މިއުޒިކް މޯޑާއެކު ކްލަބްހައުސް ފަންނުވެރިންގެ މަންޒިލަކަށް

ޙުސައިން ދީމް މުޙައްމަދު 16 އޮކްޓޯބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ލައިވްކޮށް އޯޑިއޯ ފޮނުވައިދޭ އެޕްލިކޭޝަންތަކުގެ މެދުގައި ކްލަބްހައުސްއަށް ކުރިމަތިވެފައިވަނީ ވަރަށްވެސް ބިޔަ ވާދަވެރިކަމެކެވެ. އެހެންނަމަވެސް ދާދިފަހުން އެކުންފުނިން އިޢުލާންކުރި އާ "މިޔުޒިކް މޯޑް" އާއިއެކު ލައިވްކޮށް މިޔުޒިކްކުޅެ އަޑުއަހަން ބޭނުންވާ ފަރާތްތަކުގެ އާ މަންޒިލަކަށް ކްލަބްހައުސް ބަދަލުވެއްޖެއެވެ. މިބަދަލުމިއައީ، އެފަދަ ޕްލެޓްފޯމެއް ތަޢާރަފުކުރުމުގައި އެހެން ކުންފުނިތަކުންވެސް ބާރުލައި މަސައްކަތްކުރަމުން ދިޔަ ދުވަސްވަރެއްގައެވެ. މިގޮތުން މިހާރުވެސް ޓްވިޓަރ އަދި ސްޕޮޓިފައި ފަދަ މީސްމީޑިއާ މަންސަތަކުގައި ލައިވް އޯޑިއޯ ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދީފައިވެއެވެ. މަޝްހޫރު އެމަޒަންއިންވެސް ދަނީ އެމީހުންގެ އަމިއްލަ ލައިވް އޯޑިއޯ ޕްލެޓްފޯމެއް ތަޢާރަފުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ކްލަބްހައުސްއިން މަޢުލޫމާތުދޭ ގޮތުގައި، މިޔުޒިކް މޯޑް ބޭނުންކޮށްގެން އެޕް ބޭނުންކުރާ ފަންނާނުންނަށް ފެންވަރު ރަނގަޅު އަޑާއި ސްޓީރީއޯއާއި އެކު މިޔުޒިކު ބްރޯޑްކާސްޓް ކުރެވޭނެއެވެ. ކޮލިޓީ ރަނގަޅު އަޑުފޯރުކޮށްދިނުމަށް މިމޯޑުގެ އެހީގައި ޔޫއެސްބީ މައިކާއި މިކްސިންގް ބޯޑުފަދަ އާލާތްތައްވެސް ބޭނުންކުރެވޭނެއެވެ. ހުސްވި އޮގަސްޓު މަހު ކްލަބްހައުސްއިން ތަޢާރަފުކުރި "ސްޕޭޝިއަލް އޯޑިއޯ" އާއި އެކު، ވާހަކަދައްކާ ނުވަތަ ލަވަކިޔާއިރު އަންނަ އޯޑިއޯ، ފްލެޓް އޯޑިއޯ ކޯލެއްގެ ބަދަލުގައި މާހައުލެއްގެތެރޭ އަންނާނެ އަސްލު އަޑާއިވަނީ އެއްގޮތްކުރެވިފައެވެ.

މިޔުޒިކް މޯޑް ބޭނުން ކުރުމަކީ ފަސޭހަކަމެކެވެ. ފަންނާނެއްނަމަ، އެޕްގެ މަތީ ކަނާތު ކަނުގައި އިންނަ ތިންތިއްކައް ފިއްތާލާފައި އޯޑިއޯ ކޮލިޓީއަށް ގޮސް މިޔުޒިކް ޚިޔާރުކޮށްލީމާ ނިމުނީއެވެ. މިޔުޒިކް އަޑުއަހާލަން ބޭނުންވާ ފަރާތްތަކަށް އަދި މާފަސޭހައެވެ. ރަނގަޅަށް އަޑުއިވޭ ހެޑްސެޓެއް ނުވަތަ ސްޕީކަރެއް ޖައްސާލީމާ ނިމުނީއެވެ. ފޯނުންވެސް މިޔުޒިކު އަޑުއަހައިލުމުގެ ފުރުސަތު ފަހިވެފައިއޮވެއެވެ.

މީގެ އިތުރުންވެސް ކްލަބްހައުސްއިންވަނީ "ކްލިޕްސް ފީޗަރ" ތަޢާރަފުކޮށްފައެވެ. މީގެ ބޭނުމަކީ، މިޔުޒިކް މޯޑުގައި އަޑުއަހަމުން ގެންދާ ލަވައެއް ރެކޯޑުކޮށްލަން ބޭނުންވެއްޖެނަމަ، ހަމައެ ސާފުކަމާއި ކޮލިޓީއާއިއެކު ރިކޯޑުކޮށްލުމެވެ. މިގޮތަށް ރިކޯޑުކޮށްލެވޭނީ 30 ސިކުންތުގެ ރިކޯޑިންގްއެކެވެ. މިޔުޒިކް މޯޑް ފުރަތަމަ ތަޢާރަފުކުރެވިގެންދާނީ ހަމައެކަނި އައިއޯއެސްއަށް ކަމުގައިވަނީނަމަވެސް ކައިރި މުސްތަޤްބަލެއްގައި އެންޑްރޮއިޑަށްވެސް މި މޯޑް ލިބިގެންދާނެއެވެ.

މިޔުޒިކް މޯޑުގެ އިތުރުން ކްލަބްހައުސްއިންވަނީ އެމީހުންގެ "ސާރްޗް ފީޗަރ" ވެސް އަޕްޑޭޓްކޮށްފައެވެ. މިހާރު ސާޗު ބާ ފެނިގެންދާނީ މާފަސޭހަ ދިމާލަކުންނެވެ. އަދި މިހާރު ސާޗް ބާ މެދުވެރިކޮށްވެސް ރައްޓެހީންނަށް ވޭވް ކޮށްލައި ލައިވް އޯޑިއޯ ރޫމަކަށް ދަޢުވަތުދެވޭނެއެވެ.

ކްލަބްހައުސް އެންމެ ފުރަތަމަ އޮތީ އިންވައިޓް-އޮންލީ ނުވަތަ ދަޢުވަތު ލިބޭ ފަރާތްތަކަށް އެކަނި ބޭނުންކުރެވޭގޮތަށެވެ. ޓްވިޓަރ، ފޭސްބުކް، ލިންކެޑިން އަދި ސްޕޮޓިފައި ފަދަ މީސްމީޑިއާތަކުން އޯޑިއޯ ޗެޓްރޫމްތައް ތަޢާރަފުކުރިއިރުވެސް ކްލަބްހައުސްއޮތީ މިގޮތަށެވެ. މިހާރު، އެމަޒޯންއާއި އެހެނިހެން ވާދަވެރީންގެ ކުރިއަށް ފައިހަމަކުރަމުންދާއިރު، ކްލަބްހައުސްއިން ބޭނުންވަނީ އަދިވެސް އެ އެޕްލިކޭޝަންގެ ފައިދާތައް އިތުރުކުރާށެވެ.

ޙުސައިން ދީމް މުޙައްމަދު

ޙުސައިން ދީމް މުޙައްމަދު

ޓެކްނޮލޮޖީގެ ބާރުދުވެއްޔާއި ފައިހަމަކުރެވޭތޯ މަސައްކަތްކުރަމުންދާ ދަރިވަރެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.