ޕަބްޖީ ނިއު ސްޓޭޓް އައިއޯއެސްއަށާއި އެންޑްރޮއިޑަށް އަންނަނީ!

ޢާއިޝަތު ޝައިހާ 22 އޮކްޓޯބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޕަބްޖީ ނިއު ސްޓޭޓް، މި އަންނަ މަހުގެ 11 ވަނަ ދުވަހު އައިއޯއެސް އަދި އެންޑްރޮއިޑް އަށް ރިލީޒް ކުރާނެ ކަމަށް ގޭމްގެ ޕަބްލިޝަރ ކްރާފްޓްޓަން އިން ބުނެފި އެވެ. މި ގޭމަކީ 2051 ވަނަ އަހަރުގެ މައްޗަށް ބިނާކުރެވިފައިވާ ގޭމަކަށް ވާއިރު، ހަތިޔާރުތަކަށް ބޭނުންވާ ބަދަލުތައް ގެނައުމާއި އިން-ގޭމް ޑްރޯން ފަދަ އާ ސިފަތަކަކާއިއެކު މަލްޓިޕްލެޔަރ ފޯކަސްޑް ޕަބްޖީ ފޯމިއުލާއަށް މުސްތަގުބަލު ގެ ނަޒަރަކުން ބަލައިލާނެ އެވެ. ނިއު ސްޓޭޓްގެ ތައާރަފް ކުރާއިރު، 200 އަށް ވުރެ ގިނަ ގައުމުގައި 17 ބަހަކުން ލިބެން ހުންނާނެ އެވެ.

ނިއު ސްޓޭޓަކީ 2017 ވަނަ އަހަރު ފުރަތަމަ ޓައިޓަލް ލޯންޗް ކުރުމަށް ފަހު ބެޓްލް ރޯޔަލް ޖޯންރާ އަށް މަގުބޫލުވެފައިވާ ޕަބްޖީ ސީރީޒްގެ މުހިންމު ލޯންޗެކެވެ. ނިއު ސްޓޭޓަކީ ފުރަތަމަ މޯބައިލް އެންޓްރީ ނޫން ނަމަވެސް، 2018 ވަނަ އަހަރު ޕަބްޖީ މޯބައިލް ލޯންޗުކުރުމާ ގުޅިގެން، މިއީ މި ގޭމްގެ އޮރިޖިނަލް ޑިވެލޮޕަރު، ޕަބްޖީ ސްޓޫޑިއޯސް އިން އުފެއްދި ފުރަތަމަ މޯބައިލް އެންޓްރީ އެވެ. އޮރިޖިނަލް ޕަބްޖީ މޯބައިލް ގެ ޑިވެލޮޕްމަންޓް ގެ ހުރިހާ ކަމެއް އެންމެ ފުރަތަމަ ބަލަހައްޓަމުން ދިޔައީ ޗައިނާގެ ޓެކް ކުންފުންޏެއް ކަމަށްވާ ޓެންސެންޓް އިންނެވެ.

ޕަބްޖީ ސްޓޫޑިއޯސް އިން އެންމެ ބޮޑަށ މަސައްކަތްކުރަމުންދާ އެއް ކަމަކީ، ނިއު ސްޓޭޓުން ލޯންޗްގައި "ވަރުގަދަ އެންޓި ޗީޓް" ފިޔަވަޅުތަކެއް އަޅުމަށް ކަމަށާއި، އެ ކުންފުނިން މުޖްތަމައުގެ ތެރޭގައި މަކަރު ހެދުން ހުއްޓުވުމަށްޓަކައި ދުރާލާ އެފަދަ އަމަލުތައް ދެނެގަތުމަށް ކެނޑިނޭޅި މަސައްކަތްކުރަމުން ގެންދާނެ ކަމަށެވެ. ޕަބްޖީ ގޭމްތަކަށް މީގެ ކުރިން ވެސް މަކަރުވެރިންގެ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާއިރު، މަދަރބޯޑް އިން މިއަހަރުގެ ކުރީކޮޅު ރިޕޯޓުކުރި ގޮތުގައި ޗީޓް އުފައްދާ ޖަމާއަތަކުން ޕަބްޖީ މޯބައިލް އަށް ޗީޓް ވިއްކައިގެން 70 މިލިއަނަށްވުރެ ގިނަ ޑޮލަރު ހޯދި ކަމަށް ބުނާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ. ނަމަވެސް މި މައްސަލަ އަކީ ގޭމިންގް ސިނާއަތުގައި ވަރަށް ބޮޑަށް ހިނގަމުންދާ މައްސަލައެކެވެ. އެކްޓިވިޒަން އާއި ވޭލްވް ފަދަ އެހެން ކުންފުނިތަކުން ފަހަކަށް އައިސް ވަނީ އެ ކުންފުނިތަކުގެ ގޭމްތަކާއި ހާޑްވެއާތަކުގައި މަކަރު ހެދުން ހުއްޓުވުމަށް ކުރާ މަސައްކަތާ އެކު ހަބަރުތައް ފަތުރާފައި އެވެ.

ކުރީގެ ޕަބްޖީ ގޭމްސްތަކެކޭ އެއްފަދައިން ނިއު ސްޓޭޓަކީ ވެސް މަލްޓިޕްލޭޔަރ މެޗުތަކުގެ ވަށައިގެން އެނބުރޭ ގޭމެކެވެ. 100 އާ ހަމައަށް ކުޅުންތެރިން މެޕެއް ތެރެއަށް ވަދެ، އެއް ކުޅުންތެރިޔަކު ނުވަތަ ސްކޮޑަކުން ކާމިޔާބީ ހޯދުމަށް ނުކުމެއެވެ. ފްރެންޗައިޒް ސްޓޭޕަލް އެރެންޖަލް ހިމެނޭ ގޮތަށް ނިއު ސްޓޭޓުގައި 4 މެޕް ލިބެން ހުންނާނެ ކަމަށާއި ޕަބްޖީ ސްޓޫޑިއޯސް އިން އައު ކޮންޓެންޓާއެކު ގަވާއިދުން ގޭމް އަޕްޑޭޓް ކުރާނެ ކަމުގެ ޔަގީންކަން ދެއެވެ.

ބްލޫމްބާގް އިން ޖެނުއަރީ މަހު ރިޕޯޓުކޮށްފައިވާ ގޮތުގައި މޯބައިލް ގެ އިތުރުން، ކްރާފްޓްޓަން އިން ރާވާފައި ވަނީ ޕީސީ އާއި ކޮންސޯލްތަކަށް ޕަބްޖީއާ ގުޅުން ހުރި އެހެން ގޭމެއް އަންނަ އަހަރުގެ ތެރޭގައި ނެރުމަށެވެ. ޕަބްޖީ ޔުނިވާސްގައި ތިން ގަރުނުގެ ތެރެއަށް ފެތޭ ފަދަ ސަރވައިވަލް ހޮރޯ ގޭމެއް ނެރުމުގެ ވިސްނުން ވެސް އެބަހުރި ކަމަށާއި އެ ގޭމް 2022 ވަނަ އަހަރު ރިލީޒް ކުރާނެ ބުނެފައި ވެއެވެ.


ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.