އީލަން މަސްކް އަމިއްލަ ޔުނިވާސިޓީއެއް އުފައްދަނީ

ޙުސައިން ދީމް މުޙައްމަދު 30 އޮކްޓޯބަރު 2021

އީޖާދުކުރުމުގެ ދުނިޔޭގައި އެންމެ ބާރަށް ނަން ހިނގާ އަދި 300 ބިލިއަން ޑޮލަރުގެ ނެޓްވޯތަކާއި އެކު ދުނިޔޭގައި މިހާރު ހުރި އެންމެ މުއްސަނދި މަހުޖަނު، އީލަން މަސްކް، އޭނާގެ އަމިއްލަ ޔުނިވާސިޓީއެއް ހަދަން ނިންމާފިއެވެ.

އެޕަލް، މައިކްރޯސޮފްޓް، އެމަޒޯން އަދި ގޫގަލްގެ ބެލެނިވެރި-ކުންފުނި އެލްފަބެޓްއާއި އެކު ދުނިޔޭގެ އެންމެ ބޮޑު ފަސް ކުންފުނީގެ ލިސްޓްގައި ހިމެނޭ ޓެސްލާ ކުންފުނީގެ އިތުރުން، ސްޕޭސްއެކްސްގެ ބާނީ، އީލޯން މަސްކް "ޓެކްސަސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އެންޑް ސައިންސް"ގެ ނަމުގައި ޔުނިވާސިޓީއެއް ހުޅުވަން ގަސްތުކޮށްފައިވާ ވާހަކަ އިޢުލާންކުރީ މިދިޔަ ހުކުރުދުވަހު ކުރެއްވި ޓްވީޓަކުންނެވެ.

އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެވޭނެ މިޔުނިވާސިޓީއަށް "ފަންޑް ސެކިޔަރ" ކުރެވިފައިވާކަމަށްވެސް މަސްކުވަނީ ޓްވީޓްކުރައްވާފައެވެ. މަސްކްގެ މިޓްވީޓަށް ވަނީ ވަރަށް ބައިވަރު މީހުން ކޮމެންޓުކޮށް ރީޓްވީޓްވެސް ކޮށްފައެވެ. މިގޮތުން ބައެއް ފަރާތްތަކުންވަނީ ޔުނިވާސިޓީގެ ޓިއުޝަންފީ ފްރީ ވާނެތޯ ސުވާލުކޮށްފައެވެ. އަދި މިޔުނިވާސިޓީގެ ގްރެޑުއޭޓުންނަށް ޓެސްލާއަދި ސްޕޭސްއެކްސްފަދަ ތަންތަނުން ވަޒީފާ ލިބޭނެތޯ ސުވާލުކޮށްފައި ހުޓެވެ.

މަސްކްގެ މި ނިންމުމުން އެންމެ ބޮޑު ހައިރާންކަމެއް ލިބެނީ، މަސްކް މީގެ އަހަރެއްކުރިން "ސެޓެލައިޓް 2020"ގެ ކޮންފަރެންސްގައި ވިދާޅުވި އެއްޗަކުންނެވެ. އެކޮންފަރެންސުގައި ކުރެވުނު ސުވާލެއްގެ ޖަވާބުގައި، މަސްކްވަނީ "ކޮލެޖަކީ ބޭކާރު ކަމެއް"ގެ ގޮތުގައި ސިފަކޮށްފައެވެ. އަދި އެއީ މަޖާކޮށްލަން ދާ ތަނެއްކަމަށާއި، ދަސްކުރަން ބޭނުންވާ ކަންކަން ހިލޭ ދަސްކޮށްލެވޭނެކަމަށް މަސްކް ބަޔާންކޮށްފައިވެއެވެ. މިމޭރުމުން މަސްކްގެ ޓެސްލާ ކުންފުންޏަށް މުވައްޒަފުން ހޮވާއިރު، ކޮލެޖު-ޔުނިވާސިޓީގެ ރިކޯޑުތަކަށް ބެލުން ހުއްޓާލަން ގަސްތުކުރާކަމަށްވެސް މަސްކް އެދުވަހު ވިދާޅުވިއެވެ. އެހެންވީމާ ކޮލެޖު ތަޢުލީމާއި އެހާ ދެކޮޅު ބޭފުޅެއް އަމިއްލަ ޔުނިވާސިޓިއެއް އެޅުން މިއީ އަޖައިބަކަށް ފުދެއެވެ. ފަހަރުގައި މިއީ މަޖާޒީ ގޮތަކަށް މަސްކް ބުނެލި ބަހެއްކަމުގައި ވެދާނެއެވެ.

ޙުސައިން ދީމް މުޙައްމަދު

ޙުސައިން ދީމް މުޙައްމަދު

ޓެކްނޮލޮޖީގެ ބާރުދުވެއްޔާއި ފައިހަމަކުރެވޭތޯ މަސައްކަތްކުރަމުންދާ ދަރިވަރެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.