ސްޓާލިންކްއިން އިންޑިޔާގައި ޚިދުމަތް ފުޅާކުރަން ނިންމައިފި

ޢާއިޝަތު ޝައިހާ 03 ނޮވެމްބަރު 2021

ސްޕޭސް އެކްސްގެ ސެޓެލައިޓް އިންޓަނެޓް ނެޓްވޯކު ކަމަށްވާ ސްޓާލިންކް އިން، އޭޝިޔާގައި އެމީހުންގެ ޚިދުމަތްތައް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން، އިންޑިޔާގައި 2 ލައްކަ ޔޫސަރ ޓާމިނަލްތައް އިފްތިތާހުކުރުމަށް ބޭނުންވާކަން، އެ ކުންފުނީގެ ޕްރެޒެންޓޭޝަނެއްގެ ޒަރީއާއިން ހާމަވަގެން ހިނގައްޖެއެވެ.

މިހާރު ސްޓާލިންކްއިން އެމީހުންގެ ފުރިހަމަ މިލްކުވެރިކަން އޮންނަ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ސްޓާލިންކް ސެޓެލައިޓް ކޮމިއުނިކޭޝަންސް ޕްރައިވެޓް އިންޑިޔާގައި އުފައްދާފައިވާކަމަށް، ކުންފުނީގެ އިންޑިޔާ ޑިރެކްޓަރު، ސަންޖޭ ބަރްގަވާ، ހޯމަ ދުވަހު ހިއްސާކުރި ލިންކްޑްއިން ގެ ޕޯސްޓެއްގައި ވަނީ ލިޔެފައެވެ.

ކުރީގެ ޕޭޕަލް އެގްޒެކެޓިވް މެމްބަރެއް ކަމަށްވާ ބަރްގަވާ މި ޕޯސްޓުގައި އިތުރަށް ބުނެފައިވާ ގޮތުގައި، މި ސަބްސިޑަރީ ކުންފުނިން މިހާރު ލައިސަންސްތަކަށް އެދި ހުށައެޅޭނެ ކަމަށާއި، ހަމަ އެއާއެކު ބޭންކް އެކައުންޓުތައްވެސް ހުޅުވޭނެކަމަށް އޭނާ ވަނީ ބުނެފައެވެ.

މި ސަބްސިޑަރީގެ "ދިގު ރާސްތާގެ އަމާޒަކީ" ޑިސެމްބަރ 2022 ގެ ކުރިން، 2 ލައްކަ ސްޓާލިންކް ޔޫސަރ ޓާމިނަލްތައް، މީހުން ދިރިއުޅޭ އެއްލައްކަ ފަސްދޮޅަސް ހާސް ހިސާބެއްގައި ބޭނުންކުރެވެމުން ދިޔުން ކަމުގައި، މިދިޔަ ހަފްތާގައި ބަރްގަވާ ލިންކްޑްއިން ގައި ހިއްސާކުރި އެ ކުންފުނީގެ ޕްރެޒެންޓޭޝަނުގައި ފާހަގަކޮށްފައި ވެއެވެ.

ސްޓާލިންކް ސެޓެލައިޓުތައް ގުޅުވައިދޭ ޔޫސަރ ޓާމިނަލްތަކަކީ، ކޮންމެ މަހަކު 99 ޑޮލަރު ދައްކާ އިންޓަނެޓް ސާވިސްއަށް ސޮއި ކޮއްފައިވާ ފަރާތްތަކުން ގަންނަ 499 ޑޮލަރުގެ ކިޓުގައި ހިމެނޭ ބައެކެވެ.

ކުންފުނީގެ މި ޕްރެޒެންޓޭޝަނުން ފެންނަ ގޮތުގައި، ސްޓާލިންކުން ބޭނުންވަނީ އޭގެ އިންޓަނެޓުގެ ޚިދުމަތްތައް، ނިއު ދިއްލީގެ މަދަރުސާތަކަށާއި، އެ ޝަހަރުގެ ކައިރީގައިވާ މަދަރުސާތަކަށްވެސް ފޯރުކޮށްދިނުމަށެވެ.

"އަޅުގަނޑުމެން ޚިދުމަތް ކޮށްދޭން ބޭނުންވަނީ ޚިދުމަތް ނުލިބޭ ފަރާތްތަކަށް،" ބަރްގަވާ ޕޯސްޓުގައި ލިޔެފައި ވެއެވެ.

ބަރްގަވާގެ ލިންކްޑްއިން ޕްރޮފައިލްގައި ބުނެފައިވާ ގޮތުގައި، އޭނާ ކުރިން ވަނީ ސްޕޭސް އެކްސްގެ ސީއީއޯ އިލޯން މަސްކްއާއި އެކީ، ޕޭޕަލް އުފެއްދުމަށް މަސައްކަތް ކޮށްފައެވެ.

ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.