ދޮށީ އުމުރުގެ މީހަކަށް ފޯނެއް ސެޓަޕް ކުރާނީ ކިހިނެއް؟

ޝުޖާޢަތު ރަޝީދު 23 އޮކްޓޯބަރު 2021

ބައެއް ފަހަރު އުމުރުން ދުވަސްވުމުގެ ސަބަބުން ނުވަތަ ޓެކްގެ ތަޖުރިބާ ދަށްވުމުގެ ސަބަބުން ސްމާޓް ފޯނު ބޭނުންކުރުމަކީ މާ ފަސޭހަ ކަމަކަށް ނުވެއެވެ.

ފޯނު ފަސޭހަ ކަމާއެކީ ގެންގުޅެލުމަށް ކުޑަ ސެޓަޕެއް ހަދާފައި ހަވާލުކޮށް އަދި ކިޔާ ދިނުމުން އުމުރުން ދުވަސްވީ މީހުންނަށްވެސް ފަސޭހަވާނެކަން ޔަޤީނެވެ.

މިކިޔާދެނީ އުމުރުން ދުވަސްވީ މީހަކަށް ސްމާޓް ފޯނެއް ރައްކާތެރި ކަމާއެކީ ގެންގުޅެވޭނެ ގޮތައް ސެޓް ކުރެވިދާނެ ގޮތަތަކެވެ.

ކޮންމެ މީހަކީވެސް ތަފާތު ކަންތައްތަކަށް ފޯނު ބޭނުންކުރާ ބަޔަކަށް ވާތީވެ އެމީހަކަށް އެންމެ ކަމުދާ ފަސޭހަ ގޮތަކަށް ފޯނުގެ ސެޓަޕް މި މަޢުލޫމާތުގެ އެހީގައި ހަދާލެވޭނެއެވެ.

ފޯނުގެ ލޮކް ސްކްރީނުގެ ސެޓަޕް

ލޮކް ސްކްރީން ސެކިއުރިޓީ ކޯޑެއް ނުހިމެނުމަކީ ފަސޭހަކަމެއް ކަމަށް ގިނަ މީހުންނަށް ހީވެދާނެއެވެ. ނަމަވެސް ސްމާޓް ފޯނަކީ ބައޮމެޓްރިކް ސްކޭން (އިނގިލީގެ ނިޝާން ނުވަތަ މޫނުގެ ނިޝާނަށް) ބަލައި ލޮކް-އަންލޮކް ކުރެވޭ ތަކެއްޗަށް ވީހިނދު މިކަން ކުރުމަކީ ފޯނުގެ ރައްކަލަށް ވަރަށް މުހިންމު ކަމެކެވެ.

އިނގިލީގެ ނިޝާން ނުވަތަ ފޭސް އައި-ޑީ ބޭނުން ނުކުރެވޭ ފޯނެއް ނަމަ ދުވަސްވީ މީހަކަށް އިނގޭވަރުގެ، ހަނދާން ހުންނަ ވަރުގެ ކުޑަ ޕާސްކޯޑެއް ޖަހައި ފޯނަށް ވަންނަ ގޮތް ކިޔާލަދެވިދާނެއެވެ.

އެންޑްރޮއިޑް ފޯނުގައި: ސެޓިންތެރެއަށް ގޮސް، ސެކިއުރިޓީ ސެޓިން ނަގާލުމަށްފަހު ސްކްރީން ލޮކް ނަގާލާށެވެ. އަދި މިތަނުގައި ބޭނުންވާ ސްކްރީން ލޮކް ގޮތް ނެންގެވުމަށްފަހު ސެޓަޕް ހަދާލާށެވެ.

އައިފޯނުގައި: ސެޓިންތެރެއަށް ގޮސް، ފޭސް އައި-ޑީއާއި ޕާސްކޯޑް، ޓަޗުއައ-ޑީ ނުވަތަ ޕާސްކޯޑް ނަގާލުމަށްފަހު ސެޓަޕް ހަދާލާށެވެ.

ފޯނުގެ ހޯމް ސްކްރީން ރީތިކޮށްފައި ބެހެއްޓުން

ފޯނުގެ ހޯމް ސްކްރީން ނުވަތަ ފުރަތަމަ ފެންނަ ސްކްރީން ރީތިކޮށްލުމަށްޓަކައި ހޯމް ސްކްރީން ވަރަށް އާދައިގެ ގޮތަކަށް ބަހައްޓާށެވެ. އައިކަންތައް މަދުކޮށް، ގަވާއިދުން ބޭނުން ނުކުރާނެ އެއްވެސް އެއްޗެއް ނުބަހައްޓައި، އަންއިންސްޓޯލް ކޮށްލާށެވެ.

އެންޑްރޮއިޑް ފޯނުގައި: އައިކަންއަށް ފިތާލައި ހިފަހައްޓާލުމަށްފަހު އަންއިންސްޓޯލްކުރާ ބަޓަންއަށް ގެންދާށެވެ.

އައިފޯނުގައި: ހޯމް ސްކްރީންއަށް ފިތާލައިން ހުރުމަށް ފަހު އައިކަންތައް ތެޅެން ފެށުމުން ބޭނުންތާކަށް ސްކްރީންގައި ގެންގޮސް ބަހައްޓާށެވެ. އަންއިންސްޓޯލް ކުރަން ބޭނުންވާނަމަ ކްރޮސް އަށް ފިތާލުމަށްފަހު އެކަން ކުރެވޭނެއެވެ.

ގިނައިން ބޭނުންކުރާ އެޕުތަކަށް ފަސޭހައިން ވަދެވޭގޮތައް ޝޯޓްކަޓް ހެދުން

ކޮންމެ ކަހަލަ ސްމާޓް ޑިވައިސެއް ވިޔަސް އެޕުތަކުގެ ޝޯޓްކަޓް ހޯމް ސްކްރީނަށް ލުމުން ފަސޭހަ ކަމާއެކު އެޕްތަކަށް ވަދެވޭނެއެވެ. މިސާލަކަށް މެސެޖް ކުރުމަށް ބޭނުންކުރާ އެޕެއް، ނުވަތަ ކޮންޓެކްޓްތައް ފަސޭހައިން ފެންނަ ހިސާބެއްގައި ބެހެއްޓިދާނެއެވެ.

އެންޑްރޮއިޑް ފޯނުގައި: ހޯމް ސްކްރީނަށް ފިތާލުމަށްފަހު، ވިޖެޓްސް ނަގާލާފައި ކޮންޓެކްސް ނެގުމަށްފަހު ޑައިރެކްޓް ޑައަލްގެ ތެރެއިން ކޮންޓެކްސް ނަގާލެވޭނެއެވެ. މި ޝޯޓްކަޓް ހޯމް ސްކްރީންގެ ކޮންމެ ތަނެއްގައިވެސް ބައިންދާލެވެއެވެ.

މިހެން ހެދުމުން ޝޯޓްކަޓްގައި އިން ކޮންޓެކްޓަށް އެއް ފަހަރު ފިތާލުމުން ގުޅޭނެއެވެ.

އައިފޯނުގައި: ޝޯޓްކަޓް އެޕް ނަގާލުމަށްފަހު + އައިކަންއަށް ފިތާލުމަށްފަހު ބޭނުން ކޮންޓެކްޓަކާއި ގުޅުވައިގެން ފޯނު ކުރުމަށް ނުވަތަ މެސެޖުކުރުމަށްވެސް ޝޯޓްކަޓްއެއް ލެވެއެވެ.

މި ޝޯޓްކަޓްތައް ސިރީގެ އެހީގައިވެސް ބޭނުންކޮށްލެވޭނެއެވެ. މިފަދަ ޝޯޓްކަޓްތައް ހޯމް ސްކްރީނަށް ލުމަށްޓަކައި އައިކަން ބަދަލުކޮށް ވިޖެޓެއް ގޮތުގައިވެސް ހޯމް ސްކްރީނުގައި ބެހެއްޓޭނެއެވެ.

ފޯނުގެ ލިޔުންތަކުގެ ބޮޑުމިނާއި ކުޑަމިން

ސްކްރީނުގައި ހުންނަ ލިޔުންތައް ކިޔާލުމަށް އުމުރުން ދުވަސްވީ ގިނަ މީހުންނަށް ފަސޭހަވާނީ ފޮންޓު ސައިޒް ބޮޑުކޮށް ހުރުމުންނެވެ.

އެންޑްރޮއިޑް ފޯނުގައި: ސެޓިންއަށް ގޮސް، ޑިސްޕްލޭ ސެޓިން ނަގާލުމަށްފަހު ފޮންޓު ސައިޒް ނަގާލާށެވެ.

މި ސެޓިންގައި ދައްކާފައިވާ ސްލައިޑާ ބޮޑުކޮށް އަދި ކުޑަކުރުމުން ލިޔުންތަކުގެ ސައިޒް ބޮޑުވެ ކުޑަވެ ހުންނަ ގޮތް ދައްކާނެއެވެ. ބޭނުންވާ ސައިޒެއް ނަގާލުމުން ފޮންޓުގެ ސައިޒް ބަދަލުވާނެއެވެ.

އައިފޯނުގައި: މިފޯނުގައިވެސް ސެޓިން ތެރެއަށް ވަނުމަށްފަހު ޑިސްޕްލޭއާއި ބްރައިޓްނަސްގެ ސެޓިން ނަގާލުމަށްފަހު ޓެކްސްޓް ސައިޒުން ބޭނުންވާ ސައިޒެއް ފޮންޓަށް ނަގާލެވޭނެއެވެ.

މި ސެޓިންތެރެއިން ބޮޑުކުރެވޭ ވަރަށްވުރެން އިތުރަށް ފޮުންޓު ސައިޒް ބޮޑުކުރަން ބޭނުންވާނަމަ ސެޓިންތެރޭގައި އިންނަ އެކްސެސެބިލިޓީއަށް ވަނުމަށްފަހު ބޮޑު ފޮންޓު ސައިޒެއް ނަގާލާށެވެ.

ފޯނު ރިންގުވާ އަޑާއި ފޯނަށް އަންނަ ނޮޓިފިކޭޝަންތައް

އަންނަ ކޯލްތައް ނުވަތަ މެސެޖުތައް އަޑުއިވުމުގައި މައްސަލަ ދިމާވުމަކީ އާންމު ކަމެކެވެ. ވޮލިއުމް ފުދޭވަރަކަށް އަޑުގަދަތޯ ޔަގީންކޮށް، ފޯނު ބޭނުންކުރާ މީހާއަށް އެކަށީގެންވާ ރިންގްޓޮންތަކާއި އެލާޓްތައް ހޮވާށެވެ.

އެންޑްރޮއިޑް ފޯނުގައި: ސެޓިންއަށް ގޮސް، ދެން އެލާޓް ސައުންޑްސް، ރިންގްޓޮން، އަދި ވޮލިއުމް ލެވެލް ތައް ކަނޑައެޅުމަށް ސައުންޑް އެންޑް ވައިބްރޭޝަން އަށް ދާށެވެ. ރިންގް ވައިބްރޭޝަނާއި ނޮޓިފިކޭޝަން ވައިބްރޭޝަން ލެވެލްތައް ވެސް މިތަނުން ސެޓް ކުރެވިދާނެ އެވެ.

އައިފޯނުގައި: ސެޓިންއަށް ގޮސް، ދެން ސައުންޑްސް އެންޑް ހާޕްޓިކްސް އަށް ގޮސް، ބޭނުންވާ އަޑުތައް އިޚްތިޔާރު ކުރާށެވެ. މިތަނުގައި އަޑުގެ ބާރުމިންވެސް ސެޓް ކޮށްލެވިދާނެއެވެ. ރިންގާއިއެކީ ވައިބްރޭޓްވެސް ޖައްސާފައި ބެހެއްޓުމުން ވަރަށް ފަސޭހަވާނެއެވެ.

ފޯނު ޓްރެކް ކުރެވޭ ގޮތް ހެދުން

ފޯނު ހޯދަން ފަސޭހަ ކުރުމަށްޓަކައި، ދުވަހަކުވެސް ފޯނު ގެއްލިއްޖެ ނަމަ، ފޯން ޓްރެކިން ހެދޭނެ ގޮތް ހަދާށެވެ.

އެންޑްރޮއިޑް ފޯނުގައި: ގޫގަލް ފައިންޑް މައި ޑިވައިސްގައި އީމެއިލް ރެޖިސްޓާކޮށް ގޫގަލްގެ ވެބްސައިޓަށް ގޮސް ފޯނު ގެއްލިއްޖެނަމަ ހޯދާލެވޭނެ ގޮތް ހަދާލާށެވެ.

އައިފޯނުގައި: އެންޑްރޮއިޑް ފޯނެކޭ އެއްގޮތަށް އައިފޯނުގައިވެސް ފޯނު ގެއްލިއްޖެނަމަ ހޯދޭނެ ގޮތް ހެދޭނެއެވެ.

ފައިންޑް މައި އައިފޯނު ކިޔާ އެޕްލިކޭޝަނަށް ފުރަތަމަ ފަހަރަށް އައިކްލައުޑް އެކައުންޓުން ލޮގިންވުމަށްފަހު ލޮކޭޝަން ޖައްސާފައި ބަހައްޓާށެވެ.

ގެއްލިއްޖެ ހާލަތެއްގައި އެޕަލްގެ ވެބްސައިޓް މެދުވެރިކޮށް ފޯނު އޮތް ލޮކޭޝަން ބަލާލެވޭނީ އޭރުންނެވެ.

ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.