މިފެށޭ 2022 އަހަރުގެ ޖަނަވަރީމަހުންފެށިގެން ޕްލޭސްޓޯރގައި ހިމެނިފައިވާ ސަބްސްކްރިޕްޝަން ބޭސްޑް އެޕްތަކުން ނަގާ ފީ 30% އިން 15% އަށް ކުޑަކުރަން ގޫގަލްއިން ނިންމާފިއެވެ. ކުރިން އޮންނަ އުސޫލަކީ ޕްލޭސްޓޯރ އަށް ތަޢާރަފުވާތާ އެއްއަހަރުތެރޭ ކަސްޓަމަރުން ރީޓެއިންކުރެވޭ ވަރު ބަލާފަ، އެމިންގަނޑަށް ފެތޭ އެޕްތަކުން 15% ގެ ސާވިސްފީއެއް ކެނޑުމެވެ.
ގޫގަލް އިން ހާމަކުރިގޮތުގައި މިބަދަލު ގެންނަން ނިންމީ، އެއްއަހަރު ވަންދެން 30% ގެ ފީއެއްގައި ކަސްޓަމަރުން ރީޓެއިންކޮށްފައި، ދެން 15% އަށް ތިރިކުރެވޭއިރުވެސް ފައިދާއެއް ހޯދަން ގިނަ އެޕްތަކަށް ދަތިވާތީވެ އަލަށް ތަޢާރަފުކުރެވޭ އެޕްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުންނެވެ.
ގޫގަލްގެ މި ނިންމުމަށް ބަމްބަލް އަދި ޑުއޯލިންގޯ ފަދަ ބޮޑެތި އެޕްތަކުންވަނީ މަރްޙަބާ ކިޔާފައެވެ. މިގޮތުން ޑުއޯލިންގޯގެ ސީއީއޯ ލުއިން ވޮން އާން ވިދާޅުވިގޮތުގައި، ގޫގަލްއިން އެޕްޑެވެލޮޕަރުންނާއި ޕްލެޓްފޯމަށް ފައިދާ ވާފަދަ މޮޑެލްތައް ތަޢާރަފުކުރާތަން ފެނުމަކީ އެކުންފުންޏަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އަދި މިއީ ޑުއޯލިންގޯއިން ދުނިޔޭގެ ހަތަރުބިތަށް ތަޢުލީމީ ފުރުސަތުތައް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގައި ލިބުނު ވަރަށްބޮޑު އެހީއެއްކަމަށް އާން ސިފަކުރެއްވިއެވެ.
ގޫގަލްގެ މިނިންމުން މިއައީ، ގޫގަލް އަދި އެޕަލްފަދަ އެޕްސްޓޯ ހިންގާ ކުންފުނިތަކާ ދެކޮޅަށް، މަޤްބޫލް ފޯޓްނައިޓް ގޭމްގެ ޑެވެލޮޕަރު އެޕިކް ގޭމްސްއިން ކޯޓަށް މައްސަލައެއް ހުށައަޅާފައިވާ ދަނޑިވަޅެއްގައެވެ. ގޫގަލް އަދި އެޕަލްގެ އެޕްސްޓޯތަކުން އެޕް ޑިސްޓްރިބިއުޓްކުރުމާއި ޕޭމަންޓުތައް ދޫކުރުމުގައި އެންޓި ކޮންޕެޓިޓިވް ޕްރެކްޓިސްތަކެއް ގެންގުޅޭކަމަށް ތުހުމަތުކޮށް އެޕިކް ގޭމްސްއިން ހުށައެޅި މި މައްސަލަ ހުސްވި ސެޕްޓެމްބަރު މަހު ކޯޓުން ބޭރުކޮށްލެވުނުއިރު، އެޕިކް ގޭމްސްއިން އެހާ އަވަހަށް އަމާންދޭކަށެއް ގަސްތެއްނުކުރެއެވެ. އޮގަސްޓުމަހު ސެނެޓަށް ހުށައެޅުނު ބިލެއްގައި، އެހެން ޕްލެޓްފޯމްތަކުގެ އަގުތައް ކަސްޓަމަރުންނަށް ކިޔައިދިނުން ޑެވެލޮޕަރުންނަށް މަނާކުރެވޭގޮތަށް އެޕަލް އަދި ގޫގަލް ޕްލޭސްޓޯގެ ކޮންޓްރެކްޓުތަކުގައި އޮންނައޮތުމަށް ނިމުމެއްގެންނަން ހުށައަޅައެވެ. މިކަމާ ވިދިގެން އެޕަލްއިންވަނީ، ޑެވެލޮޕަރުންނަށް އެހެން ޕްލެޓްފޯމްތަކުގެ އަގުތައް ދެއްކުމުގެ ހުއްދަ ދޫކޮށްފައެވެ.
ސަބްސްކްރިޕްޝަންބޭސްޑް ސާވިސް ފީތައް ލުއިކުރުމުގެ އިތުރުން، ގޫގަލްއިންވަނީ އީބުކްސް އަދި މިޔުޒިކް ސްޓްރީމްކުރާ ޕްލެޓްފޯމްތަކުން އަތުލެވޭ ސާވިސްފީތައްވެސް ކުޑަކޮށްފައެވެ. މިއީ ލިޔުންތެރީންނާއި ފަންނުވެރީންގެ ކޮމިއުނިޓީއާއި ރައްޓެހި މާހައުލަކަށް ގޫގަލް ޕްލޭސްޓޯ ހެދުމުގެ ގޮތުން ގެނައި ބަދަލެއްކަމަށް ގޫގަލްއިން ސިފަކުރެއެވެ. އެހެންނަމަވެސް އަދިވެސް ގޭމް ކުންފުނިތަކަކަށް ފައިދާކުރަނިވި ބަދަލެއް ނުލިބެއެވެ. އިން އެޕް ޕާޗަސްތަކަށް ބަރޯސާވާ ގޭމް ކުންފުނިތަކުން ޖަމާކުރެވޭ ފުރަތަމަ އެއްމިލިޔަން ޑޮލަރާއި ހަމައަށް އަދިވެސް 15% ގެ ކޮމިޝަނެއް ދައްކަންޖެހެއެވެ. އަދި އެއަށްފަހު އެކޮމިޝަން 30% އަށް އިތުރުވެގެންދެއެވެ. 2020ވަނަ އަހަރު އެކަނި ގޫގަލްއަށްވަނީ 11.6 ބިލިއަން ޔޫއެސްޑޮލަރުގެ ސާފުފައިދާ އިން-އެޕް ޕާޗަސްތަކުން ލިބިފައެވެ.
މިއޮކްޓޫބަރުމަހުގެ 27-28ހަށް ބޭއްވޭ އޮންޑްރޮއިޑް ޑެވެލޮޕަރ ސަމިޓުގައި، އިތުރު އަޕްޑޭޓްތައް އިޢުލާންކުރަން ގަސްތުކުރާކަމަށްވެސް ގޫގަލްއިން ހާމަކުރިއެވެ.
ޓެކްނޮލޮޖީގެ ބާރުދުވެއްޔާއި ފައިހަމަކުރެވޭތޯ މަސައްކަތްކުރަމުންދާ ދަރިވަރެއް.