އައިފޯން 13 މަތިން ހަނދާން ނައްތާލަންޖެހިދާނެ ގޫގަލް ޕިކްސެލް 6 މާ ތަފާތު

އާހިލް އާސިމް އަބްދުالله 20 އޮކްޓޯބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އަޅުގަނޑަކީ އެޕަލްގެ ވަރަށް "ލޯޔަލް" ކަސްޓަމަރެކެވެ. އެޕަލްގެ އާފޯނު ނުކުންނަ އިރަށް ގަންނަމެވެ. އެޕަލްގެ ހުރިހާ އިވެންޓެއް ޤަވައިދުން ބަލަމެވެ. ނަމަވެސް އެޕަލްގެ އައު އައިފޯން 13 އަށް ވުރެ ބޮޑަށް އަޅުގަނޑުގެ ލޮލުގައި އަޅައިގަތީ ގޫގަލް ޕިކްސެލް 6 ކެވެ. އެޕަލް ގެ އައިފޯން 13 އަކަސް އައިފޯން 12 އާ ބަލާފަ މާބޮޑު ތަފާތެއް ނުފެނެއެވެ. ކެމެރާ ކޮލިޓީ އާ ނޮޗްސައިޒް ކުޑަވުމާ ކުރިއަށްވުރެ ފޯން ސްޕީޑް ބާރުވުން ފަދަ މަދު ކަންތައްތައް އިތުރުވިއަސް މާކަ ބޮޑު ތަފާތެއް ނުފެނެއެވެ.ނަމަވެސް ގޫގަލް ޕިކްސަލް 6 ވަރަށް ތަފާތެވެ.

ގޫގަލް ޕިކްސަލް 6 ތަފާތު ޑިސައިން އެއް!

ޕިކްސެލް 6 ގެ އެންމެ ތަފާތު ކަމަކީ ކެމެރާގެ ބައްޓަމާއި ފޯނުގެ ތަފާތު ލޮލުގަ އަޅައިގަންނަ ކުލަތަކެވެ. ޕިކްސެލް 5 ގައި އިންނަ ވަށް ބައްޓަމުގެ ބަދަލުގައި ޕިކްސެލް 6 ގެ ކެމެރާ އިންނަނީ ދިގުކޮށް ހަތަރެސްކަން ގޮޅިއެއްހެން ފޯނުގެ ފަހަތުގައި ކަނާތުން ވާތަށް ދިގަށެވެ. އަދި ފޯންގައި ލޮލަށް އަޅައިގަންނަ ރީތި ކުލަތައް ހިމަނައިފާވަނީ ދަނގަޑު ހައިލައިޓް ތަކާ އެކުއެވެ. ކުރިން ގޫގަލް އިން ފޯންތައް ފަރުމާ ކޮށްފައި ވަނީ އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމްއަށް މައި ސްޓޭޖް ލިބޭގޮތަށެވެ. އޭރުން ހާޑްވެއަރ ހުންނާނީ ފޯނުގެ ބެކްރައުންޑަށް ފެތުރި ގެއްލިދާގޮތަށް އެންޑްރޮއިޑްއަށް ސާރވް ކުރާ އުޅަނދެއް ގޮތަށެވެ. ނަމަވެސް 2021 ވަނަ އަހަރު ގޫގަލް އިން މިގޮތް ދޫކޮށް ޕިކްސެލް 6 ފަރުމާ ކޮށްފައިވަނީ ފޯނުގެ ހާރޑްވެއާ މާތަފާތުކޮށް ފެންނަގޮތަށެވެ. މީ ގޫގަލް އިން އެންމެ މަތީފަންތީގެ ފޯންތަކާ ވާދަކުރަން ކުރާ ކަމެއްކަން ޔަޤީނެވެ.


ގޫގަލް ޕްރޮސެސަރ : ޓެންސާރ އެސް.އޯ.ސީ

ޕިކްސަލް 6 ފަރުމާކުރެވިފައިވަނީ ޓެންސާރ ނަމަކަށް ކިޔާ ކަސްޓަމް ބިލްޓް ޗިޕަކާއެކީގައެވެ. ގޫގަލް ގެ ސީއީއޯ ސުންދަރް ޕިޗައި ވިދާޅުވާގޮތުންމީ ޕިކްސެލްގެ އެންމެ ބޮޑު އީޖާދެވެ. މިޗިޕް ޑިޒައިން ކޮށްފައިވަނީ ގޫގަލްގެ އިނޖިނަރުންތަކެއް ވެގެން އެންޑްރޮއިޑްގައި މަސައްކަތް ކުރާ ގޮތަށެވެ. ގޫގަލް އިން އެޕަލްގެ ޗިޕް އާ އަޅުވާކިޔާ އެއްޗެކޭ ނުބުނިނަމެސް ކުރީގައި ބޭނުންކުރަމުން އައި ކުއަލްކޮމް ޗިޕް އަށްވުރެ އަވަސްވެފައި ތަފާތުވާނެއެވެ.

ޕިކްސަލް 6 ސޮފްޓްވެއާރ. އެންޑްރޮއިޑް 12.

މިފަހަރު ޕިކްސެލް 6 ގެ އެންމެ ތަފާތު އަދި އެންމެ ފާހަގަ ކޮށްލެވޭ ކަމަކީ އޭގެ ސޮފްޓްވެއާރ އެވެ. ޕިކްސެލް 6 ގަންނައިރު ހުންނާނީ އެންޑްރޮއިޑް 12 އޮޕަރޭޓިންގް ސިސްޓަމް އެވެ. ޕިކްސެލް 6 ވެގެންދާނީ މި ސޮފްޓްވެއާރ ހުންނަ ފުރަތަމަ ފޯނަށެވެ. ސްކްރޯލެބަލް ސްކްރީން ޝޮޓްސްގެ އިތުރުން، މިނިޓް އަކުން މިނިޓް އަކުން ރައްކާތެރިކަން އަނގައިދޭ ޑޭޝްބޯޑްއަކާއި މީހާ ބޭނުންގޮތަކަށް ބަދަލުކުރެވޭ މި އޯއެސް ތަފާތެވެ. އަދި މީގެ އިތުރުން ޕިކްސަލް 6 ވެގެންދާނީ އާޓިފިޝަލް އިންޓެލިޖެންސް އަށް އެންމެ ބަރޯސާވާ ފޯން އަށެވެ. މީގެ ސަބަބުން ތަފާތު ބަސްބަހަށް ތަރުޖަމާ ކުރެވޭ ގޮތް މާ މޮޅުވުމާއި ، ކޮމްޕިއުޓަރލް ފޮޓޯގްރަފީ ތަފާތު މޮޅުގޮތަކަށް ޕިކްސެލް 6 ގަ ފެނިގެން ދާނެއެވެ.


އާހިލް އާސިމް އަބްދުالله

އާހިލް އާސިމް އަބްދުالله

އަޅުގަނޑުގެ ނަމަކީ އާހިލް އެވެ. ޓެކްނޮލޮޖީގެ އައު ވާހަކަތަކަށް ކެތްމަދުވެފައި ހުންނަ ޒުވާނެކެވެ!

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.