މައިކްރޯސޮފްޓް ޓްރާންސްލޭޓާއިން މިހާރު ދިވެހިބަހަށް ތަރުޖަމާކޮށްލެވޭ

އިސްމާއިލް އަލީ 19 އޮކްޓޯބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މައިކްރޯސޮފްޓް ޓްރާންސްލޭޓާ މެދުވެރިކޮށް މިހާރު އިނގިރޭސި ބަހުން ލިޔެފައިހުންނަ ބަސްތައް ދިވެއްސަށް އަދި ދިވެހި ބަހުން ލިޔެފައި ހުންނަ ބަސްތައް އިނގިރޭސި ބަހަށް ތަރުޖަމާކޮށްލެވޭނެއެވެ. މައިކްރޯސޮފްޓް ޓްރާންސްލޭޓާއަކީ އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް ތަރުޖަމާކުރުމުގެ ހިދުމަތްފޯރުކޮށްދޭ އެޕްލިކޭޝަނެކެވެ. އެކުންފުނިން ހާމަކުރާ ގޮތުގައި އަލަށް އިތުރުކުރެވުނު 12 ބަހާކާއެކު މިހާރު ޓްރާންސްލޭޓާ އެޕް މެދުވެރިކޮށް ތަފާތު 100 ބަސް ތަރުޖަމާކޮށްލެވޭނެއެވެ. އެގޮތުން ދިވެހި ބަހަކީވެސް އަލަށް ޓްރާންސްލޭޓާއަށް އިތުރުކުރެވުނު ބަހެކެވެ.

މައިކްރޯސޮފްޓްއިން ހާމަކޮށްފައިވާ ގޮތުގައި މިއާއެކު ދުނިޔޭގެ އެކިކަންކޮޅުތަކުން 5.66 ބިލިއަން މީހުންނަށް އެކިބަސްބަސް ތަރުޖަމާކުރުމުގެ ފުރުސަތު ވަނީ ހުޅުވިގެން ގޮސްފައިއެވެ. މީގެ ކުރިން 2016 ވަނަ އަހަރު ގޫގަލްގެ ޓްރާންސްލޭޓާ އެޕްލިކޭޝަން މެދުވެރިކޮށް 100 ބަސް ތަރުޖަމާކުރެވޭގޮތް ވަނީ ހަދާފައިއެވެ. ނަމަވެސް މައިކްރޯސޮފްޓްއިން ހާމަކުރާ ގޮތުގައި އެކުންފުނީގެ ޓްރާންސްލޭޓާ އެޕްލިކޭޝަން ތަފާތުވަނީ އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް ހޯދިފައިވާ ކުރިއެރުންތަކާއި ގުޅިގެންނެވެ. މީގެ އިތުރުން އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި މި ހިދުމަތް އެކުންފުނީގެ އޮފީސް، ޓްރާންސްލޭޓާ ފޯ ބިންގް، އަޒުއާ ކޮގްނިޓިވް ސާވިސަސް ޓްރާންސްލޭޓާ އަދި އަޒުއާ ކޮގްނިޓިވް ސާވިސަސް ސްޕީޗް މެދުވެރިކޮށްވެސް ލިބިގެންދާނެއެވެ.

މައިކްރޯސޮފްޓްގެ ޓްރާންސްލޭޓާއަށް އިތުރުކުރެވުނު ބަސްތަކަކީ އެކުންފުނީގެ އެކްސްވައިޒީ ކޯޑް އިނީޝިއޭޓިވްގެ ދަށުން ކުރިއަށް ގެންގޮސްފައިވާ މަސައްކަތެކެވެ. އެކުންފުނީގެ އެކްސްވައިޒީ ކޯޑް އިނީޝިއޭޓިވްއަކީ ލިޔުންތަކާއި، އޯޑިއޯ އަދި އެކި ބަސްތައް ބޭނުންކޮށްގެން ވާހަކަ ދައްކާ، އަޑުއިވޭ އަދި ފެންނަ އާޓިފިޝަލް އިންޓެލިޖެންސް ނިޒާމުތަކެއް އުފެއްދުމަށް އެކުންފުނިން ކުރަމުންދާ މަސައްކަތެކެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.