ބްލޫއޮރިޖިން އިން ހަނދަށް ދިއުމަށް ދެކުނު ހުވަފެންތައް ބިލާހަކަށް

ޙުސައިން ދީމް މުޙައްމަދު 05 ނޮވެމްބަރު 2021

ބިލިއަނަރު ޖެފް ބެއްޒޯސްގެ "ބްލޫއޮރިޖިން" ކުންފުނި، ނާސާއާއި ދެކޮޅަށް ކޯޓަށް ހުށައެޅި މައްސަލަ ބޭރުކޮށްލުމާއެކު، ހަނދުގައި ޖެއްސުމަށް އެކުންފުނިންދެކެމުން އައި ހުވަފެންތައް ބިލާހަކަށްވެއްޖެއެވެ.

ނާސާއާއި ދެކޮޅަށް ބްލޫއޮރިޖިންއިން ކޯޓަށްދިޔައީ، ނާސާއިން ބައިޤަރުނަކަށްފަހު އިންސާނުން އަނބުރާ ހަނދަށް ގެންދެވޭތޯ ހިންގާ "އާޓެމިސް" މިޝަންގައި، ހަނދުގައި ޖައްސަން ބޭނުންކުރާ ހިއުމަން ލޭންޑިންގް ސިސްޓަމް އީޖާދުކުރުމަށް އެކުންފުންޏާ ހަވާލުކުރުމުގެ ބަދަލުގައި، އެކުންފުނީގެ އެންމެ ބޮޑު ވާދަވެރިޔާ، ސްޕޭސްއެކްސް އާއި ހަވާލުކުރިފަހުންނެވެ. މިމައްސަލަ ހުށައަޅަމުން ބްލޫއޮރިޖިންއިންވަނީ، ސްޕޭސްއެކްސްއަށް މިޕްރޮޖެކްޓު ހަވާލުކުރުމުގައި ނާސާއިން ޚުދު ނާސާގެ އަމިއްލަ ރިކުއަޔަމަންޓްތައްވެސް ހަނދާން ނައްތާލާފައިކަމަށް ތުހުމަތުކޮށްފައެވެ.

އެހެންނަމަވެސް 5 ނޮވެމްބަރު 2021ގައި އެމެރިކާގެ ކޯޓް އޮފް ފެޑެރަލް ކްލެއިމްސްއިންވަނީ މިމައްސަލަ ބޭރުކޮށްލާފައެވެ. މިގޮތުން އެމެރިކާގެ ފެޑެރަލް ކޯޓަކުން ނެރެވުނު އެއްސޮފުހާގެ ކުރުބަޔާނަކުން، ދުނިޔޭގެ އެންމެ ބޮޑު އެއްފައިސާވެރިޔާ ޖެފް ބެއްޒޯސްއާއި އެމެރިކާގެ ފެޑެރަލް ސަރުކާރާއި މިވަނީ ޖެހިފައެވެ. އެހެންނަމަވެސް ކޯޓުގެ މިނިންމުމާއި ވިދިގެން ޖެފް ބެއްޒޯސްވަނީ، މިއީ އޭނާ ބޭނުންވެލެއްވި ގޮތް ނޫންނަމަވެސް، ކޯޓުން ނިންމާފައިވާ ނިންމުމަށް އިޙްތިރާމް ކުރާ ކަމަށާއި، ނާސާއާއި ސްޕޭސްއެކްސްގެ ކޮންޓްރެކްޓުގައި އެއިދާރާއަށާއި ސްޕޭސްއެކްސް ކުންފުންޏަށް ކާމިޔާބު އެދޭކަމުގައި ދަންނަވާފައެވެ.

ނާސާއިން ބޭނުންވާ ހިއުމަން ލޭންޑިންގް ސިސްޓަމްގެ ޙައްޞާޞީ މިޒާޖުގެ ސަބަބުން، މިޕްރޮޖެކްޓުގެ ޕްރޮކިއުމަންޓުގައި ޚާއްޞަ ސިފަތަކެއް އެކުލެވިގެންވާންޖެހޭނެކަމަށް ބްލޫއޮރިޖިން ކޯޓަށް ހުށައެޅި ޝަކުވާގައި ފާހަގަކޮށްފައިވެއެވެ. މިގޮތުން ޕަބްލިކް-ޕްރައިވެޓް-ޕާޓްނާޝިޕް (ޕީޕީޕީ)ގެ ޕްރޮކިއުމަންޓް މޮޑެލްއެއްގެ ދަށުން ދޫކުރުމަށް ނިންމާފައި މިވާ ޕްރޮޖެކްޓުގެ ޓެންޑާގައި އެދެވޭވަރެއްގެ ވާދަވެރިކަމެއް އޮންނަންވާނެކަމަށާއި، ބިޑްކުރި ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތް ހޮވުމުގައި އެފަރާތްތަކުގެ ޑިޒައިންގައި ހިމެނޭ ރައްކާތެރިކަމުގެ ސިފަތަކަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެ ކަމަށް ބްލޫއޮރިޖިންއިން ގަބޫލުކުރާކަމަށް އެޝަކުވާގައި ހިމަނާފައިވެއެވެ.

ނާސާއިން މިޕްރޮޖެކްޓަށް ހުޅުވާލި ބިޑްގައި، ބިޑްކުރާ ފަރާތްތަކުން ތައްޔާރުކޮށްފައިވާ ލޭންޑިންގް ސިސްޓަމްގެ ޑިޒައިންގައި ހިމެނޭ ބާރަބަޔަށް ވަކިން ފްލައިޓް ރެޑިނަސް ރިވިއު (އެފްއާރުއާރު) އެއް ހުށައަޅަން ޖެހޭނެކަމަށް ޝަރުތުކޮށްފައިވެއެވެ. އެހެންނަމަވެސް، ނާސާއިން ބިޑް އެވޯޑްކުރި ސްޕޭސްއެކްސްއިން ހުށައަޅާފައިވަނީ މީގެން އެންމެ ރިވިއުއެއްކަން ފާހަގަކުރަމުން، ނާސާ ޚުދު އެމީހުންގެ ބިޑް ރިކުއަޔަމަންޓްތައް ހަންދާން ނައްތާލީތޯ ބްލޫއޮރިޖިން އިންވަނީ ސުވާލުކޮށްފައެވެ. މިކަމާ ގުޅޭގޮތުން އެމެރިކާގެ ގަވަރމަންޓް އެކައުންޓަބިލިޓީ އޮފީސް އިން އަންގަނީ ސްޕޭސްއެކްސްއިން އިހަށް ހުށައަޅާފައިނުވާ ރިވިއުތައް ހުށައަޅަންޖެހޭނެކަމަށެވެ. ނަމަވެސް އެކުންފުންޏަށް ބިޑް އެވޯޑްކުރެވުނު އެވޯޑުކުރެވުން އަނބުރައި ނުގެންދެވޭނެކަމަށް އެއޮފީހުން ހާމަކުރިއެވެ.

ބްލޫއޮރިޖިން ހާމަކުރިގޮތުގައި، މުޅި ޕްރޮޖެކްޓް އެއްކޮށް، ސްޕޭސްއެކްސްއަށް ހަވާލުކުރުމުގެ ކުރިން، ބަހާލައިގެން އެކިފަރާތްތަކުގެ މައްޗަށް ދޫކުރަން ނާސާއިން ނިންމިއެވެ. އެހެންކަމުން މުޅި ޕްރޮޖެކްޓު އެއްކޮށް ސްޕޭސްއެކްސްއަށް ދޫކޮށްލުމަކީވެސް ކުށެކެވެ. އަދި ނާސާއިން މިނިންމުން ނިންމީ، ސްޕޭސްއެކްސްގެ އަގަށް ބިނާކޮށްފައިކަމަށްވެސް ބްލޫއޮރިޖިންއިން ތުހުމަތުކޮށްފައިވެއެވެ. ސްޕޭސްއެކް ހުށައެޅި 2.9 ބިލިއަން ޑޮލަރުގެ ބިޑަކީ، ބްލޫއޮރިޖިންގެ ބިޑަށްވުރެ މާބޮޑުތަން ކުޑައަދަދެކެވެ. މިކަމަށްވެސް އެއޮފީހުންވަނީ ރައްދުދީފައެވެ. އެގޮތުން މިއިގެން އެއްވެސް އުޒުރަކީ، ނާސާގެ ނިންމުން ބާތިލްކުރެވޭނެވަރުގެ ކަންކަމެއް ނޫންކަމަށް އެއޮފީހުން ބްލޫއޮރިޖިންއަށް އެންގިއެވެ. ބްލޫއޮރިޖިން ބުނާގޮތުގައި ނާސާއިން މިގޮތަށް އަމަލުކުރާނެކަން ކުރިން އެނގުނުނަމަ، އެމީހުންގެ ޑިޒައިން މާބޮޑަށްވެސް ތަފާތުކުރީހެވެ.

ޙުސައިން ދީމް މުޙައްމަދު

ޙުސައިން ދީމް މުޙައްމަދު

ޓެކްނޮލޮޖީގެ ބާރުދުވެއްޔާއި ފައިހަމަކުރެވޭތޯ މަސައްކަތްކުރަމުންދާ ދަރިވަރެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.