ނާސާގެ ހަނދު ދަތުރުގައި ނޭޝަނަލް ޖިއޮގްރަފިކް ބައިވެރިކުރަނީ

ޙުސައިން ދީމް މުޙައްމަދު 31 އޮކްޓޯބަރު 2021

އެމެރިކާގެ ޖައްވީ އިދާރާ، ނާސާއިން ދެން އެންމެ އަވަހަށް ހަނދަށްކުރާ ދަތުރު ނޭޝަނަލް ޖިއޮގްރަފިކް ޗެނަލްއިން ފިލްމުކުރަން ނިންމައިފިއެވެ. މިގޮތުން މިދަތުރުގެ އަޑުތަކާއި މަންޒަރުތައް އާއްމުންނަށް އިތުބާރުހުރިގޮތެއްގައި ގެނެސްދިނުމުގެ ގޮތުން، ނާސާގެ މިޝަންގައި ނޭޝަނަލް ޖިއޮގްރަފިކްގެ ކެމެރާތައް ގެންދަންވަނީ ނިންމާފައެވެ.

ނާސާއިން އިންސާނުން ހަނދަށް ނުގެންދާތާ ބައިޤަރުނުވެފައިވާއިރު 1960ގެ އަހަރުތަކުގައި ނާސާއިން ހަނދަށްކުރި ދަތުރާއި، އެދަތުރުގެ މަންޒަރުތައްކަމަށްބުނެ ފޮނުވި ފޮޓޯތަކާއި އޯޑިއޯވީޑިއޯތަކުގެ ޞައްޙަކަމާއިމެދު ބައިނަލްއަޤްވާމީ ދުނިޔޭގައި ސުވާލުކުރެވިފައިވެއެވެ. އެހެންކަމުން ނާސާއިން ކުރިއަށް އޮތް މަދުއަހަރުތަކުގެތެރޭ ހަނދަށް އަނެއްކާވެސް އިންސާނުން ފޮނުވޭތޯ ހިންގާ "އާޓެމިސް-2"ގެ މިޝަން އިތުބާރުހުރިގޮތެއްގައި ކަވަރުކުރުމުގެ ގޮތުން، އެކްސްޕްލޮރޭޝަން މީޑިއާއެއްގެ ގޮތުގައި މުޅި ދުނިޔޭގައި މަޤްބޫލުކަން ހޯދައިފައިވާ ނޭޝަނަލް ޖިއޮގްރަފިކް ޗެނަލް މިމިޝަންގައި ބައިވެރިކުރަން މިވަނީ ގަސްތުކޮށްފައެވެ.

ނާސާގެ އެސޯސިއޭޓް ހެޑް ފޮރ ސްޕޭސް އޮޕަރޭޝަންސް، ކޭތީ ލުއެޑާރސް ވިދާޅުވޮގޮތުގައި މިމިޝަންގައި ނޭޝަނަލް ޖިއޮގްރަފިކް ބައިވެރިކުރުމުގެ މަޤްޞަދަކީ، އިހަށްވުރެ ފަހިގޮތެއްގައި ނާސާގެ އެސްޓްރޮނޯޓުން މިކުރާ ދަތުރު ދުނިޔޭގެ ހަތަރުބިތުގައި ތިބި މީހުންނަށް ހިއްސާކުރުމެވެ.

މިގޮތުން ނާސާއާއި، ނޭޝަނަލް ޖިއޮގްރަފިކްއާއި ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުމެއްގެ ދަށުން، އާޓެމިސް-2 މިޝަންގައި ޖައްވަށް ފޮނުވާލެވޭ އޯރިއޯން އުޅަނދުގައި، ޖައްވުގެ މާހައުލަށް އެކަށޭނެފަދަ ކޮމްޕެކްޓް އަދި ލައިޓްވެއިޓް އޯޑިއޯވިޝުއަލް ހާޑްވެއާރ ނޭޝަނަލް ޖިއޮގްރަފިކްގެ ފަރާތުން ސަޕްލައިކުރެވޭނެއެވެ.

ނާސާގެ އާޓެމިސް-1 މިފެށޭ އަހަރުގެ ފެބްރުވަރީ މަހު ޖައްވަށް ފޮނުވާލެވޭނެއެވެ. މީހުން ނުލާ ހަމައެކަނި އުޅަނދު ފޮނުވާލާ މިމިޝަންއަކީ، އާޓެމިސް-2ގައި ބޭނުންކުރެވޭ ރޮކެޓް ސިސްޓަމް ޓެސްޓުކުރުމަށް އިންތިޒާމްކުރެވިފައިވާ މިޝަންއެކެވެ. މިއުޅަނދަށް އިންސާނުން ލައިގެން ހަނދަށް ކުރެވޭނެ ފުރަތަމަ ދަތުރަކީ އާޓެމިސް-2ކެވެ. ދިހަ ދުވަހުގެ މިދަތުރުގައި 4 އެސްޓްރޮނޯޓެއް ހަނދަށް ފޮނުވާލެވޭނެއެވެ. އެހެންނަމަވެސް، ހަނދަށް އިންސާނުން ބާލާނީ، އާޓެމިސް-3ގެ ނަމުގައި ފަހުން ހިންގޭނޭ މިޝަންއެއްގައެވެ. އާޓެމިސް-3ވެގެންދާނީ 1970ގެ ފަހުން އިންސާނަކު ހަނދުގައި ފައިޖެއްސި ފުރަތަމަ ފަހަރަށެވެ. އާޓެމިސްގެ މި ތިން މިޝަންގެވެސް ހާސިލް މުރާދަކީ، ހަނދުގައި އިންސާނުން ދާއިމްވެ ތިބެވޭ ކަހަލަ ސްޓޭޝަންއެއް ޤާއިމްކުރުމެވެ. މިއީ މިއްރީޚަށް އިންސާނުން ފޮނުވޭތޯ ކުރަމުންދާ މަސައްކަތުގެ ވަރަށް މުހިއްމު ހަރުފަތެކެވެ.

އާޓެމިސް-2ގައި ހަނދަށް ޒިޔާރަތްކޮށްލުމުގެ ނަސީބު ލިބޭ އެސްޓްރޮނޯޓުންގެ ނަންތައް އަދި ހާމަކުރެވިފައި ނުވިނަމަވެސް، ޑިސެންބަރު 2020ގައި "އާޓެމިސް ޓީމް" ގެ ގޮތުގައި 18 އެސްޓްރޮނޯޓެއް ހޮވުނެވެ. މިމިޝަންގައި، ނާސާއާއި ކެނެޑާގެ ޖައްވީ އިދާރާއިން އެކުގައި މަސައްކަތްކުރަމުން ގެންދާތީ، ހަނދަށް ފޮނުވާލެވޭ އެސްޓްރޮނޯޓުންގެތެރޭގައި ހަމަ ޔަޤީނުންވެސް ކެެނޭޑިއަން އެސްޓްރޮނޯޓެއް ހިމެނޭނެކަމަށް ފެނެއެވެ.

އާޓެމިސް-2ގައި ނޭޝަނަލް ޖިއޮގްރަފިކްގެ ކެމެރާތައް ބޭނުންކުރުމުން، އާޓެމިސް-3ގައި ނާސާއިން ހަނދަށް އަނބުރާ ރުޖޫޢަވުމުގެ މުހިއްމުކަން އާއްމުންނަށް ހާމަކުރެވިގެންދާނެކަމަށް ނާސާއިން އުއްމީދުކުރެއެވެ. ނާސާއަށް އެހީވުމަށް ނޭޝަނަލް ޖިއޮގްރަފިކް ޚިޔާރުކުރެވުނީ އެމީހުންގެ ކަވަރެޖް ބޮޑުވީމައެވެ. މުނިފޫހިފޮލުވުމުގެ ދާއިރާގައި އެންމެ ބާރު ހިންގާ ކުންފުނިކަމުގައިވާ ވޯލްޓް ޑިޒްނީގެ ބޮޑުހިއްސާއެއް އޮންނަ ނޭޝަނަލް ޖިއޮގްރަފީ ޗެނަލްއަކީ ޓެލެވިޒަންގެ އިތުރުން ޑިޖިޓަލް ޕްރޮގްރާމިންގް އަދި މަޖައްލާ ނެރުމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ބިޔަ ޗެނަލްއެކެވެ. އެހެންނަމަވެސް ނޭޝަނަލް ޖިއޮގްރަފިކް ޚިޔާރުކުރެވުނީ ބިޑްކުރުމުގެ އުސޫލުން އެމީހުން ހުށައެޅި ޕްރޮޕޯޒަލްތަކަށް ބަލާފައެވެ.

ނާސާގެ އަމާޒަކީ، މީގެ 50 އަހަރުކުރިން، އެޕޯލޯގެ މިޝަންތައް ބެލުމުގައި މުޅި ދުނިޔޭގައި ފޯރިނެގި ފަދައިން، އާޓެމިސްގެ މިޝަންއަށްވެސް ބައިނަލްއަޤްވާމީ ތަރުހީބުލިބުމެވެ. މިމަޤްޞަދު ހާސިލްކުރުމަށް، ނާސާ ޓީވީގެ ވަސީލަތްތަކުގެ އިތުރުން، އިމޭޖަރީގެ އާޓެކްނޮލޮޖީތަކާއި އެޕްލިކޭޝަންތައް ބޭނުންވެއެވެ. އުއްމީދަކީ ނޭޝަނަލް ޖިއޮގްރަފިކްގެ އެހީގައި، އެޕޯލޯ މިޝަންތަކަށްވުރެ އާޓެމިސްގެ މިޝަންތަކުގެ ކަވަރޭޖް ބޮޑުކުރުމެވެ.

ނާސާއިންދަނީ އެމީހުންގެ އަމިއްލަ ކެމެރާތަކެއްވެސް އީޖާދުކުރެވޭތޯ މަސައްކަތްކުރަމުންނެވެ. މިގޮތުން 360 ޑިގްރީ ފީލްޑް އޮފް ވިޔު ކެމެރާ ސިސްޓަމަކާއި، ވާރޗުއަލް ރިއާލިޓީ 4ކޭ އަލްޓްރާ އެޗްޑީ ކެމެރާ ސިސްޓަމްފަދަ އެތައްއެތައް އައު އާލާތްތަކެއް އުފެއްދޭތޯ ނާސާއިން ދަނީ މަސައްކަތްކުރަމުންނެވެ. ބޭނުމަކީ އޯރިއޯން އުޅަނދުގައި މިއާލާތްތައް ބޭނުންކޮށް އާޓެމިސް-2ގެ މިޝަން އިތުރަށް ފަސޭހަކޮށްދިނުމެވެ.

ނޭޝަނަލް ޖިއޮގްރަފިކްއިން ހާމަކުރާގޮތުގައި އާޓެމިސް-2ގައި އެމީހުންގެ ހިއްސާއަކީ، އިންސާނުން ހަނދަށް ކުރާ ދަތުރުގެ ވާހަކަ މުޅިދުނިޔެއަށް ފޯރުކޮށްދީ އޯރިއޯން އުޅަނދުގެ ތަފްސީލީ ތަޖްރިބާއެއް އެޗެނަލް ބަލާ ފަރާތްތަކައް ފޯރުކޮށްދިނުމެވެ. ނާސާއާއި އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ނޭޝަނަލް ޖިއޮގްރަފިކް އާޓެމިސް މިޝަންގެ އެކި ހަރުފަތްތައް ހިމަނަގައިގެން ޑޮކިއުމެންޓަރީ ސީރީޒެއް ހަދާނެއެވެ. "ރިޓާރނިންގް ޓުދަ މޫން" ގެ ނަމުގައި ފަށާ މި ޑޮކިއުމަންޓަރީ ސީރީޒް ނިމިގެންދާނީ އާޓެމިސް-3ގެ މިޝަން ކާމިޔާބުކަމާއެކީ ހަނދުގެ ދެކުނު ސަތަހައިގައި ޖެއްސުމާއެކުގައެވެ.

މިކަހަލަ ތާރީޚީ މަންޒަރުތައް އެންމެ ރަނގަޅުގޮތުގައި ރިކޯޑުކޮށް ބެލުންތެރިންނަށް ފޯރުކޮށްދިނުމުގައި ނޭޝަނަލް ޖިއޮގްރަފިކްގެ 130އަހަރުގެ ދިގު ތަޖުރިބާއެއް އެބައޮތެވެ. އުއްމީދަކީ، އާޓެމިސް-3ގެ މިޝަންވެސް ބެލުންތެރީންނާ ހަމައަށް އެންމެ ފުރިހަމަ ގޮތުގައި ގެނެސްދިނުންކަމަށް އެޗެނަލްއިން ހާމަކުރެއެވެ.


ޙުސައިން ދީމް މުޙައްމަދު

ޙުސައިން ދީމް މުޙައްމަދު

ޓެކްނޮލޮޖީގެ ބާރުދުވެއްޔާއި ފައިހަމަކުރެވޭތޯ މަސައްކަތްކުރަމުންދާ ދަރިވަރެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.