ޕޮޑްކާސްޓުގެ ކުރިމަގު އިންޓަރެކްޓިވް ފީޗަރތަކާ ދިމާލަށް

ހިންދު ޢަލީ 31 އޮކްޓޯބަރު 2021

ޕޮޑްކާސްޓަކީ އާންމުކޮށް އެއްކޮޅަށް ދުއްވާ މަގެއް ފަދަ އެއްޗެއް ކަމަށް ބައެއް ފަރާތްތަކުން ސިފަކުރެއެވެ. މާނައަކީ ޕޮޑްކާސްޓް އުފައްދާ ފަރާތްތަކުން އެޕިސޯޑުތައް ރެކޯޑްކޮށް ޕަބްލިޝްކުރުމުން އަޑުއަހާ ފަރާތްތަކުން ހަމައެކަނި އަޑު އަހާނީއެވެ. ޕޮޑްކާސްޓް އެޕިސޯޑަށް ނުވަތަ އޭގައި ދައްކާ ވާހަކަތަކަށް އަޑުއެހުންތެރިންގެ ފީޑްބެކް ދެވޭނެ ނުވަތަ އެއްވެސް ގޮތަކަށް ބައިވެރިވެވޭނެ ފީޗަރއެއް ގިނަ ޕޮޑްކާސްޓް އެޕްތަކުގައި ނުހުރެއެވެ. ފީޑްބެކް ހޯދަން ޖެހެނީ އެހެން އެޕެއް މެދުވެރިވެއެވެ.

އެހެންނަމަވެސް ސްޕޮޓިފައި އިން ބުނާގޮތުގައި ޕޮޑްކާސްޓަކީ ވެސް ކޮމިޔުނިޓީއެއް އުފެއްދުމަށް ބޭނުންކުރެވިދާނެ އެއްޗެކެވެ. މި މޭރުމުން ޕޮޑްކާސްޓް އިތުރަށް އިންޓަރެކްޓިވް ކުރުމުގެ މަސައްކަތްތަކެއް މިހާރު ވަނީ ކުރެވިފައެވެ. ޕޮޑްކާސްޓް އުފައްދާ ފަރާތްތަކުން ގިނަ ފަހަރަށް އެކި މަޢުލޫތަކަށް އެޕިސޯޑް ތައްޔާރުކުރުމުން އެތަކެތި އަޑުއަހަނީ އެމަޢުލޫއަކަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކެވެ. އެހެން ކަމުން އެއް ކަމަކަށް ޝައުގުވެރިވާ ފަރާތްތަކުގެ ކޮމިޔުނިޓީއެއް އުފެއްދުމުގެ މަގުސަދުގައި، އިތުރު ކޮށްފައިވާ ފީޗަރސްތަކެއްގެ މަޢުލޫމާތު ސްޕޮޓިފައި އިން ހާމަކޮށްފައިވެއެވެ. މިއީ ޕޮޑްކާސްޓް އުފައްދާ އަދި އަޑުއަހާ ފަރާތްތައް ގުޅުވާދޭނެ ގޮތްތަކެކެވެ. މިފީޗަރތަކުގެ ބޭނުންކޮށްގެން، ތައްޔާރުކުރެވިފައިވާ ކޮންޓެންޓާއި މެދު އެކަމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކުގެ މެދުގައި މަޝްވަރާ ކުރުމަށް މަގުފަހިވެއެވެ.

މިގޮތުން ބައިނަލްއަގްވާމީ ޕޮޑްކާސްޓް ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރުގެ ސެޕްޓެމްބަރ 30 ވަނަ ދުވަހު ސްޕޮޓިފައި އަދި އެންކަރގައި، 'ކިޔު އެންޑް އޭ' އަދި 'ޕޯލްސް' ފީޗަރ މެދުވެރިކޮށް އަޑުއެހުންތެރިންނަށް ޕޮޑްކާސްޓާއި އިންޓަރެކްޓް ކުރެވޭނެ ގޮތް ވަނީ ތަޢާރަފްކޮށްފައެވެ.

މި ދެންނެވުނު 2 ފީޗަރ ގެނައުމަށް މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ދިޔައީ ޓެސްޓުކުރަމުންނެވެ. އެންމެ ފުރަތަމަ މި ފީޗަރ ޓެސްޓު ކުރެވުނީ ހޮވާލެވުނު ޕޮޑްކާސްޓް އުފައްދާ ބައެއް ފަރާތްތަކާއެކުގައެވެ. ޓެސްޓް ފޭސްގައި ބައިވެރިނުވާ އެތަށް ހާސް އިތުރު ފަރާތްތަކުން މިފީޗަރތަކަށް ޝައުގުވެރިވާކަމަށް ފާހަގަކޮށްފައިވާކަމަށް ސްޕޮޓިފައިއިން ބުނެއެވެ.

ޓެސްޓް ފޭސްގައި ބައިވެރިވި ގިނަ ފަރާތްތަކުން ކިޔު އެންޑް އޭ އަދި ޕޯލްސް ފީޗަރ އެކި ގޮތްގޮތަށް ބޭނުންކޮށްފައިވާ ކަމަށްވެއެވެ. މިސާލަކަށް ކުރިއަށް އަންނަންހުރި އެޕިސޯޑްތަކަށް ޚިޔާލު ހޯދުމަށް، އެންމެ ކަމުދާ ޕޮޑްކާސްޓް އެޕިސޯޑް ހޮވުމަށް، އަދި އަޑުއަހާމީހުން ގިނަކުރުމަށްޓަކައި ގޭމިފިކޭޝަން ފަދަ ޝައުގުވެރިގޮތްތައް ބޭނުންކޮށްފައިވެއެވެ. މިހާރު ރިލީސް ކުރެވުނު ފީޗަރތައް އެއީ ޓެސްޓް ފޭސްގެ ފީޑްބެކަށް ބަލާ ހިމަނާފައިވާ ފީޗަރތަކެވެ.

މިފީޗަރތަކާއި މެދު 'ބިޔޯންޑް ދަ ސްކްރީންޕްލޭ' ޕޮޑްކާސްޓްގެ ހޮސްޓް މައިކަލް ޓަކަރ ބުނިގޮތުގައި، ދެ ފީޗަރއިން ވެސް އަޑުއަހާ ފާރާތްތަކާއި އުފެއްދުންތެރިންނާއި ގާތްކޮށްދީފިކަމަށެވެ. ކުރިއަށް ހުރި އެޕިސޯޑްތައް ތައްޔާރުކުރުމުގައި ޕޯލްސް ފީޗަރ އިން ހާއްސަކޮށް އެހީތެރިވެފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.

ބޭނުންކުރާ ގޮތް

ޕޮޑްކާސްޓް އުފައްދާ ފަރާތްތަކުން ސްޕޮޓިފައިގެ ކޮމިޔުޓީ ބައިގައި ހިމެނޭ މިފީޗަރ ބޭނުންކޮށްގެން ސުވާލެއް ނުވަތަ ޕޯލްއެއް އެޕިސޯޑާއި އެކުގައި ހިމެނިދާނެއެވެ. ސުވާލެއް ނުވަތަ ޕޯލްއެއް ހިމަނާފައިވާނަމަ އަޑުއަހާ ފަރާތްތަކަށް އެސުވާލެއް، އެޕިސޯޑެއްގެ ޕޭޖުގެ ތިރިން ފެންނާނެއެވެ. ސުވާލުގެ ބާވަތުން ޖަވާބެއް ލިޔަން ނުވަތަ ޖަވާބެއް އިޚްތިޔާރު ކުރުމުގެ ފުރުސަތު އަޑުއަހާ ފަރާތްތަކަށް ލިބެއެވެ.

ޕޯލްއެއްގެ ޖަވާބު ދިނުމަށްފަހު އަޑުއަހާ ފަރާތްތަކަށް އޯޑިއެންސުން ޖަވާބު ދިން ގޮތް ބަލާވެސް ލެވޭނެއެވެ. ޖަވާބު ލިޔެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ސުވާލެއްނަމަ، ލިޔާ ޖަވާބު ކްރިއޭޓަރަށް ސީދާ ރައްދުވާނެއެވެ. އަދި ކްރިއޭޓަރ ބޭނުންނަމަ އެޖަވާބެއް ޕިންކުރުމަށް ނުވަތަ ޢާންމުކޮށް ދައްކާވެސް ލެވޭނެއެވެ.

ސްޕޮޓިފައިއަށް މިފީޗަރތައް އަލަށް ތައާރަފުވި ނަމަވެސް ބައެއް އެހެން އޯޑިއޯ އެޕްތަކުގައި އިންޓަރެކްޓިވް ފީޗަރތައް ކުރިންވެސް ހިމެނެއެވެ. މިސާލަކަށް ފޭސްބުކް ވޮޗްގެ އޯޑިއޯ ބައިގައި ހިމެނޭ ކޮމެންޓް ކުރުމުގެ ފީޗަރ އަދި ޗައިނާގައި މަޝްހޫރު ބައެއް ޕޮޑްކާސްޓް އެޕްތަކުގައި ގްރޫޕް ހަދައިގެން މަޝްވަރާކުރެވޭ ފަދަ ފީޗަރ ހުރެއެވެ.

ސްޕޮޓިފައިއިން ބުނާގޮތުގައި އޭގެ ކުރިމަގު އޮތީ ވަރަށް އިންޓަރެކްޓިވްކޮށްނެވެ. ޕޮޑްކާސްޓްގެ 'ބަލިފައި' ކަމަށް ބެލެވުނު އަޑުއަހާ ފަރާތްތަކުގެ އިންޓަރެކްޝަން ނެތުން ނުވަތަ ކޮންޓެންޓް އުފެއްދުމުގައިވާ ލިމިޓޭޝަންނަށް މިފީޗަރތަކާއެކު މިއައީ ބޮޑު ކުރިއެރުމެކެވެ. އަދި މިފަދަ ފީޗަރތަކުން އޯޑިއޯ ބޭނުންކުރާ ޕްލެޓްފޯމްތަކަށް އިތުރު ބާރެއް ލިބުނީކަމަށް ސްޕޮޓިފައި އިން ސިފަކުރެއެވެ.

2021 ގެ އޮގަސްޓް މަހުން ފެށިގެން ރިލީޒްކުރެވުނު 'މިޔުޒިކް+ޓޯކް' ފީޗަރ އާއި ޕޮޑްކާސްޓް ސަބްސްކްރިޕްޝަން ފީޗަރތަކަކީ އެންމެ ފަހުން ސްޕޮޓިފައި އަދި އެންކަރގައި ހިމެނުނު މުހިއްމު ފީޗަރސްތަކެވެ. އަޑުއަހާ ފަރާތްތަކުގެ ތަޖުރިބާ އިންޓަރެކްޓިވް ކުރުމަށާއި ކްރިއޭޓަރުންނަށް އެފަރާތްތަކުގެ ކޮންޓެންޓް ކޮންޓްރޯލް ކުރުމަށް އިތުރު ފީޗަރތަކެއް ކުރިއަށްވެސް ރާވާފައިވާ ކަމަށް ސްޕޮޓިފައިއިން ހާމަކުރެއެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.