ބަރމިންގްހަމް 2022ގެ ބެޓަން ޖެނުއަރީ 1 ގައި ދިވެހިރާއްޖެއަށް

ހިންދު ޢަލީ 20 އޮކްޓޯބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ބަރމިންގްހަމް 2022 ކޮމަންވެލްތް ގޭމްސް ފެށުމުގެ ރަސްމިއްޔާތާއި ހަމައަށް މުޅި ދުނިޔޭގައި ދަތުރުކުރާނޭ ބެޓަންގެ ދަތުރު ވަނީ 7 އޮކްޓޯބަރ 2021 ގައި ފައްޓާފައެވެ. ބަކިންގްހަމް ޕެލަސްގައި ބޭއްވުނު ރަސްމިއްޔާތެއްގައި މިބެޓަންގެ ދަތުރު އިފްތިތާހު ކޮށްދެއްވީ އިނގިރޭސިވިލާތުގެ ރާނީ އެވެ. މިބެޓަންގައި ރާނީގެ ފަރާތުން މުޅި ކޮމަންވެލްތަށް އިއްވާނެ މެސެޖެއް ވަނީ ހިމަނާފައެވެ. ކޮމަންވެލްތު ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ރާނީގެ މިމެސެޖު އިއްވާނެއެވެ. ޖުލައި 2022 ގައި ފަށަން ހަމަޖެހިފައިވާ ކޮމަންވެލްތު ގޭމްސްގެ ފެށުމުގެ ރަސްމިއްޔާތަށް މިބެޓަން އަންނާނީ ކޮމަންވެލްތުގެ 72 ގައުމު އަދި ސަރަހައްދަކަށް ދަތުރުކޮށްފައެވެ. މިދަތުރަކީ 90,000 މޭލަށް ވުރެ ދިގު ދަތުރެކެވެ.

އާދައިގެ މަތިން ހަމަ ކޮންމެ ކޮމަންވެލްތު ގޭމެއްސްއެއްގައިވެސް މިފަދައިން ބެޓަލް ރިލޭ ކުރިއަށް ގެންދެއެވެ. މިބެޓޮން މިގޮތަށް ދަތުރުކުރުމާއި މީގައި ހިމެނޭ މެސެޖުން ރަމްޒުކޮށްދެނީ ކޮމަންވެލްތުގެ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުމެވެ. އަދި މިދަތުރުގެ ބޭނުމަކީ މިމުބާރާތް ފެށުމުގެ ކުރިންވެސް ހުރިހާ ގައުމުތަކެއްގައި ވެސް އެކަން ކުލަގަދަ ގޮތެއްގައި ފާހަގަކޮށް ބައިވެރިކުރުވުމެވެ.

ބަރމިންގްހަމް 2022 އަށް މިފަހަރު ތައްޔާރުކޮށްފައިވާ ބެޓަންއަކީ ސައިންސާއި ޓެކްނޮލޮޖީ އާއި އިންޖިނިއަރިން އަދި އާޓް ކޮލެބްރޭޓް ވާގޮތަށް ތައްޔާރުކޮށްފައިވާ ބެޓަންއެކެވެ. މިބެޓަން ޑިޒައިންކުރީ އިގިރޭސިވިލާތުގެ ވެސްޓް މިޑްލޭންސް ސަރަހައްދުގެ ބައެއް ޑިޒައިނަރުންނާއި ޓެކްނޮލޮޖިސްޓުން ގުޅިގެންނެވެ.

މިބެޓަންގެ ބައްޓަމާއި ޑިޒައިން، ކުރީގެ ބެޓަންތަކާއި ތަފާތުވާނޭކަމަށް ޑިޒައިނަރުން ބުނެފައިވެއެވެ. ބަރމިންގހަމް 2022 ވެގެން ދާނީ އެކި އެކި ކުޅިވަރުތަކަށް ހާއްސަކުރެވޭ އެހެން ނަމަވެސް އަންހެނުންގެ ކުޅިވަރުތައް ބޮޑަށް ފާހަގަ ކުރާ އަދި އަންހެނުންނަށް ގިނަ މެޑަލްތަކެއް ދެވޭނެ ކޮމަންވެލްތު ގޭމްސްގެ ފުރަތަމަ މުބާރާތަށެވެ. އެހެންކަމުން ބެޓަންގެ ޑިޒައިން އިން ރަމްޒުކޮށްދޭނީ ކޮމަންވެލްތު ގައުމުތަކުގެ އަންހެނުންގެ ބާރާއި ހިއްވަރެވެ.

ބެޓަންގައި ހިމެނޭ ބައިތަކަކީ؛

ރާނީގެ މެސެޖު ހިމެނޭ ކޮމްޕާޓްމަންޓެއް

މިބަޔަކީ ބްރާސްއިން ތައްޔާރުކޮށްފައިވާ މެކެނައިޒްޑް ކޮމްޕާޓްމަންޓެކެވެ. މިބައި ހުޅުވާނީ ބަރމިންގްހަމް 2022 ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައެވެ. މީގެ ތެރޭގައި ހިމެނޭ ރާނީގެ މެސެޖު އެރަސްމިއްޔާތުގައި އިއްވާނެއެވެ.

360 ކެމެރާއެއް

ބެޓަންގައި ހިމެނޭ 360 ޑިގްރީ ކެމެރާއަކީ ބެޓަންގެ 'ލޯ' ކަމަށް ޑިޒައިނަރުން މަޢުލޫމަތު ދެއެވެ. އަދި ވަށައިގެން ހިނގާ ހުރިހާ ކަމެއް ޑިޖިޓަލް އިމޭޖް އަދި މަޢުލޫމާތުގެ ގޮތުގައި އޭގެ 'ސިކުނޑީ' ގައި ރެކޯޑްވެގެން ދާނެ ކަމަށާއި، މީގެން ކޮމަންވެލްތު ގައުމުތަކުގެ ކުލަގަދަ ވާހަކަތައް ފެނިގެންދާނެ ކަމަށްވެއެވެ.

ކޮޕަރ، އެލުމިނިއަމް އަދި ބްރާސް

ބަރމިންގްހަމްގެ މަޝްހޫރު ޖުވެލަރީ ކުއާޓަރއަށް ނިސްބަތްވާގޮތަށް، ބެޓަން ތައްޔާރުކޮށްފައިވަނީ ކޮޕަރ، އެލިމުނިއަމް އަދި ބަރާސް މަޢުދަންތަކުންނެވެ. ޖުވެލަރީ ކުރާޓަރއަކީ ބަރމިންގަހަމްގައި މެދުތެރޭގައި ހިމެނޭ، 1980ގެ އަހަރު ތަކުން ފެށިގެން ހިމާޔަތްކޮށްފައިވާ މެޓަލް ވޯކްޝޮޕްތަކާއި، ޖަވާހިރާއި ގަހަނާ ވިއްކާ ފިހާރަތަކާއި ގަހާނާގެ މިއުޒިއަމް ފަދަ ތަންތަން ހިމެނޭ އިންޑަސްޓްރީ ހަބެކެވެ.

ޕްލެޓިނަމް ސްޓްރޭޑް

ބެޓަންގެ ބައްޓަމުގެ ވަށައިގެން ޕްލެޓިނަމް ފަށެއް ހިމެނިފައިވެއެވެ. މިއީ 2022 އަކީ އިނގިރޭސި ރާނީ އެލިޒަބެތު 2 ރަނިކަމުގެ ޕްލެޓިމް ޖުބިލީ (70 އަހަރު) ކަމަށް ވާތީ އެކަން ރަމްޒުކުރުމުގެ ގޮތުން ހިމަނާފައިވާ ބައެކެވެ.

އެލްއީޑީ ލައިޓްތައް

ބެޓަންގައި އެލްއީޑީ ލައިޓްތަކެއް ވެސް ހިމެނެއެވެ. މި ލެޑް ލައިޓްތަކަކީ އޭގައި ހިފައިގެން ހުންނަ މީހެއްގެ ހިތުގެ ވިންދު ސެންސްކޮށް ދިއްލޭނެ ބޮކިތަކެކެވެ. އަދި އެކަކު އަތުން އަނެކަކު އަތަށް ބެޓަން ބަދަލުކުރެވޭ ވަގުތު، ނުވަތަ ދެމީހުން ހިފަހައްޓައިގެން ހުންނަ ވަގުތު ބޮކިތައް ހާއްސަ ގޮތަކަށް ދިއްލޭނެކަމަށްވެސް ޑިޒައިނަރުން މަޢުލޫމާތު ދެއެވެ.

ސެންސަރުތައް

ބެޓަންގެ ހާއްސަ އެއްކަމަކީ އޭގައި ހިމެނޭ 'ފުއްޕާމޭ' ކަމަށް ބުނެވެއެވެ. އެއީ ދުނިޔޭގެ ކޮންމެ ހިސާބަކަށް ބެޓަން ދަތުރުކުރާއިރުވެސް ވަށައިގެންވާ ޖައްވުގައި ހިމެނޭ ތިމާވެށީގެ ހާލަތު ރެކޯޑުކުރާ ސެންސަރުތަކެކެވެ. މި ސެންސަރުތަކުގައި ބޭނުންކުރަނީ ލޭޒަރ ޓެކްނޮލޮޖީއެވެ.

7 އޮކްޓޯބަރުގައި ފެށުނު މިބެޓަންގެ ދަތުރުގެ ދިގުމިނަކީ 269 ދުވަހެވެ. ކޮންމެ ގައުމެއްގައި 2 ދުވަހާއި 4 ދުވަހާއި ދެމެދުގެ ވަގުތެއް ހޭދަކުރާނެއެވެ. ކޮމަންވެލްތުގެ 72 ގައުމު އަދި ސަރަހައްދު ހިމެނޭ ގޮތަށް ކުރެވޭ މިދަތުރުގައި 7500 އަށް ވުރެ ގިނަ މީހުން މިބެޓަން އުފުލާނެއެވެ. ކުރީ އަހަރާއި އަޅާބަލާފައި މިއަހަރުގެ ދަތުރުގެ ކާބަން ފުޓްޕްރިންޓް ދެބައިކުޅައެއްބަޔަށް ކުޑަ ވާނެކަމަށްވެއެވެ. ބެޓަން ދަތުރުކުރާ މަގުގައި ކޮންމެ ގައުމެއްގައި މަޑުކޮށް އެކިއެކި ހަރަކާތްތައް ކުރިއަށް ގެންދަން ޕްލޭންކުރެވިފައިވެއެވެ.

ބަރމިންގްހަމުން ފަށިގެން ގޮސް، އޮކްޓޯބަރު މަހުގެ ތެރޭގައި ސައިޕްރަސް، މޯލްޓާ އަދި އެފްރިކާގެ ގައުމުތައް ކަވަރު ކުރާނެއެވެ. ޑިސެމްބަރު ފަހު ކޮޅުން ފެށިގެން އޭޝިޔާ ސަރަހައްދުގައި ދަތުރުކުރާނެ ކަމަށާއި އައު އަހަރު ފެށޭ ދުވަހު ދިވެހިރާއްޖޭއަށް އައުމަށްވެސް ބެޓަންގެ ރޫޓްގައި ވެއެވެ. ހުރިހާ ގައުމެއްގައި ދަތުރުކޮށް ނިންމާ، 2022 ޖުލައި 3 ގައި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތަށް ބެޓަންގެ ދަތުރު ނިންމާލާނީ ވެސް ބަރމިންގްހަމްއަށެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.