ފަޔާފޮކްސްއިން މޮޒިއްލާއަށް ޑޭޓާ ފޮނުވަން ފަށައިފި

އިސްމާއިލް އަލީ 11 އޮކްޓޯބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ފަޔާފޮކްސްގެ އެޑްރެސް ބާގައި ލިޔާ މައުލޫމާތު މޮޒިއްލާއާއި ހިއްސާކުރަން ފަށައިފިއެވެ. މީގެ ސަބަބުން ކުރިން ހީވެފައި އޮތްވަރަށްވުރެ ގިނަ ޑޭޓާ ފަޔާފޮކްސްއިން މޮޒިއްލާއާއި ހިއްސާކުރާކަން މިވަނީ ހާމަވެފައިއެވެ. ފަޔާފޮކްސްއިން މި މައުލޫމާތު މޮޒިއްލާއާއި ހިއްސާކުރަނީ އެބްރައުޒާއަށް އަލަށް ތައާރަފްކުރެވުނު ފަޔާފޮކްސް ސަޖެސްޓް ފިޗާ ބޭނުންކުރުމަށެވެ. އެގޮތުން އެޑްރެސް ބާގެ ކީސްޓްރޯކްތަކާއި، ލޮކޭޝަން ޑޭޓާ އަދި އިތުރު މައުލޫމާތު ފަޔާފޮކްސްއިން މޮޒިއްލާގެ ސާވާތަކާއި ހިއްސާކުރެއެވެ.

ފަޔާފޮކްސްއިން މިގޮތަށް އަމަލުކުރަން ފަށާފައިވަނީ އޮކްޓޯބަރު ގައި އާންމުކޮށްފައިވާ ފަޔާފޮކްސް 93 ގައި ހިމެނޭ ފަޔާފޮކްސް ސަޖެސްޓް ފީޗާ ތައާރަފްކުރުމާއިއެކުއެވެ. މި ފީޗާގެ ސަބަބުން ސާޗް ބާއިން އިޝްތިހާރުތައް ފެނިގެންދާނެއެވެ. މީގެ އިތުރުން މޮޒިއްލާއިން ހާމަކޮށްފައިވާ ގޮތުގައި ފަޔާފޮކްސް ސަޖެސްޓަކީ އިތުބާރާއިއެކު އިންޓަނެޓް ބޭނުންކުރުމުގައި އެހީތެރިވެދީ ފަސޭހަކަމާއިއެކު ރަނގަޅު މައުލޫމާތު ހޯދުމަށް އެހީތެރިވެދޭނެ ފީޗާއެކެވެ.

ފަޔާފޮކްސް ސަޖެސްޓްގެ ސަބަބުން ސާޗް ބާގައި ބޭނުންވާ މައުލޫމާތު ލިޔުމުން އާންމު އުސޫލާއި ހިލާފަށް މި ފިޗާއިން ވަކިވަކި ސާޗް ނަތީޖާތައް ދައްކާނެއެވެ. މީގެ ތެރެއިން ބައެއް ނަތީޖާއަކީ އިޝްތިހާރުތަކެވެ. ނަމަވެސް މި ފީޗާއިން އިޝްތިހާރު އުނިކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައިއެވެ.

މޮޒިއްލާގެ ބްލޮގްގައި އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި މި ފީޗާއަކީ ފަޔާފޮކްސް ބޭނުންކުރާ ފަރާތްތަކުން ބޭނުންނަމަ ބޭނުންކުރަން ފަރުމާކުރެވިފައިވާ ފީޗާއެކެވެ. ނަމަވެސް ފަޔާފޮކްސް 93 އާއިއެކު މިފީޗާއަކީ ޑީފޯލްޓްކޮށް އެއެޕްލިކޭޝަންގައި ހިމެނޭ ފީޗާއެކެވެ. ނަމަވެސް އަދި މިގޮތަށް މިފީޗާ ހިމެނެނީ އެމެރިކާގައި އެކަންޏެވެ.

ފަޔާފޮކްސްއިން ކީސްޓްރޯކް ޑޭޓާ މޮޒިއްލާއާއި ހިއްސާކުރަން ފެށިއިރު ފާހަގަކޮށްލަން ޖެހޭކަމަކީ މިކަމަކީ މީގެކުރިންވެސް ހިނގަމުން އަންނަކަމެއްކަމެވެ. އެގޮތުން އާންމުކޮށް ބޭނުންކުރާ ހުރިހާ ސާޗްއިންޖީންތަކުންވެސް ސާޗް ނަތީޖާތައް ހުށަހެޅުމަށް ކީސްޓްރޯކް ޑޭޓާ އެއްކުރެއެވެ. ފަޔާފޮކްސްގެ މި ފީޗާ ތަފާތުވެގެންދަނީ ސާޗްއިންޖީނުތަކާއި މައުލޫމާތު ހިއްސާކުރުމުގެ އިތުރަށް މޮޒިއްލާއާއި މައުލޫމާތު ހިއްސާކުރާތީއެވެ.

ފަޔާފޮކްސް ސަޖެސްޓް ބޭނުން ނޫންނަމަ މެނިއުއަށް ގޮސް ޕްރައިވަސީ އެންޑް ސެކިއުރިޓީ ސެޓިންގްސް ގައި ހިމެނޭ އެޑްރެސްބާ އާއިގުޅޭ ބައިން މި ފީޗާ އޮފްކޮށްލެވޭނެއެވެ. މީގެ އިތުރުން މޮޒިއްލާއިން ވަނީ އެކުންފުނިން ފަޔާފޮކްސް ބޭނުންކުރާ ފަރާތްތަކުގެ ޒާތީމައުލޫމާތު ރައްކާތެރިކުރާނެ ކަމުގެ ޔަގީންކަން ދީފައިއެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.