މީގެ 16 އަހަރު ކުރިން ލޮލުގެ ފެނުން ގެއްލިފައިވާ މީހަކަށް ހާއްސަ ޕްރޮސްތެޓިކް އައިނެއް މެދުދުވެރިކޮށް ކޮންމެވެސް ވަރަކަށް ލޮލުގެ ފެނުން އަބުރާ ލިބިއްޖެއެވެ. އެގޮތުން ސިކުނޑިއާއި ގުޅިފައިވާ ހާއްސަ އިމްޕްލާންޓަކާއި މި އައިނު މެދުވެރިކޮށް މިމީހާއަށް މިހާރު އަކުރުތައް ދެނެގަނެވޭ ކަމަށް ޖާނަލް އޮފް ކްލިނިކަލް އިންވެސްޓިގޭޝަންގައި ޝާއިއު ކުރެވިފައިވާ ކަރުދާހެއްގައި ވަނީ ހާމަކޮށްފައިއެވެ. މީގެ އިތުރުން މި ޑިވައިސްގެ އިތުރު ކްލިނިކަލް ތަހުލީލުތައް 4 މީހުންނާއިއެކު 2024 ގައި ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައިއެވެ.
ޔުނިވާސިޓީ އޮފް ޔޫޓާގެ މޮރާން އައި ސެންޓަރުގެ ރިސާޗަރެއް އަދި މި ކަރުދާސް ލިޔުމުގައި ހަރަކާތްތެރިވި އެއްފަރާތްކަމަށްވާ ރިޗާޑް ނޯމަން ހާމަކޮށްފައިވާ ގޮތުގައި މި ދިރާސާގެ މައިގަނޑު އަމާޒަކީ ލޮލުގެ ފެނުން ގެއްލިފައިވާ ފަރާތްތަކަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމެވެ. މީގެ ސަބަބުން އެމީހުންނަށް ފަސޭހައިން މީހަކު، ދޮރެއް، ނުވަތަ ކާރުތައް ދެނެގަތުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި މި ދިރާސާގެ ސަބަބުން އެފަރާތްތަކުގެ މިނިވަންކަމާއި ސަލާމަތްތެރިކަން އިތުރުވެގެންދާކަމަށްވެސް އޭނާވަނީ ހާމަކޮށްފައިއެވެ.
މިހާރު އުމުރުން 58 އަހަރުގެ ބާނާ ގޯމޭޒް އަކީ ލޮލުގެ ފެނުން އެއްކޮށް ގެއްލެންދެން ސްޕެއިންގެ ހައިސްކޫލެއްގައި ބަޔޮލޮޖީ ކިޔަވައިދެމުންދިޔަ މުދައްރިސެކެވެ. ޔުނިވާސިޓީ އޮފް ޔޫޓާއިން ހާމަކޮށްފައިވާ ގޮތުގައި އޭނާގެ ލުލުގެ ފެނުން ގެއްލުނީ ޓޮކްސިކް އޮޕްޓިކް ނިއުރޯޕަތީ ނަމަކަށް ކިޔާ ބައްޔެއްގެ ސަބަބުން ލޮލާއި ސިކުނޑިއާއި ދެމެދު ގުޅުންކެނޑުމުގެ ސަބަބުންނެވެ. ގޯމޭޒް އަކީ ލޯއަނދިރިކަން ތަހައްމަލު ކުރަމުންދާ އެތައް މިލިއަން ބަޔަކަށް ލޮލުގެ ފެނުން އަލުން އިއާދަކުރުމުގެ މަގްސަދުގައި ނޯމަން އުފެއްދި ޔޫޓާ އިލެކްޓްރޯޑް އެރާ (ޔޫއީއޭ) އެންމެ ފުރަތަމަ ލިބުނު މީހާ އެވެ.
މިޑިވައިސްއަކީ 4 އަކަމީލިމީޓަރުގެ އިމްޕްލާންޓަބަލް ޑިވައިސްއެކެވެ. އެގޮތުން މިޑިވައިސްގައި 1.5 މިލިމީޓަރުގެ ދިގުމިނުގެ 96 އިލެކްޓްރޯޑް ހިމެނިފައިވެއެވެ. މި ޑިވައިސްއަކީ ސިކުނޑިއަށް ސާޖިކަލީ އިމްޕްލާންޓްކުރެވޭ ޑިވައިސްއެކެވެ. މީގެ އިތުރުން މި ޑިވައިސްގައި ހިމެނޭ އައިނަކީ ހާއްސަ ކެމެރާއަކާއި އެކު އުފައްދާފައިވާ އައިނެކެވެ.
މި ޑިވައިސް ލިބުމާއިއެކު ގޯމޭޒްވަނީ ޔުނިވާސިޓީ އޮފް ޔޫޓާގެ ލެބެއްގައި ހަމަސް ދުވަހު ހަރަކާތްތެރިވެ މި ޑިވައިސް ޓެސްޓުކުރުމުގައި އެހީތެރިވެދީފައިއެވެ. އެގޮތުން މި ޑިވައިސް މެދުވެރިކޮށް އާދައިގެ ބައްޓަންތަކާއި އަކުރުތަައް ދެނެގަތުމުގެ ގާބިލުކަން އޭނާއަށް ވަނީ ލިބިފައިއެވެ. މީގެ އިތުރުން އޭނާ ވަނީ ވީޑިއޯ ގޭމް ކުޅުމުގައިވެސް ވަގުތު ހޭދަކޮށްފައިއެވެ. މީގެ އިތުރުން ހަމަސް ފަހުން މި ޑިވައިސްވަނީ އެއްވެސް މައްސަލައެއް ނުޖެހި ނަގާފައިއެވެ. ހަމަސް ދުވަހަށް މި ޑިވައިސް ކާމިޔާބު ކަމާއިއެކު ޓެސްޓް ކުރެވިފައިވިޔަސް އަދި މި ޑިވައިސް ސިކުނޑީގައި ގިނަދުވަހު ރައްކާތެރިކަމާއެކު ހުރެވިދާނެތޯ ބެލުމަށް އިތުރު ދިރާސާތަކެއް ކުރަން ޖެހެއެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި