މާކް ޒުކާބާގްގެ "މެޓަ އެންޑްގޭމް"

ޙުސައިން ދީމް މުޙައްމަދު 04 ނޮވެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޑާޓާ މެދުވެރިކޮށް އިންސާނުންގެ ދިރިއުޅުމާއި ވައްޓަފާޅިއަށް ނުފޫޒު ފޯރުވުމަކީ އެންމެ ކުރީއްސުރެ ފޭސްބުކްގެ ވިޔަފާރި މޮޑެލްއެވެ. "މެޓަ" ގެ ނަމުގައި ފޭސްބުކްއިން އުފައްދަން މަސައްކަތް މިކުރާ މެޓަވާސްގައި މިމޮޑެލްއަކަށް ބަދަލެއް ނާންނާނެއެވެ.

2014ވަނަ އަހަރު އޮކިއުލަސް ގަތުމަށްފަހު، ފޭސްބުކްއިން ތަރައްޤީކުރި ހެޑްސެޓާއެކު ވާޗުއަލް ރިއަލިޓީގެ ދުނިޔެއަށް ފޭސްބުކްއިން ވަންނަން އުޅެނީ ކީއްވެތޯ ބައެއްމީހުން ސުވާލުކުރިއެވެ. އެހެންނަމަވެސް، ފޭސްބުކްގެ މާޒީއަށް ބަލައިލި ކޮންމެ މީހަކަށްވެސް ފޭސްބުކްގެ އަމާޒަކީ ކޮބައިކަމެއް ނޯޅޭނެއެވެ.

2021ވަނަ އަހަރާ ހަމައަށް ވާސިލްވީއިރު، ފޭސްބުކްއިންވަނީ ވީއާރު އަދި އޭއާރުގެ ދުނިޔެ ފަތަހަކޮށްފައެވެ. އަދި މިހާރު "މެޓަ" އާއި އެކު ފޭސްބުކްއިން ތަރައްޤީކުރަން އުޅޭ އާރިއާލިޓީއަކީ މީހުންގެ ޒާތީ މަޢުލޫމާތާއި ސޯޝަލް ޑޭޓާ ނާޖާއިޒްގޮތުގައި ބޭނުންކުރުމަށް ލިބޭ ފުރުސަތެއްކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.

2016ވަނަ އަހަރު މާކް ޒުކާބާގް ވިދާޅުވީ، ވީއާރްއަކީ ދެން އަންނަން އޮތް އެންމެ މުހިއްމު ކޮންޕިއުޓަރ ޕްލެޓްފޯމްކަމަށެވެ. އެހެންނަމަވެސް އޭރު އެކުންފުނީގެ އެކި މަސްދަރުތަކުން ވީއާރު ބޭނުންކޮށްގެން ޔޫސަރުންގެ އުޅުމާއި ގުޅޭ ސާރވިންގް އެޑްތައް ހޯދުމުގެ ޚިޔާލެއް ނެތްކަމަށް ހާމަކުރިއެވެ. އެކެމަކު މިހާރު މެޓަވާސްއާއި އެކު ވީއާރު ބޭނުންކޮށްގެން މީހުންނަށް އިޝްތިހާރު ފޮނުވުމުގެ ޚިޔާލު ގެންގުޅޭކަމަށް ފޭސްބުކްއިން މިވަނީ ހާމަކޮށްފައެވެ. މިގޮތުން މެޓަ މެދުވެރިކޮށް ޒުކާބާގްގެ އަމާޒަކީ، އިންސާނީ އުޅުމާއި މުޢާމަލާތުތައް، ވީއާރު މެދުވެރިކޮށް ތަޙްލީލުކޮށް، އެކިފަރާތްތަކަށް އެފަރާތްތަކުގެ އުޅުމާއި މުއާމަލާތުތަކާއި ގުޅޭ ސާވިސްތަކުގެ އިސްތިހާރުތައް ފޮނުވާ، އިންސާނީ މުއާމަލާތު "މޮނެޓައިޒް" ކުރުންކަން ސާފުވެއްޖެއެވެ.

މިގޮތުން، މެޓާގެ އެކިއެކި އަލްގޮރިތަމްތައް ބޭނުންކޮށްގެން، ޔޫސަރުންގެ އުޅުމާއި މުއާމަލާތުތައް ތަހްލީލްކޮށް، އެފަރާތްތަކުން ގަޔާވާނެ ހެން ހީވާ ކަހަލަ ވިޔަފާރިތަކާއި ޕްރޮޑަކްޓްތަކުގެ އިސްތިހާރުތައް އެފަރާތްތަކަށް ފޮނުވަނީއެވެ. މި އުސޫލަކީ ފޭސްބުކްއިން 2012ވަނަ އަހަރު، އެކުންފުނީގެ ޔޫސަރުންނަށް ނޭނގޭ ގޮތަށް ދިރާސާކޮށް، ސާބިތުކޮށްފައިވާ ބިޒްނަސް ޕްލޭންއެކެެވެ. މިޒާތުގެ "އަލްގޮރިތިމިކް މެނިޕިއުލޭޝަން" އަކީ ފޭސްބުކްއެ އެއް މައި ބިޒްނަސް މޮޑެލްއެވެ.

ދިރާސާތަކުން ދައްކާގޮތުގައި، ވިއާރު މެދުވެރިކޮށް މިކަހަލަ އަލްގޮރިތަމްތައް ބޭނުންކުރާއިރު، އޭގެ ނަތީޖާ އަދި މާ ރަނގަޅުވާނެއެވެ. މީހުންގެ އުޅުމާއި، ހަށިގަނޑުގެ ހަރަކާތްތަކަށް ދަންދެން ތަހްލީލުކުރުމަށްފަހު، އެފަރާތްތަކަށް ނުފޫޒުފޮރުވޭނެ މާ ބައިވަރުގޮތްތައް ފޭސްބުކަށް ހޯދޭނެއެވެ. މިހާރު ބޭނުންކުރެވޭ އޭއައި ޑިވަައިސްތަކަކީ މިގޮތަށް އިންސާނުންގެ ހަރަކާތްތައް ތަހްލީލްކުރުމަށްފަހު، އިންސާނާގެ އިޙްސާސްތައްވެސް ޕްރެޑިކްޓްކުރުމުގެ ޤާބިލްކަން ހުރި ޑިވައިސްތަކެކެވެ. ބައެއް ދިރާސާތަކުން ދެއްކިގޮތުގައި މިފަދައިން އޭއައިގެ އެހީގައި ބައެއްކަހަލަ ސިޔާސީ ފިކުރުތަކަށް މީހުން ބަދަލުކޮށްލުމުގެ ފުރުސަތުވެސް އޮވެއެވެ.

މެޓަގެ ދުނިޔޭގައި ކޮންމެ ޔޫސަރަކަށްވެސް އެމީހެއްގެ ޖިސްމު ރަމްޒުކޮށްދޭ އެވަޓާއެއް ގެންގުޅެއެވެ. މިއެވަޓާ އުޅޭ ވާޗުއަލް މާހައުލުގައި އެކި މުޢާމަލާތުތައް ކުރެވެއެވެ. ވާޗުއަލް މުދާވެސް ގަނެވެއެވެ. މި އާ ކޮންސެޕްޓް ތަޢާރަފުކުރިތާ މާގިނައިރުތަކެއް ދޫނުކޮށް މެޓައިންވަނީ މިފުރުސަތުގެ ބޭނުން ހިފަން ކެތްމަދުވެފައި ހުރި އެތައް ވިޔަފާރިއަކާ ވާހަކަދައްކާފައެވެ.

ކޮންމެއަކަސް، ފޭސްބުކްގެ ނަން ބަދަލުވިއެއްކަމަކު، މީހުންގެ ޑޭޓާ އެއްކޮށްގެން ނާޖާއިޒްގޮތުގައި ހިންގަމުން ގެންދާ ވިޔަފާރިއަކަށް ބަދަލެއްނާދެއެވެ.

ޙުސައިން ދީމް މުޙައްމަދު

ޙުސައިން ދީމް މުޙައްމަދު

ޓެކްނޮލޮޖީގެ ބާރުދުވެއްޔާއި ފައިހަމަކުރެވޭތޯ މަސައްކަތްކުރަމުންދާ ދަރިވަރެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.