ބްލޫއޮރިޖިން އަމިއްލަ ސްޕޭސްސްޓޭޝަންއެއް ހަދަނީ

ޙުސައިން ދީމް މުޙައްމަދު 29 އޮކްޓޯބަރު 2021

ބްލޫ އޮރިޖިން އެމީހުންގެ އަމިއްލަ ސްޕޭސް ސްޓޭޝަންއެއް ޖައްވުގައި ޤާއިމްކުރުމަށް ނިންމާފިއެވެ. 2030ވަނަ އަހަރުގެ ނިޔަލަށް ނިންމަން ގަސްތުކޮށްފައިވާ "އޯބިޓަލް ރީފް" ނަމަކަށް ކިޔާ މިސްޕޭސް ސްޓޭޝަންއަކީ، އެކުންފުނިން ބޮއިންގް، ސިއެރާ ސްޕޭސް އަދި މިނޫންވެސް ބައެއް ބޮޑެތި ކުންފުނިތަކާއި އެކުވެގެން ހިންގަން ރާވާ ޕްރޮޖެކްޓެކެވެ.

އޯބިޓަލް ރީފްވެގެންދާނީ، އެކި ޤައުމުތަކުގެ ސަރުކާރުތަކަށާއި، ޕްރައިވެޓް ކުންފުނިތަކުގެ އިތުރުން ޖައްވަށް ޒިޔާރަތްކޮށްލަން ބޭނުންވާ ފަތުރުވެރިންނަށް ޚިދުމަތްދޭ ޕްރައިވެޓް ކޮމާޝަލް ސްޕޭސް ސްޓޭޝަންއަކަށެވެ. މިއާ ޖައްވީ އައުޓްޕޯސްޓަކީ، 2028ހާއި 2030ހާ ދެމެދު، އިންޓަނޭޝަލަން ސްޕޭސް ސްޓޭޝަން (އައިއެސްއެސް) ރިޓަޔަރ ކުރަން ވާއިރަށް، އެހުސްވާ ޖާގަ ފުރިހަމަކުރުމުގެ ނިޔަތުގައި ތަރައްޤީކުރެވޭ ސްޕޭސްސްޓޭޝަންއެކެވެ.

ބްލޫއޮރިޖިންގެ އިސް ނާއިބު ރައީސް ބްރެންޓް ޝާރވުޑް ވިދާޅުވިގޮތުގައި، ވޭތުވެދިޔަ 60 އަހަރު ނާސާއާއި އިތުރު ޖައްވީ އިދާރާތަކުން ތަރައްޤީކުރަމުން ގެންދިޔަ އޯބިޓަލް ސްޕޭސް ފްލައިޓް އަދި ސްޕޭސް ހެބިޓޭޝަންގެ ޕްރޮޖެކްޓުތަކުގެ ސަބަބުން، އަމިއްލަ ފަރާތްތަކުންވެސް ކޮމާޝަލް ޕޮރޮޖެކްޓުތައް ޖައްވުގައި ކުރިއަށް ގެންދިޔުމަށް މިހާރު އޮތީ މަގުހުޅުވާލެވިފައެވެ. ޝާވުޑް ވިދާޅުވިގޮތުގައި، އެމީހުންގެ އަމާޒަކީ ޚަރަދުކުޑަ، ޚިދުމަތްތައްގިނަ އާ ސްޕޭސް ސްޓޭޝަންއަކާއި އެކު، ޖައްވަށް ދަތުރުކުރުމުގެ ބުރަ ލުއިކޮށްދިނުމެވެ. އޭރުން އާ ހޯދުންތައް ހޯދި، އާ އުފެއްދުންތައް އުފެދި، ދުނިޔޭގެ ސަތަހައިގެ ތެރޭ "ވައިބްރަންޓް ބިޒްނަސް އިކޮނޮމީ" އެއް ޤާއިމްކުރެވިގެންދާނެއެވެ.

މިދަހަރު ނިމިގެން ދާއިރު، ޖައްވުގައި ދައުރުވަމުންދާނީކީ ހަމައެކަނި ބްލޫއޮރިޖިންގެ އޯބިޓަލް ރީފްއެއް ނޫނެވެ. މީގެ ހަމަ ކުޑަދުވަސްކޮޅެއްކުރިން ނަނޯރެކްސް، ވޮޔާޖެރ ސްޕޭސްއަދި ލޮކްހެޑް މާޓިންއިންވަނީ "ސްޓާރލެބް" ނަމަކަށް ކިޔުނު ހަމަ މިކަހަލަ ސްޕޭސް ސްޓޭޝަންއެއް ޤާއިމްކުރުމުގެ ޕްލޭންތައް އިޢުލާންކޮށްފައެވެ. މިހާރު ދައުރުކުރަމުންދާ އައިއެސްއެސް، މިދަހަރުގެ ފަހުކޮޅު ރޫޅާލަން ހަވާލުކޮށްފައިވާ އެމެރިކާގެ ހޫސްޓަންގެ ކުންފުންޏެއްކަމުގައިވާ އެކްސިއޮމް ސްޕޭސްއިންވެސް ވަނީ އައިއެސްއެސްއިން ރޫޅާލާ ބައިތައް ބޭނުންކޮށްގެން އެމީހުންގެ އަމިއްލަ އައުޓްޕޯސްޓްތަކެއް ޖައްވުގައި ހެދުމަށް ނިންމާފައެވެ.

މިފެށޭ 2022ވަނަ އަހަރުގެ ފަހުކޮޅު އޯބިޓަލްރީފްގެ ފުރަތަމަ މޮޑިއުލްތައް، ނިއުގްލެން ހެވީ-ލިފްޓް ރޮކެޓެއްގައި ޖައްވަށް ފޮނުވާލެވޭނެއެވެ. މިމޮޑިއުލްތަކުގެ ޚަރަދު ހިންގަން ނިންމާފައިވަނީ ޖެފް ބެއްޒޯސްގެ ކުންފުނި "ބްލޫ އޮރިޖިން" އިންނެވެ. އޯބިޓަލް ރީފް ޖައްވުގެ ތެރޭ ދަމަހައްޓައި އޮޕަރޭޓުކުރުމުގެ މަސްޢޫލިއްޔަތާއި ހަވާލުވަނީ މިހާރުވެސް އައިއެސްއެސްގައި އެޚިދުމަތް ފޯރުކޮށްދިނުމުގެ އެއްހިއްސާދާރު ކަމުގައިވާ ބޮއިންގް ކުންފުނިންނެވެ. މިޕްރޮޖެކްޓުގައި ބޮއިންގެ އަނެއް ބައިވެރިވުމަކީ، ދުނިޔެއިން މީހުންނާއި ދާގީނާ، އޯބިޓަލްރީފަށް ފޯރުކޮށްދޭނެ ސްޓާރލައިނަރ ކެޕްސިއުލްތައް އޮޕަރޭޓުކުރުމެވެ. މިކެޕްސިއުލްތަކަކީ، މިހާރުވެސް ބޮއިންގްއާއި ނާސާއާއި ދެމެދު އޮތް އެއްބަސްވުމެއްގެ ދަށުން، ދުނިޔެއާއި އައިއެސްއެސްއާއި ދެމެދު ދަތުރުކުރުމަށް ބޭނުންކުރަމަށް ނިންމާފައިވާ ކެޕްސިއުލްތަކެކެވެ. ފެށޭއަހަރުގެ ކުރީކޮޅު މީގެ މީހުންނެތް ކެޕްސިއުލެއް ޓެސްޓަކަށް ޖައްވުގެތެރެއަށް ފޮނުވާލާނެއެވެ.

އޯބިޓަލްރީފްގެ ބިޔަ ޕްރޮޖެކްޓުގައި ދެން އެންމެ ބޮޑު ހިއްސާއެއް ފެނިގެންދާނީ، އެސްޓޭޝަންގެ މީހުންދިރިއުޅޭ "ލާޖް އިންޓަގްރޭޓަޑް ފްލެކްސިބަލް އެންވާރަމަންޓް - ލައިފް" މޮޑިއުލްތައް ތަރައްޤީކުރާނެ ސިއެރާ ސްޕޭސް ކުންފުނީގެ ފަރާތުންނެވެ. އެހެންކަމުން ސިއެރާގެ މަޝްހޫރު "ޑްރީމްކެޗާރ" އުޅަނދުވެސް، އޯބިޓަލްރީފްގެ ބައެއް ދަތުރުތަކުގައި ބޭނުންކުރެވިގެންދާތަން ފެނުމަކީ ވަރަށް އެކަށީގެންވާކަމެކެވެ.

އޯބިޓަލްރީފްގެ ސޯލާރ އެރޭތައްފަދަ ޑިޕްލޮއިބަލް ސްޓްރަކްޗާތައް ފޯރުކޮށްދޭނީ ރެޑްވަޔަރ ސްޕޭސް ކުންފުނިންނެވެ. މިކުންފުނިން މިޕްރޮޖެކްޓުގައި އިތުރަށް ކުރާނެ ކަމަކީ، ޕޭލޯޑް އޮޕަރޭޝަންތަކާއި ރީސާޗްއަދި މެނުފެކްޗެރިންގެ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ.

މަޝްހޫރު ޖެނެސިސް އިންޖިނިއަރިން ސޮލިއުޝަންސް ކުންފުނީގެ ކުޑަނަމަވެސް ހިއްސާއެއް މިޕްރޮޖެކްޓުގައި ހިމެނެއެވެ. އެއީ އޯބިޓަލްރީފް އަށް ޒިޔަރާތްކުރާ ފަރާތްތަކުގެ ތެރެއިން "ސްޕޭސްވޯކް" ކޮށްލަން ބޭނުންވާ ފަރާތްތަކަށް ޚާއްޞަ އެކަކަށް އިނދެވޭކަހަލަ އުޅަނދެއް މިކުންފުނީގެ ފަރާތުން މިޕްރޮޖެކްޓައް ފޯރުކޮށްދިނުމެވެ. މި ބިޔަ މަޝްރޫޢަށް ބޭނުންވާނެ ރިސާޗާއި ޕަބްލިކް އައުޓްރީޗް ހޯދުމަށް އެރިޒޯނާ ސްޓޭޓް ޔުނިވާސިޓީ އިސްކޮށްހުރެ 14 ޔުނިވާސިޓީއެއްގެ ކޮންސޯޓިއަމްއެއް ހިންގާނެއެވެ.

އިސްވެ ބަޔާންވެދިޔަ ހުރިހާ މޮޑިއުލްތަކާއި އުޅަނދުތައް ހިމެނޭގޮތަށް އޯބިޓަލްރީފްގެ ބޮޑުމިނުގައި 916 ކިއުބިކް ފީޓު ހުންނާނެ ކަމަށް ލަފާކުރެވެއެވެ. މިއީ އާދައިގެ ބޮއިންގް 747 ފްލައިޓެއްގެ ސައިޒެވެ. ނަމަވެސް މުސްތަޤްބަލުގައި އިތުރު މޮޑިއުލްތައް ފޮނުވައި، ހަރުކޮށްގެން މިސްޓޭޝަންގެ ސައިޒް ބޮޑުކުރެވިގެންދާނެއެވެ. ބޭނުމަކީ ވީހާވެސް ގިނަ ކަސްޓަމަރުންނަށް އޯބިޓަލްރީފްގެ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ.

މިޕްރޮޖެކްޓައް "އޯބިޓަލްރީފް" ކިޔުނު ގޮތާއިމެދު މިމަޝްރޫޢުގައި ހިއްސާވާ އެއްކުންފުނިކަމުގައިވާ ރެޑްވަޔަރ އިން ބުނަނީ އެއީ މިޕްރޮޖެކްޓަކީ އަސްލު ރީފް (ފަރު) އެކޭ އެއްފަދައިން އެތައް ޤައުމުތަކެއް ގުޅުވާލަދޭނެ ވިޔުގައެކެވެ. މިގޮތުން މިސްޓޭޝަންވެގެން ދާނީ "އިންޓަނޭޝަނަލް" ކުރިއަށް ލައިގެން ކިޔޭ އައިއެސްއެސްއާއި ޚިލާފަށް އެމެރިކާއަށް ޚާއްޞަވެފައިނުވާ މުޅި ބައިނަލްއަޤްވާމީ ދުނިޔެއަށްވާ ސްޕޭސްސްޓޭޝަން އަކަށެވެ.

ޙުސައިން ދީމް މުޙައްމަދު

ޙުސައިން ދީމް މުޙައްމަދު

ޓެކްނޮލޮޖީގެ ބާރުދުވެއްޔާއި ފައިހަމަކުރެވޭތޯ މަސައްކަތްކުރަމުންދާ ދަރިވަރެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.