ އެޕްތަކަށް ވުރެ، އެޕްގެ ފްރީ ވާޝަން ވަރަށް ލިމިޓެޑް ވެގެން ދެއެވެ.

މިއީވެސް ގޫގަލް ޕްލޭ ސްޓޯރުންނާއި އެޕަލް އެޕް ސްޓޯރުން ޑައުންލޯޑް ކޮށްލެވޭނެ އެޕެކެވެ.

6. ކީޕް

ގޫގުލް ޕްލޭ އެވޯޑްސްގައި 2018 ވަނަ އަހަރުގެ އެންމެ މޮޅު ސެލްފް އިމްޕްރޫވްމަންޓް އެޕްތަކުގެ ތެރޭގައި ކީޕް މޮބައިލް އެޕް ހިމެނިގެންދެއެވެ.

ކީޕްގައި ހުންނަ ގިނަ ރޫޓީންތަކާއި ކަސްރަތުތައް ހިލޭ ލިބެން ހުރެއެވެ. ނަމަވެސް ސަބްސްކްރިޕްޝަނެއް މެދުވެރިކޮށް ލިބެން ހުންނަ ޕްރިމިއަމް ވޯކްއައުޓްތައް ވެސް މި އެޕުގައި ހުރެ އެވެ.

އެހެން އެޕްތަކާއި މި އެޕްލިކޭޝަންގެ ހުންނަ މައިގަނޑު ތަފާތަކަށްވަނީ ކޮންމެ ކަސްރަތު ޕްރޮގްރާމެއްވެސް އަނެކައްޗަށްވުރެން އަބަދުވެސް ތަފާތު ވުމުންނެވެ.

މިސާލަކަށް ރީހެބިލިޓޭޓިވް ގޯލްސްތަކަށް ހާއްސަ ކަލެކްޝަންތަކުގައި ސްޓްރެޗް ކުރުމާއި ކަސްރަތުކުރުން ދައްކާފައި މި އެޕް މެދުވެރިކޮށް ލިބެން ހުރެއެވެ.

މީގެ އިތުރަށް ކަސްރަތު ރަނގަޅަށް ކުރުމަށާއި މަސަލްތައް ރިކަވާކޮށް ވޭން ލުއިކޮށްދިނުމުގެ ބޭނުމުގައި ކުރެވޭ މަޑުމަޑު ކަސްރަތުތަކާއި ސްޓްރެޗްކުރުންވެސް ހުރެއެވެ.

އެންމެ ގިނައިން ކުރާ ކަސްރަތުތަކާއި ކުރަން ކަމުދާ ކަސްރަތުތައް ސޭވްކޮށް އެޕް މެދުވެރިކޮށް ރަހުމަތްތެރިންގެ ކަސްރަތުތައް ބަލައި ކާމިޔާބީތައް ފޮލޯ ކުރެވިދާނެއެވެ.

ގޫގަލް ޕްލޭ ސްޓޯރުންނާއި އެޕަލް އެޕް ސްޓޯރުން މި އެޕްލިކޭޝަންތައް ޑައުންލޯޑް ކޮށްލެވޭނެއެވެ.

7. ހޯމްވޯކްއައުޓް - ނޯ އިކުއިޕްމަންޓު

ހޯމް ވޯކްއައުޓް އެޕަކީ މުޅިން ހިލޭ ބޭނުންކުރެވޭ ބޮޑީވެއިޓް ވޯކްއައުޓް އެޕްތަކުގެ ތެރެއިން އެއް އެޕް — ހަމައެކަނި ފީއެއް ދައްކާލަންޖެހެނީ އިޝްތިހާރު ފޮހެލަން މި އެޕުގެ ތެރެއިން ގަންނަ ކުޑަ އެއްޗަކަށެވެ.

މި އެޕް އަލަށް ފަށާ މީހުންނާއި އަދި ބޭނުންކުރާ މީހުންނަށްވެސް ހިދުމަތް ދޭއިރު، މިއީ އެންމެ ޗެލެންޖިން އެއް އެކްސަސައިޒް އެޕް އެވެ.

ހަފްތާއެއްގެ ތެރޭގައި ފުރިހަމަކުރަން ބޭނުންވާ ވޯކްއައުޓްތަކުގެ އަދަދުގެ ލަނޑުދަނޑިތަކެއް ކަނޑައަޅައި 7x4 ޗެލެންޖްތައް ފުރިހަމަކުރެވިދާނެއެވެ.

މި ޗެލެންޖުތަކުގެ ތެރޭގައި ހަށިގަނޑުގެ ވަކި ވަކި ދާއިރާތަކަށް ފޯކަސްކުރާ ވަރަށް އާދައިގެ ވޯކްއައުޓްތައް ވަރަށް ގިނަ އެވެ.

ޔޫޓިއުބަށް ލިންކުކޮށްފައި ހުންނަ އެނިމޭޓެޑް ފޮޓޯ ނުވަތަ ޑެމޮންސްޓްރޭޝަން ވީޑިއޯމެދުވެރިކޮށް ކޮންމެ އެކްސަސައިޒެއްގެ ޑެމޯވެސް ބަލާލެވޭނެއެވެ.

އޭގެ މާނައަކީ ކަސްރަތުތައް ކުރާނެ ގޮތް ވަރަށް ފަސޭހަވެއެވެ. ކަސްރަތު ކުރާއިރު، ރަނގަޅު ފޯމެއްގައި ހުރުމަކީ، އަނިޔާއިން ސަލާމަތްވުމަށްޓަކައި ވަރަށް މުހިންމު ކަމެއްކަން މިކަމުންވެސް އަންގައިދެއެވެ.

މި އެޕްވެސް ގޫގަލް ޕްލޭއިންނާއި އެޕަލް އެޕް ސްޓޯރުން ޑައުންލޯޑްކޮށްގެން ބޭނުންކޮށްލެވޭނެއެވެ. އަދި އެޕަލް ވޮޗުންވެސް މި އެޕްލިކޭޝަނާއި ކުޅެލެވޭނެއެވެ.

އެތައް ބައިވަރު ކަސްރަތުކުރާ އެޕްލިކޭޝަންތަކެއް ބޭނުންކުރެވެން ހުރިކަމުގައިވިޔަސް، ކަސްރަތަކީ ވަރަށް ރަނގަޅަށް ތިމާގެ ހަށިގަނޑަށް ބަލައިގެން އަނިޔާ ނުވާނެ ގޮތަށް ކުރަންޖެހޭ ކަމެކެވެ.

ފޯމު ރަނގަޅަށް ބަހައްޓައިގެން ފިޓް ވުމަށްޓަކައި ހަށިގަނޑުގެ ބަރުދަނުގެ އެހީގައި ވަރަށް ތަފާތު ގިނަ ކަސްރަތުތަކެއް ކުރެވިދާނެއެވެ. މިފަދަ އެޕުތައް ވީހާވެސް ގިނަވެ، ޓެކްނޮލޮޖީގެ އެހީގައި އާންމު ދިރިއުޅުމުގެ ކަންތައްތައް ރަނގަޅުވުމަކީ އުފާކުރަންޖެހޭ ކަމެކެވެ.

ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.