ނާސާއިން ޖައްވުގައި މިރުސް ހައްދައިފި

ޙުސައިން ދީމް މުޙައްމަދު 07 ނޮވެމްބަރު 2021

އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން، އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) ގައި މިރުސް ހައްދައިފިއެވެ. މިއީ މިއަހަރުގެ ޖުލައިމަހު، ނިއު މެކްސިކޯގައި ހައްދާ މަޝްހޫރު "ހެޗް ޗިލީ"ގެ އޮށްތަކެއް އައިއެސްއެސްއަށް ގެންގޮސް އިންދައިގެން ހެއްދި ގަސްތަކެކެވެ. އެހެންނަމަވެސް މިއީކީ ނާސާއިން މަޖަލަކަށް ނުވަތަ ކޮންމެހެންވެސް ކާންބޭނުންވެގެން ހެއްދި ގަސްތަކެއް ނޫނެވެ. މިއީ ޖައްވުގައި ގަސްތަކުގެ މައިކްރޯބްތައް ރިއެކްޓުކުރާގޮތް ތަޙްލީލުކުރާށާއި، ޖައްވުގައި ހައްދާ މުޑުވަކުގައި ތަފާތުކަމެއް ހުރޭތޯ ބެލުމަށް ހިންގި ޢިލްމީ ތަހްލީލެކެވެ. މިރުހުގެ އިތުރުން ލެޓިއުސް، ކޭލް އަދި ޗައިނީޒް ކެބެޖުވެސް އައިއެސްއެސްގައި ހައްދާފައިވެއެވެ. އެހެންނަމަވެސް މިރުސް ހެއްދުން މިއީ މިހާތަނަށް އެސްޓޭޝަންގައި ހިންގުނު އެންމެ ތަފާތު އެއް އެކްސްޕެރިމެންޓްކަމަށް އެސްޓޭޝަންގެ އެސްޓްރޮނޯޓުން ޤަބޫލުކުރެއެވެ. އެއީ މިރުސް ހައްދަން ނަގައި ވަގުތު ދިގުވީމާ ކަމަށް ބެލެވެއެވެ.

އިސްވެ ދެންނެވުނު ފަދައިން ނާސާއިން އެކިގަސްގަސް ޖައްވަށް ގެންގޮސް ހެއްދޭތޯ ދަނީ ގަދައަޅާ މަސައްކަތްކުރަމުންނެވެ. މީގެ ބޭނުމަކީ ކުރިއަށް އޮތް ކައިރި މުސްތަޤްބަލުގައި އިންސާނުން ހަނދާއި މިއްރީޚަށް ގެންދެވޭތޯ ނާސާއިން ކުރިއަށް ގެންދަން ނިންމާފައިވާ ބިޔަ ޕްރޮޖެކްޓުގައި، އެސްޓްރޮނޯޓުންނަށް ފޯރުކޮށްދެވޭ ކާނާގެ ފެންވަރު ރަނގަޅު ކޮށްދިނުމެވެ. ވަރަށް އަވަހަށް އިތުރު ގަސްތަކެއް ޖައްވުގައި އިންދުމަށް އައިއެސްއެސްއަށް ފޮނުވާނެ ކަމަށް ނާސާއިން ރިޕޯޓުކުރެއެވެ.

މިފަހަރު އިންދި މިރުސްތަކުގައި އެސްޓްރޮނޯޓުން ތައްޔާރުކުރީ "ޓާކޯ" އެވެ. ޓާކޯއަކީ އެމެރިކާއަދި މެކްސިކޯގައިވެސް ވަރަށް މަޤްބޫލު ކުޅި ކާއެއްޗެކެވެ. ޖައްވުގައި ތަފާތު އެކި ބާވަތް ބާވަތުގެ ކާނާ ހެއްދުނީމާ، ދިގު މިޝަންތަކުގައި ޖައްވުގައި އުޅެންޖެހޭ އެސްޓްރޮނޯޓުންނަށް ތަފާތު އަދި ފައިދާކުރަނިވި ކާނާ ތާޒާކަމާއެކީ ފޯރުކޮށްދެވިގެންދާނެއެވެ.

ޙުސައިން ދީމް މުޙައްމަދު

ޙުސައިން ދީމް މުޙައްމަދު

ޓެކްނޮލޮޖީގެ ބާރުދުވެއްޔާއި ފައިހަމަކުރެވޭތޯ މަސައްކަތްކުރަމުންދާ ދަރިވަރެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.