ބޮލީވުޑް ޗެޓްތައް ވަޓްސްއެޕް އިން ލީކުވަނީ ކީއްވެ؟

ޢާއިޝަތު ޝައިހާ 07 ނޮވެމްބަރު 2021

ވަޓްސްއެޕް ޗެޓްތަކަކީ އަބަދުވެސް އެންޑް-ޓު-އެންޑް އެންކްރިޕްޝަން ހިމެނޭ އިންސްޓަންޓް މެސެޖިންގް އެޕްލިކޭޝަންއެވެ. އެންޑް-ޓު-އެންޑް އެންކްރިޕްޝަންގެ މާނައަކީ، މެސެޖު ފޮނުވާ ފަރާތާއި މެސެޖު ލިބޭ ފަރާތް ނޫން އެހެން އެއްވެސް ބަޔަކަށް އެ މެސެޖުތައް ނުކިޔޭނެ ކަމެވެ. ވަޓްސްއެޕްއަށް ވެސް މި މެސެޖުތައް ނުކިޔޭނެއެވެ. އެހެންކަމުން، މި ފަދަ ހަރުކަށި ގަވާއިދުތައް ހުރުމާއި އެކުގައިވެސް، ބޮލީވުޑްގައި ކޮންމެވެސް ބޮޑު މައްސަލައެއް ހިނގައިފި ކަމުގައި ވާނަމަ، އެ މައްސަލައިގައި ހިމެނޭ މީހުންގެ ވަޓްސްއެޕް ޗެޓްތައް ބެލުމުގެ ހުއްދަ ލިބި ލީކު ވަނީ ކީއްވެގެން ހެއްޔެވެ؟ ފަހަކަށް އައިސް، ބޮލީވުޑް ފަންނާނުންގެ ވަޓްސްއެޕް ޗެޓްތައް ލީކުވުން ވަނީ ވަރަށް ގިނަވެފައެވެ.

އިންޑިޔާގެ ފިލްމީ ތަރި ޝުޝާންތް ސިންގ ރަޖްޕުޓްގެ މަރުގެ މައްސަލަ އަށްފަހު އެކަމުގެ ވަށައިގެންވާ މައްސަލަތައް ތަހުގީގު ކުރުމުގައި އިންޑިޔާ ފުލުހުންގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއަށް ވަޓްސްއެޕް މައުލޫމާތު ލިބުނުކަމުގެ ތުހުމަތާއި އެކު ވަޓްސްއެޕްގެ ސެކިއުރިޓީ އަދި ޕްރައިވެސީ އާއިމެދު ގިނަ ބަޔެއްގެ ޝަކުވާ އިތުރުވެގެން ދިޔައެވެ.

2020 ވަނަ އަހަރު، ރިޔާ ޗަކްރަބޯޓީގެ ވަޓްސްއެޕް ޗެޓްތައް ވަނީ މުޅި އިންޓަނެޓުގައި ދައުރުވެފައެވެ. އެއަށްފަހު ދެން ފެނިގެން ދިޔައީ، ޑިޕިކާ ޕަޑްކޮން، ޑްރަގް ޑީލަރެއް ކަމަށް ބެލެވޭ މީހަކާއި ވަޓްސްއެޕް އިން ދެކެވިފައިވާ ވާހަކަތަކާއި ގުޅިގެން އެންސީބީ އޮފީހަށް ހާޒިރުކުރި މަންޒަރެވެ. އެންމެ ފަހުން ފެނިފައި ވަނީ، ބޮލީވުޑް ތަރި އަނަންޔާ ޕާންޑޭ، ޝާހް ރުޚް ޚާންގެ ދަރިފުޅު އާރްޔަން ޚާންއާއި ދެކެވުނު ވާހަކަތަކާއި ގުޅިގެން އެންސީބީއަށް ހާޒިރުކުރެވުނު މައްސަލައެވެ.

މި ހުރިހާ ހާދިޘާތަކާއި ގުޅިގެން ވަޓްސްއެޕް މެސެޖުތަކުގައި، ހަމަ ހަގީގަތުގައި ވެސް އެންޑް-ޓު-އެންޑް އެންކްރިޕްޝަން ވާ ކަމާއި މެދު ސުވާލު އުފެދެއެވެ. މި މެސެޖުތައް ބެލުމުގެ ހުއްދަ ލިބި، މި މެސެޖުތައް ލީކުވެފައި މިވަނީ ކިހިނެތް ހެއްޔެވެ؟

ވަޓްސްއެޕް ހަމަ ހަޤީޤަތުގައި ވެސް ވަނީ އެންޑް-ޓު-އެންޑް އެންކްރިޕްޓް ކުރެވިފައި ހެއްޔެވެ؟

ވަޓްސްއެޕް އިން އޭގެ މެސެޖުތަކުގެ އެންޑް-ޓު-އެންޑް އެންކްރިޕްޝަން އަބަދުވެސް ދަމަހައްޓާފައި ވެއެވެ. މިހާރު އޮންނަ ގޮތުންނަމަ، މެސެޖުތައް ކިޔޭނީ މެސެޖު ފޮނުވާ ފަރާތަށާއި ލިބޭ ފަރާތަށް އެކަންޏެވެ. އިތުރު ތިންވަނަ ފަރާތަކަށް މި މެސެޖުތައް ބެލުމުގެ ހުއްދައެއް ނޯންނާނެއެވެ. ވަޓްސްއެޕްއާއި ފޭސްބުކްއަށް ވެސް މި ހުއްދައެއް ނޯވެއެވެ. ވަޓްސްއެޕްގެ އެންޑް-ޓު-އެންޑް އެންކްރިޕްޝަން އިން ސިގްނަލް ޕްރޮޓޮކޯލް ބޭނުންކޮށް، އިތުރު ތިންވަނަ ފަރާތަކަށާއި ޚުދު ވަޓްސްއެޕަށްވެސް، މެސެޖުތަކާއި ކޯލުތައް ބެލުމަށް ހުރަސްއެޅެއެވެ.

ފިލްމީތަރި ޝާރްދާ ކަޕޫރް ޝޫޓިންގް އެއް ނިންމާފާ ނުކުމެގެންދާ ޕޮޓޯ އެއްގައި ތިން ހިތް ޖަހާފައި ސޭވް ކޮށްފައިވާ ކޮންޓެކްޓް އަކާ އެކު ވަޓްސްއެޕް ޗެޓް ގެ ސްކްރީން ފެންނަ ފޮޓޯ އެއް.

"ވަޓްސްއެޕްއިން އެންޑް-ޓު-އެންޑް އެންކްރިޕްޓް ކޮށްފައިވާ މެސެޖުތައް ބެލުމާއި ކުރެވޭ ކޯލުތައް އަޑުއެހުމުގެ އެއްވެސް ގާބިލުކަމެއް ލިބިފައެއް ނުވާނެ. ސަބަބަކީ ވަޓްސްއެޕް އިން ލިބޭ އަދި ފޮނުވާ މެސެޖުތަކުގެ އެންކްރިޕްޝަނާއި ޑިކްރިޕްޝަން ހިނގަނީ ހަމައެކަނި އެ ޑިވައިސްގަ. ޑިވައިސް އިން މެސެޖު ދިޔުމުގެ ކުރިން، އެ މެސެޖެއް ކްރިޕްޓޯގްރަފިކް ތަޅަކުން ސެކިޔުއަރ ކުރެވިގެން ދޭ. މީގެ ތަޅުދަނޑި ހަމައެކަނި ލިބިގެންވާނީ މެސެޖު ލިބޭ ފަރާތަށް އެކަނި. މީގެ އިތުރުން، ފޮނުވޭ ކޮންމެ މެސެޖަކާއި އެކީ ތަޅު ބަދަލުވެގެން ދޭ. މިހުރިހާ ކަމެއް ސްކްރީންގެ ފަހަތުގައި ހިނގަމުން ދާ އިރު، ތިބާއާއި އަނެކާއާއި ދެކެވޭ ވާހަކަ ރައްކާތެރި ކުރެވިފައި ވޭތޯ ބެލުމަށް، ޑިވައިސްގައިވާ ސެކިއުރިޓީ ވެރިފިކޭޝަން ކޯޑު ބޭނުންކޮށްގެން ބަލައިލެވޭނެ." ވަޓްސްއެޕްގެ އެފްއޭކިއު ޕޭޖުގައި ބުނެފައި ވެއެވެ.

އެންޑް-ޓު-އެންޑް އެންކްރިޕްޝަން އޮތް ނަމަވެސް ވަޓްސްއެޕް ޗެޓްތައް ބެލުމުގެ ހުއްދަ ލިބިގެން ދަނީ ކީއްވެ؟

އެންޑް-ޓު-އެންޑް އެންކްރިޕްޝަނަކީ، އޭގެ ބޭނުން ރަނގަޅު ގޮތުގައި ބޭނުން ކުރެވިއްޖެނަމަ، ވަރަށް ހަރުދަނާ ފިޔަވަޅެކެވެ. އެންޑް-ޓު-އެންޑް އެންކްރިޕްޓް ކޮށްފައިވާ ޑޭޓާއެއްގެ ތެރެއަށް ވަދެގަތުމަކީ، ވުން ވަރަށް ނާދިރު ކަމެކެވެ. އެހެންކަމުން، ވަޓްސްއެޕް މެސެޖުތައް ލީކު ވަނީ ކީއްވެގެން ހެއްޔެވެ؟ ހަގީގަތުގައި، ގިނަ ފަހަރު ލީކު ނުވެއެވެ. އޭގެ ބަދަލުގައި އެ މެސެޖުތައް ބެލުމުގެ ހުއްދަ ލިބެނީއެވެ. މި ހުއްދަ ލިބެނީ މާ ބުރަ މަސައްކަތަކުން ނޫނެވެ: ފޯނު ލޮކު ފިލުވާލާފައި އެހެން މީހެއްގެ އަތަށް ދިނުމުން އެ ހިސާބުން ނިމުނީއެވެ. އިންޑިޔާގައި، އަމިއްލަ މައުލޫމާތާއި ޑިވައިސްތައް ބެލުމުގެ ހުއްދައާއި ބެހޭ ގާނޫނަކީ ވަރަށް ދޯދިޔާ ގާނޫނުތަކެކެވެ. އެމެރިކާ އާއި ގިނަ ޔޫރަޕްގެ ގައުމުތަކުގައި، ފޯނުތަކާއި ކޮމްޕިއުޓަރުތައް ހިފަހައްޓާ ބެލުމުގެ ކުރިން ފުލުހުން އަމުރެއް ބޭނުންވާނެއެވެ.

ތިރީގައި މި ވަނީ އިންޑިޔާގައި ކަން ހިނގާ ގޮތުގެ ބައެއް މިސާލުތަކެކެވެ.

1. ފޯނު އަތުން އަތަށް އަތުލުމަށްފަހު، އެ ފޯނުގެ ވެރި ފަރާތު ކުރެން އެ ފޯނު ހުޅުވަން އެދުމެވެ. މިހެން ކަންތައް ކުރުމުން، މެސެޖުތަކުން ދެކެވިފައިވާ ހުރިހާ ވާހަތަކެއް ބެލެވޭނެއެވެ. އޭރުން، އެ މެސެޖުތަކުގެ ސްރީންޝޮޓުތައް ނަގައި، ކޮޕީކުރުމަށްފަހު އެހެން ފަރާތްތަކާއި ހިއްސާ ކުރެވޭނެއެވެ.

2. ފޯނު އަތުން އަތަށް އަތުލި ނަމަވެސް ފޯނު ލޮކް ފިލުވާފައި ނެތުމެވެ. މިހެން ކަންތައް ވެއްޖެ ނަމަ، ފޮރެންސިކް ޓީމުން އެ މީހުންގެ ޖާދޫ ހެދޭނެއެވެ. ވަޓްސްއެޕް ޗެޓްތައް އެންކްރިޕްޓް ކޮށްފައި ވާނަމަވެސް، މީގެ ހަފްތާތަކެއް ކުރިން ވަޓްސްއެޕްއިން ގޫގުލް ޑްރައިވްއާއި އައިކްލައުޑް އަށް ޚާއްޞަކޮށް ހަދި ޗެޓް ބެކްއަޕްތައް ވަނީ އެންކްރިޕްޓް ކޮށްފައެއް ނޫނެވެ. އެހެންކަމުން، މި ޗެޓް ބެކްއަޕްއަށް، ހާއްސަ ތަކެތި ބޭނުންކޮށްގެން ވަދެވޭނެއެވެ.

3. ހަމަ މި އާއެކު، ގާނޫނު ތަންފީޒު ކުރާ އިދާރާތަކުން ގޫގުލްއާއި އެޕަލްއަށް، ސައްހަ ކޯޓު އަމުރަކާއި އެކީ، ބެކްއަޕް ކޮށްފައިވާ ވަޓްސްއެޕް ޗެޓްތައް ހޯދުމަށް ދެވޭނެއެވެ. ދެން، މި ބެކްއަޕްތައް ފޮރެންސިކް ލެބް ގައި ވަކި ވަކިން ދެނެގަނެވޭނެއެވެ.

މިހާރުވެސް ޗެޓް ބެކްއަޕްތައް އެންކްރިޕްޓް ކުރެވޭ އިރު، މި ކަން ކުރެވޭނީ ހަމައެކަނި އެ ބޭނުންކުރާ ފަރާތަކުން އެކަން ކުރުމުންނެވެ. އެހެންކަމުން، ތިމާ އަމިއްލައަށް ޗެޓް ބެކްއަޕްތައް އެންކްރިޕްޓް ކުރަން ވަޓްސްއެޕްގައި ނޭދޭހާ ހިނދަކު އެ ބެކްއަޕްތައް ހުންނާނީ އަންއެންކްރިޕްޓެޑް އެއްޗެއްގެ ގޮތުގައެވެ.

ގާނޫނު ތަންފީޒު ކުރާ ފަރާތްތަކާއި އެކީގައި ވަޓްސްއެޕްއިން ޑާޓާތައް ހިއްސާ ކުރެވޭނެ ހެއްޔެވެ؟

އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހިއްޖެ ހާލަތެއްގައި، ވަޓްސްއެޕްގައި އެކަމަށް އެދުގެން، މި ފަރާތްތަކުން، ބޭނުންކުރާ ފަރާތުގެ އެކައުންޓް ރިކޯޑުތައް ހިއްސާ ކުރެވޭނެއެވެ. އެކައުންޓެއްގެ ސްޓޯ ކޮންޓެންޓުގައި ހިމެނޭ މައުލޫމާތުތަކަށް ބަލާލާއިރު، 'އެބައުޓް' މައުލޫމާތުތައް، ޕްރޮފައިލް ފޮޓޯތައް، ގްރޫޕް މައުލޫމާތުތައް، އަދި ލިބެން އޮތް ނަމަ، އެޑްރެސް ބުކްވެސް ހިމެނެއެވެ. މި މައުލޫމާތުތަކަށް އެދި ހުށައަޅައިފި ނަމަ، ވަޓްސްއެޕްއިން ރަނގަޅަށް ދިރާސާކޮށް، ތަހުގީގު ކުރުމަށްފަހުގައި، އެއާއި ގުޅޭ ގާނޫނަކާއި ޕޮލިސީއެއްގެ މައްޗަށް ބިނާކޮށް، ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ޖަވާބުދާރީ ވެއެވެ.

ކަން މިހެން އޮތް ނަމަވެސް، ވަޓްސްއެޕްގެ ޕްރައިވެސީ ޕޮލިސީ އަދި ޓާމްސް އޮފް ޔޫސްގެ އެއްވެސް ސަފްހާއެއްގައި މި ފަރާތްތަކާއި އެއްވެސް މެސެޖެއް ހިއްސާ ކުރުމާއި ބެހޭގޮތުން ބަޔާންކޮށްފައި ނުވެއެވެ. ސަބަބަކީ ވަޓްސްއެޕްއިން އެއްވެސް މެސެޖެއް ފޮނުވުމަށް ފަހުގައި، ނުވަތަ ފޮނުވާފައި އެއްވެސް މެސެޖެއްގެ ޓްރާންސެކްޝަން ލޮގްއަށް ފަހު އެ މެސެޖުތައް ވަޓްސްއެޕް ގެ ސަރވަރ ތަކުގައި ރައްކާ ނުކުރާނެއެވެ. 30 ދުވަހަށްފަހު ނުފޮނުވޭ މެސެޖުތައް ވަޓްސްއެޕްގެ ސާވަރ ތަކުން ޑިލީޓު ކޮށްލެވޭނެއެވެ. އަމިއްލައަކަށް އެކްޓިވޭޓް ވާ އެންޑް-ޓު-އެންޑް އެންކްރިޕްޝަންއިން، ވަޓްސްއެޕް ބޭނުންކުރާ ފަރާތްތަކުގެ މެސެޖު ބެލުމުގެ ހުއްދައެއް ނުދޭނެއެވެ.

ގާނޫން ތަންފީޒް ކުރާފަރާތްތައް ނޫން ބަޔަކަށް މިގޮތަށް މެސެޖްތައް ބެލޭނެތަ؟

ބައެއް ފަހަރުތަކުގައި ލީކް ވާ ސްކްރީން ޝޮޓް ތަކާއި މައުލޫމާތުތަކަކީ މުއާމަލާތުގެ ދެކޮޅުން ކުރެއް އެއް ކޮޅުން ނަގާ ފޯނުގައި ނުވަތަ ކޮންމެވެސް ކްލައުޑް ސްޓޯރޭޖް އެއް ގައި ރައްކާކުރާ ސްކްރީންޝޯޓްތައް ކޮންމެވެސް ގޮތަކުން ލީކްވެގެން ދިއުމެވެ. މިގޮތަށް ނަގާ އެއްވެސް ސްކްރީން ޝޯޓް އަކީ އެންކްރިޕްޓް ކުރެވިފައި ހުންނަ ތަކެއްޗެއް ނޫނެވެ. މީގެ އިތުރުންވެސް ބައެއް ހާއްސަ ސޮފްޓްވެރަ ތަކުން މަރާމާތަށް ނުވަތަ އެނޫންވެސް ގޮތަކަކަށް އަތުލެވޭ ނުވަތަ ވަގަށް ނެގޭ ފޯނުތަކުގެ ރިކަވަރީ ނުވަތަ ޑާޓާ ރިޓްރީވް ކުރުން ކަހަލަ އުކުޅު ތަކުން މައުލޫމާތު ލިބޭ ފަހަރުތައްވެސް ހިމެނެވެ.

ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.