ފަހުގެ ޓެކްނޮލޮޖީތަކުން ބޭންކިން ސެކްޓާއަށް ބަދަލު އަންނާނެ

ޝުޖާޢަތު ރަޝީދު 23 އޮކްޓޯބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ބްލޮކްޗެއިން، އާޓިފިޝަލް އިންޓަލިޖަންސާއި އައި.އޯ.ޓީ ޓެކްނޮލޮޖީއިން ބޭންކިން ކުރާގޮތަށް ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ވަރަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ރޯޔަލް ބޭންކް އޮފް ކެނެޑާގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޑޭވް މެކޭ ވިދާޅުވެއްޖެއެވެ.

ބްލޮކްޗެއިނާއި ޑިޖިޓަލް ކޮއިންތައް އަދި މުޅިން ފުރިހަމަ ވެފައި ނުވި ނަމަވެސް، އެ ކޮއިންތައް އަދިވެސް ކުރިއަރަމުން ދާނެ ކަމަށް އޮންލައިންކޮށް ބޭއްވުނު ސިބޯސްގެ ފައިނޭންޝަލް ސާވިސަސް ކޮންފަރަންސްއެއްގައި ޑޭވް މެކޭ ވިދާޅުވިއެވެ.

ރޯޔަލް ބޭންކުން މިހާރުވެސް އާޓިފިޝަލް އިންޓަލިޖަންސް ޓެކްނޮލޮޖީއާއި އެކީ ޓްރޭޑިން ޕްލެޓްފޯމެއް ބޭނުން ކުރަމުންދެއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ރޯޔަލް ބޭންކުން އިތުރު ނިންމުންތަކެއް ޑޭޓާއާއި މެޝިން ލާނިން ޓެކްނޮލޮޖީއާއި ގުޅޭގޮތައް ނިންމުމަށް ވިސްނާ ކަމަށްވެސް ޑޭވް މެކޭ ހާމަކުރިއެވެ.

ބްލޮކްޗެއިންގެ މުހިންމުކަން - ޓެކް.ކޯއިން

ފަސް ވަނަ ޖެނެރޭޝަންގެ ޓެލެކޮމިއުނިކޭޝަން ނެޓްވޯކްތަކާއި އައި.އޯ.ޓީ ނުވަތަ އިންޓަނެޓް އޮފް ތިންގްސް އައުން (އިންޓަނެޓާ ގުޅިފައިވާ ޑިވައިސްތަކާއި އާލާތްތައް އިތުރުވަމުން އަންނަ މިންވަރު ސިފަކޮށްދޭން ބޭނުން ކުރާ ބަހުރުވައެއް) ރަމްޒުކޮށްދެނީ "ޓްރާންސްފޯމޭޝަނަލް ޓެކްނޮލޮޖީއެއް، އަހަރެމެންނާ ޖައްސަން ކައިރިވެފައި އޮތް" ކަމަށް މެކޭ ވިދާޅުވި އެވެ.

"އޭގެ ސަބަބުން މުޢާމަލާތްތަކުގެ އަދަދާއި، އެ މުއާމަލާތްތަކުގެ ކޮމްޕްލެކްސިޓީ އާއި، އަހަރެމެންގެ ގާބިލްކަން ކުރިން ހުރި ވަރަށް ވުރެ އެތައް ގުނައެއް އިތުރަށް ކުރިއަރައިގެން ދިއުމުގެ ބޭނުންތެރިކަން އަނެއްކާވެސް ފެނިގެން ހިނގައިދާނެ،" ރޯޔަލް ބޭންކުގެ ޕާސަނަލް އަދި ކޮމާޝަލް ބޭންކިންގެ ވެރިޔާ ނީލް މެކްލައުލިން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މެކޭ ވިދާޅުވި އެވެ.

އެމެރިކާއާއި ޔޫރަޕްގެ 90 އިންސައްތަ ބޭންކުތަކުން ބްލޮކްޗެއިން ޕްރޮޖެކްޓް ފަށާފައިވޭ

މީގެ އިތުރަށް މެކޭ ފާހަގަކޮށްފައިވަނީ މިފަދަ ބަދަލުތަކާއި އެކީ ނާޒުކު ކަންތައްތައް ބޭންކިން ސިސްޓަމްތަކުގެ ތެރެއިން ފެނި، ބޭންކުތަކުން އެއާއި ގުޅިގެން ދިފާޢުކޮށް ރައްކާތެރިވުމުގެ ގޮތުން އެތައް ބަދަލުތަކެއް ގެނެސް ސައިބާ ސެކިއުރިޓީ އަށް އިތުރަށް ބެލުމަށް ޗެލެންޖުވެސް ކުރުވާނެ ކަމަށެވެ.

ކެނެޑާގެ ރޯޔަލް ބޭންކުން އެންމެ ފުރަތަމަ ބްލޮކްޗެއިން ޓެކްނޮލޮޖީ އެކްސްޕެރިމެންޓުކޮށް ބޭނުން ކުރަންފެށީ އެމެރިކާގެ ބޭންކުތަކާއި ކެނެޑާގެ ބޭންކުތަކާއި ދެމެދު ފައިސާދެއްކުމުގެ މުޢާމަލާތްތަކާއި ޓްރާންސެކްޝަންތައް ކުރުމުގެ ގޮތުންނެވެ. ރޯޔަލް ބޭންކުން މިކަން ކުރަން ފެށީ މީގެ 4 ވަރަކަށް އަހަރު ކުރިންނެވެ.

މީގެ އިތުރުން ސްކޮޓްލެންޑްގެ ރޯޔަލް ބޭންކުންވެސް ބްލޮކްޗެއިން / ޑީ.އެލް.ޓީ ޓެކްނޮލޮޖީ ބޭނުންކުރަން ފަށާފައިވެއެވެ. މިއީ ވީހާވެސް އަވަސްކޮށް ސެޕާ (ސިންގަލް ޔޫރަޕިއަން ޕޭމަންޓް އޭރިއާ) ގައި ފައިސާގެ މުޢާމަލާތްކުރުމަށް ގޫގަލްގެ ކްލައުޑް ޕްލެޓްފޯމާއި އެކީ ފެށުނު ބަދަލެކެވެ.

ކްރިޕްޓޯކަރަންސީއަކީ މިހާތަނަށް ބްލޮކްޗެއިން ޓެކްނޮލޮޖީ އެންމެ ގިނައިން ބޭނުންކުރާ އެއް ކަރަންސީއެވެ.

2018 ވަނަ އަހަރާއި ހަމައަށް އެމެރިކާއާއި ޔޫރަޕްގެ ހުރިހާ ބޭންކެއްގެ ގާތްގަނޑަކަށް 90 އިންސައްތަ ބޭންކުތަކުން ވަނީ ބްލޮކްޗެއިން އާއި ގުޅުން ހުރި ޕްރޮޖެކްޓްތައް ފަށާފައެވެ. އެއީ ރެކޯޑް ބެލެހެއްޓުމުގައި އެހީތެރިވެދޭތީވެއާއި އެކައުންޓިންގައިވެސް މިހާރު ޓްރެންޑަކަށް މި ޓެކްނޮލޮޖީތައް ވެފައިވުމުންނެވެ.

ބްލޮކްޗެއިން ބޭނުން ކުރުމަކީ، ބޭންކިން އިންޑަސްޓްރީގެ ސްޓްރީމްލައިން ޕްރޮސެސްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި، މި ޕްރޮސެސްތަކުގެ ސަބަބުން ބޭންކްތަކަށް 12 ބިލިއަން ޑޮލަރާއި، އިންޝުއަރެންސް ކުންފުނިތަކަށް 7 ބިލިއަން ޑޮލަރާއި، ކެޕިޓަލް މާކެޓް ފާމްތަކަށް 4 ބިލިއަން ޑޮލަރާއި ހަމައަށް ކޮސްޓް ސޭވިންގްސް އިތުރުކުރެވޭނެ ކަމަށް އެކްސެންޗަރގެ ރިޕޯޓެއްގައި ބުނެފައި ވެއެވެ.

ބްލޮކްޗެއިން ޕްރޮޓޮކޯލްތަކުގެ ސަބަބުން ބޭންކިން އިންފްރާސްޓްރަކްޗާ އަށް ކުރާ ހަރަދުގެ 30 އިންސައްތައާއި ގާތްކުރާ އަދަދަކަށް ކުޑަކުރެވިދާނެ ކަމަށް ކޮއިންޖާނަލްއިން ރިޕޯޓުކުރެއެވެ.ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.