ޔޫއެސްބީ-ސީ ޕޯޓް އަކާއިއެކު އައިފޯނެއް ދައްކާލައިފި

އިސްމާއިލް އަލީ 13 އޮކްޓޯބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އައިފޯންގައި ޔޫއެސްބީ-ސީ ޕޯޓެއް ހިމެނުމަށް އެޕަލްއިން މަސައްކަތްކުރަމުންދާ ކަމަށް އަޑުފެތުރޭތާ އެތަކެއް ދުވަހެއް ވެއްޖެއެވެ. ޔުނިވަރސަލް ޗާޖިންގް ޕޯޓް ތައާރަފް ކުރުމަށް ޔޫރަޕްގެ އިއްތިހާދުންވެސް ދަނީ ވަރަށް ބޮޑަށް އެޕަލް އަށް ބާރުއަޅަމުންނެވެ. ނަމަވެސް އެކުންފުނިން މިފަދަ އުފެއްދުމެއް އަދި ނިންމާފައިނުވެއެވެ. އެހެންނަމަވެސް ރޮބޮޓިކްސް ކިޔަވާ ދަރިވަރަކު މިހާރު ވަނީ އައިފޯނެއްގައި ޔޫއެސްބީ-ސީ ޕޯޓެއް ހިމަނާފައިއެވެ. އެގޮތުން އޭނާ ވަނީ އައިފޯނެއްގައި ޔޫއެސްބީ-ސީ ޕޯޓެއް ހިމަނައި އެ ޕޯޓް މެދުވެރިކޮށް ފޯނު ޗާޖްކުރުމާއި ޑޭޓާ ޓްރާންސްފާ ކުރެވޭނެގޮތް ހަދާފައިއެވެ.

އޭނާ މިކަން ކާމިޔާބު ކޮށްފައިވަނީ އެތަކެއް ދުވަސްވަންދެން އެޕަލްގެ ލައިޓްނިން ކޭބަލްތަކާއި ޔޫއެސްބީ-ސީ ކޭބަލްތައް ދިރާސާކޮށްފައިއެވެ. އެގޮތުން އޭނާ އެންމެ ފުރަތަމަ މެއި މަހުގައި އުފައްދާފައިވަނީ ހަމައެކަނި އައިފޯނުގެ ބެޓެރި ޔޫއެސްބީ-ސީ ޕޯޓެއް މެދުވެރިކޮށް ޗާޖްކުރެވޭނެ ވަސީލަތެކެވެ. އެއުފެއްދުން އައިފޯނުގެ އެތެރެޔަށްލެވޭ ވަރަށްވުރެ ބޮޑުވުމާއި ގުޅިގެން ދެން އޭނާ މަސައްކަތްފެށީ ފޯނުގެ އެތެރެޔަށް ޕޯޓުލުމަށްޓަކައި ކުރަންޖެހޭ މަސައްކަތެވެ.

އެގޮތުން އޭނާ ވަނީ އެޕަލްގެ ސީ94 ކަނެކްޓާ ރިވާސް އިންޖިނިއާކޮށް އޭނާގެ އަމިއްލަ ޑިޒައިނެއް އައިފޯނުގެ އެތެރެޔަށް ފިޓްވާގޮތަށް ފަރުމާކޮށްފައެވެ. އެގޮތުން މިހަފްތާގައި އޭނާ އާންމުކޮށްފައިވާ ވީޑިއޯއެއްގައި އޭނާވަނީ އައިފޯން އެކްސް އެއްގައި ޔޫއެސްބީ-ސީ ޕޯޓެއް ހިމަނައި އެޕޯޓް މެދުވެރިކޮށް ފޯނު ޗާޖްވާ ތަނާއި ޑޭޓާ ޓްރާސްފާ ވާކަން ދައްކާލާފައިއެވެ.

ޔޫއެސްބީ-ސީ ޕޯޓަކާއިއެކު އައިފޯނެއް ދާއްކާލައިފައި މިވަނީ ޔޫރަޕުގެ އިއްތިހާދުން ޔޫރަޕުގެ ހުރިހާ ގައުމެއްގައި ބޭޏުންކުރާ ފޯނުތަކުގައި ޔޫއެސްބީ-ސީ ޕޯޓު ހިމެނުމަށް މަޖުބޫރުކުރަން މަޝްވަރާކުރަމުންދާ ވަގުތެއްގައިއެވެ. އެހެންކަމުން ކުރިއަށްއޮތް މަދު އަހަރުތަކެއްގެ ތެރޭގައި އައިފޯނުގައި ޔޫއެސްބީ-ސީ ޕޯޓެއް ނުވަތަ އެފޯނު ޕޯޓްލެސްކޮށް ވަޔަލެސްކޮށް ޗާޖްކުރެވޭގޮތް ހެދުމަށް އެޕަލް އަށް މަޖުބޫރުވުމަކީ ވަރަށް ގާތްކަމެކެވެ.


އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.