ނާސާއިން އާޖީލެއްގެ ރޮކެޓެއް، މިފެށޭ އަހަރުގެ ކުރީކޮޅު ޖައްވަށް ފޮނުވާލަން މަސައްކަތް އެބަކުރެއެވެ. އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ހަނދަށް މީހުން އަނބުރާ ފޮނުވުމަށް ކުރާ ދަތުރުގައި، ފުރަތަމަ ފަހަރަށް، އަންނަ އަހަރުގެ ފެބްރުއަރީ މަހު، އާޖީލެއްގެ ސްޕޭސް ލޯންޗް ސިސްޓަމްއެއް ފޮނުވަން ނިންމައިފިއެވެ. މިހާރުވެސް ފޮނުވާލުން ލަސްވެފައިވާ މިރޮކެޓުގެ ފޮނުވާލުމުގެ ކުރިން އަދިވެސް ގިނަ ޓެސްޓުތަކެއް ކުރަންޖެހެއެވެ.
އެމެރިކާގެ ފްލޮރިޑާގެ ކެނެޑީ ސްޕޭސް ސެންޓަރުގައި ހުންނަ ނާސާގެ ބޮޑު ހޭންގަރުގައި، ނާސާގެ ހީވާގި އިންޖިނިއަރުން ސްޕޭސް ލޯންޗް ސިސްޓަމް ނުވަތަ އެސްއެލްއެސް އެއްކޮށް ރާވާ ނިންމާލިތާ އެއް ދުވަސް ފަހުން، އެ އުޅަންދު އުދުއްސާލާނެ ތާރީހެއް ކަށަވަރުވެއްޖެ އެވެ. މިރޮކެޓުގައި 322 ފޫޓު އުސްމިން ހުންނައިރު، އެސްއެލްއެސް ކޮޅަށް ބަހައްޓާފައި ހުންނައިރު ސްޓެޗޫ އޮފް ލިބަރޓީއަށް ވުރެވެސް އުހަށް އުފުލެއެވެ. ރޮކެޓްގެ އެންމެ މަތީގައި އޮންނަނީ ނާސާގެ އޮރިއަން ކްރޫ ކެޕްސޫލްއެކެވެ. މިއީ ޖައްވުގެ އެންމެ ފުނަށް މީހުން އުފުލުމަށް ތަރައްގީ ކޮށްފައިވާ އާ ޖައްވީ އުޅަނދެކެވެ. ނަމަވެސް އަންނަ އަހަރު ފުރަތަމަ ފަހަރަށް އެސްއެލްއެސް އުދުހޭއިރު، އެ ބޯޓުގައި އެއްވެސް މީހަކު ދަތުރުނުކުރާނެ އެވެ. މި ޓެސްޓް މިޝަންގައި ހަނދުގެ ވަށައިގެން ހަތަރު ހަފުތާ އާއި ހަ ހަފުތާއާ ދެމެދުގެ ދިގު ދަތުރެއްގައި ހުސްއެކަނި އޮރިއަން ކެޕްސޫލް ފޮނުވާލާ ގޮތަށް ކުރާ ޓެސްޓްއެކެވެ.
އެސްއެލްއެސްގެ ފުރަތަމަ ފްލައިޓް މަޝްހޫރުވެފައި ވަނީ ނާސާގެ އާޓެމިސް-1ގެ ގޮތުގައެވެ. މިއީ އެހެންކަމުން ނާސާގެ އާޓެމިސް ޕްރޮގްރާމްގެ ފުރަތަމަ ބޮޑު އުޅަނދެވެ. މި ފްލައިޓް ކާމިޔާބު ވެއްޖެނަމަ އެސްއެލްއެސް އާއި އޮރިއަންގެ ދެން އޮތް މިޝަން އަކަށް ވާނީ އާޓެމިސް 2 އެވެ. މި މިޝަންގައި ނާސާގެ އެސްޓްރޮނޯޓުން ހަނދުގެ ވަށައިގެން ޓްރެޖެކްޓްރީއެއްގައި އުފުލެވޭނެ އެވެ. މި ޕްރޮގްރާމް ނިމޭނީ ހަނދުގެ ސަތަހައިގައި ފުރަތަމަ ފަހަރަށް ފަހަރަ އަންހެން އަދިެއް އަދި ކަޅުނަސްލުގެ މީހެއް ދަތުރުކުރާނެއެވެ. ޓްރަމްޕްގެ ސަރުކާރުގައި ނައިބު ރައީސް މައިކް ޕެންސް ވަނީ 2024 ވަނަ އަހަރުގެ ކުރީކޮޅު މި ލޭންޑިންގް ހެދުމަށް ނާސާ އަށް ގޮންޖައްސަވާފައެވެ.
އޭގެ ފަހުން ދިމާވި ޑިލޭތަކާއި މިޕްރޮޖެކްޓުގެ އުނދަގޫ މިޒާޖާއިހުރެ އެ ޓައިމްލައިންއާ މެދު ސުވާލު އުފެދުނެވެ. އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ފުރަތަމަ ފަހަރަށް އެސްއެލްއެސް އުދުހުމުގެ ތަސައްވުރު 2017 ވަނަ އަހަރު ކުރި ނަމަވެސް، އޭގެ ފުރަތަމަ ބައި ތަކުރާރުކޮށް ފަހަތަށް ޖައްސަންޖެހުނީ ނާޖާއިޒު ގޮތުގައި މެނޭޖްކުރުމާއި ހަރަދު ބޮޑުވުމުގެ ސަބަބުން ކަމަށްވެއެވެ. މިގޮންޖެހުންތަކުގެ އިތުރުން، އެސްއެލްއެސް އާއި އޮރިއަން އަށް އެކަނި ނުކުރެވޭ ވަރުގެ ބޮޑުކަމެއް ނާސާއިން ކުރަން އެބަޖެހެއެވެ. އެއީ ހަނދުގެ ސަތަހައަށް މީހުން ތިރިކުރެވޭފަދަ ލޭންޑަރެއް ހަނދުގައި ޤާއިމްކުރުމެވެ. ސްޕޭސް އޭޖެންސީ ނާސާއިންވަނީ ހަނދުގެ ސަތަހައަށް މީހުން ގެންދިޔުމަށް ސްޓާޝިޕް ނަމަކަށް ކިޔާ އާ ވެހިކަލް ތަރައްގީ ކުރުމަށް އީލޯން މަސްކުގެ ސްޕޭސްއެކްސްއާއި ކޮންޓްރެކްޓެއް ޤާއިމްކޮށްފައެވެ. އެކަމަކު އެ އުޅަނދު އަދިވެސް ތަރައްޤީކޮށެއް ނުނިމެއެވެ. އަދި ނާސާގެ ކޮންޓްރެކްޓް ނުލިބުމުން ވާދަވެރި ބްލޫ އޮރިޖިން އިން ހުށަހެޅި މައްސަލަތަކުގެ ސަބަބުންވެސް މިރޮކެޓު ފޮނުވާލުމުގެ ޕްރޮސެސް ވަރަށް ބޮޑަށް ކޮމްޕްލިކޭޓްވެފައިވާ ކަމަށް ނާސާއިން ހާމަކުރެއެވެ. މިހުރިހާ ކަމެއްގެ މައްޗަށް، އާ ސްޕޭސް ޝޫޓްތަކެއް އުފެއްދުމުގެ މަސައްކަތްވެސް އަދި އޮތީއެވެ. އެހެންކަމުން ނާސާގެ މިޓައިމްލައިންއަށް ބަދަލުތަކެއް ގެންނަންޖެހުމަކީ އެކަށީގެންވާކެމެކެވެ.
ހުރިހާ ކަމެއް މިހެން ހުރި ނަމަވެސް، ޖޯ ބައިޑަން އެމެރިކާގެ ރައީސް ކަމަށް ވަޑައިގެންނެވި ފަހުންވެސް ނާސާއިންވަނީ 2024 ވަނަ އަހަރު މިމިޝަން ކާމިޔާބުކުރުމަށް ޓްރަމްޕް ސަރުކާރުން ކުރި ޗެލެންޖުގައި ސާބިތުވެތިބިކަމަށް ހާމަކޮށްފައެވެ. "އެއީ ސްޓްރެޗްއެއް، އެއީ ޗެލެންޖެއް، އެކަމަކު ޝެޑިއުލް އަކީ 2024،" ނާސާގެ އެޑްމިނިސްޓްރޭޓާ ބިލް ނެލްސަން ޖޫން މަހު ވިދާޅުވި އެވެ. އެހެންނަމަވެސް ދާދިފަހުން ޚުދު ނެލްސަންވެސް ވަނީ މިމިޝަން އެޓައިމްލައިނުގައި ހާސިލްކުރަން ގިނަގުނަ މަސައްކަތްތަކާއި ހުރަސްތައް ގިރާކުރަން ޖެހިފައިވާކަމަށް އިއުތިރާފުވެވަޑައިގެންފައެވެ.
މިވަގުތަށް ނާސާއިން އެންމެ ބޮޑަށް ފޯކަސް ކުރަނީ އާޓެމިސް-1 ދުނިޔޭގެ ބިމުން އުފުއްލާލާށެވެ. ހުރިހާ ކަމެއް ރަނގަޅަށް ދާނަމަ ނާސާއިން ރާވާފައި ވަނީ މުޅިން ރާވާ ނިންމާފައިވާ އެސްއެލްއެސް ލޯންޗްޕެޑަށް މިއަހަރުގެ ފަހުކޮޅު ނެރުމަށެވެ. އަންނަ އަހަރުގެ ކުރީކޮޅު މިޝަން ޓީމުން ވެޓް ޑްރެސް ރިހާސަލް އިވެންޓެއް ކުރިއަށް ގެންދާނެއެވެ. މިއީ އެރޮކެޓްގެ އަސްލު ފްލައިޓް ގައި ބޭނުންކުރާނެ ޕްރޮޕެލާންޓްސް ތަކާއިއެކު، ނަމަވެސް ރޮކެޓްގެ އިންޖީނުތައް އިގްނިޓް ނުކޮށް ޖެއްސުމެވެ. އެކަން ނިމުމުން ނާސާއިން ދެން ރޮކެޓް އަނބުރާ އޭގެ ހޭންގަރުގައި ބަހައްޓާ ފްލައިޓް ގެ ކުރިން އަނެއްކާވެސް ކުރަންޖެހޭ ޗެކުތައް ފުރިހަމަ ކުރާނެއެވެ.
"އަޅުގަނޑު ތިޔަ ބޭފުޅުންނަށް ދަންނަވާލަން އޮތީ، ކޮވިޑް-19 އާއި ދާދިފަހުން ކުރިމަތިވި ތޫފާން އައިޑާފަދަ ބޮޑެތި ތޫފާންތައްފަދަ ގޮންޖެހުންތަކަކާ އެކުވެސް، އަދި މިކަމުން އަހަރެމެންގެ ޓެސްޓިން ފެސިލިޓީތަކަށް ކުރި އަސަރުތަކާ އެކުވެސް، މިއަދު އަހަރެމެން ތިބި ހިސާބަށް އާދެވުނު ޓީމާ މެދު ފަޚުރުވެރިވުން ޙައްޤެވެ،" ނާސާގެ މާޝަލް ސްޕޭސް ފްލައިޓް ސެންޓަރުގެ އެސްއެލްއެސް ޕްރޮގްރާމް މެނޭޖަރު ޖޯން ހަނީކަޓް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި އެވެ.
މިހާރު އާޓެމިސް ޖައްވަށް ފޮނުވާލެވޭނެ ތަފާތު ތިން ލޯންޗް ވިންޑޯ އެއް އެބައޮތެވެ: އެއީ ފެބްރުއަރީ މަހު، މާޗް މަހު، އަދި އޭޕްރީލް މަހުއެވެ. މީގެން ކޮންމެ ވިންޑޯއެއް ވެސް ކަނޑައެޅިފައިވަނީ، ރޮކެޓުގެ އެކްސިސް އާއި ހަނދުގެ ވަށައިގެންނާއި، އަހަރެމެންގެ ދުނިޔެ ވަށައިގެން އެރޮކެޓު ދައުރުވާ ގޮތާއި، އަދި ދުނިޔެ ހިނގަމުންދާ ގޮތުގެ މައްޗަށް ބިނާކޮށްފައެވެ. މިގޮތުން ކޮންމެ ވިންޑޯއެއްގެ ދިގުމިނުގައި ގާތްގަނޑަކަށް 15 ދުވަސް ހުރެއެވެ. ފުރަތަމަ ވިންޑޯ ހުޅުވަނީ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ. ވިންޑޯގެ ތެރޭގައި ލޯންޗް ކުރެވޭ ވަގުތަކުން އަންގައިދެނީ އާރޓެމިސް-1 ސްޕޭސްގައި ގެންގުޅެވޭނީ ކިހާ މުއްދަތަކުކަމެވެ. ލަފާކުރެވޭގޮތުގައި އެއީ ހަތަރު ހަފްތާގެ މިޝަންއަކަށް ނުވަތަ ހަ ހަފްތާގެ މިޝަންއަކަށް ވެގެންދާނެއެވެ.
އާރޓެމިސް-1ގެ މިޝަން ކާމިޔާބުކުރެވުމުން، ދެން އާރޓެމިސް-2 ފޮނުވާލެވޭނީ 2023 ވަނަ އަހަރުގެ ކޮންމެވެސް ހިސާބެއްގައެވެ. މިފްލައިޓަކީ މީހުން ދަތުރުކުރާނޭ ފްލައިޓެއްކަމުން، މިވެހިކަލްއަށް އިތުރު ބަދަލުތަކެއްގެންނަންޖެހޭނެއެވެ. ވަކިން ޚާއްސަކޮށް ލައިފް ސަޕޯޓް ސިސްޓަމެއް ހަރުކުރަން އެބަޖެހެއެވެ. ނާސާއިން އެންމެ ފަހުން ނެރުނު އެސްއެލްއެސްއަށް ކުރިމަތިވި ޑިލޭތަކުގެ ސަބަބުން އާޓެމިސް-2 އިތުރަސް ފަހަތަށް ޖެއްސިކަމެއް ނުވަތަ ނޫންކަމެއް، ނާސާއިން ސާފުކޮށްދީފަކައެއް ނުވެއެވެ.
"އަޅުގަނޑަށް ހީވަނީ އެ އޭޖެންސީ އިން އެކަން ބަލަމުން ކުރިއަށް އެބަގެންދޭހެން؛ އަޅުގަނޑުމެން މިދަނީ އެ މިޝަންގެ ހާލަތު ދިރާސާ ކުރަމުން،" ނާސާގެ އެކްސްޕްލޮރޭޝަން ސިސްޓަމްސް ޑިވެލޮޕްމަންޓްގެ ޑެޕިއުޓީ އެސޯސިއޭޓް އެޑްމިނިސްޓްރޭޓަރު ޓޮމް ވިޓްމެޔަރ މިކަމާ ގުޅޭ ޕްރެސް ކޮންފަރެންސްގައި ވިދާޅުވި އެވެ.
ޓެކްނޮލޮޖީގެ ބާރުދުވެއްޔާއި ފައިހަމަކުރެވޭތޯ މަސައްކަތްކުރަމުންދާ ދަރިވަރެއް.