ދުނިޔޭގެ އެންމެ ފައިސާވެރި އަދި އެންމެ ނުފޫޒުގަދަ މަހުޖަނުންގެ ލިސްޓުގައި ހިމެނޭ އީލޮން މަސްކް، އޭނާގެ ޓެސްލާ ކުންފުނިން 5 ބިލިއަން ޑޮލަރުގެ ހިއްސާ ވިއްކާލައިފިއެވެ. ކަރަންޓު ކާރު އުފެއްދުމުގައި މުޅި ދުނިޔޭގެވެސް އެއްވަނަ ކުންފުނި ޓެސްލާގެ ސްޓޮކްތަކެއް މަސްކް ވިއްކާލީ، އެކުންފުނީގައިވާ އޭނާގެ ހިއްސާގެ 10 އިންސައްތަ ވިއްކާލުމާ ބެހޭގޮތުން ޓްވިޓާގައި މީހުންގެ ރައުޔު ހޯދުމަށްފަހުގައެވެ. އެހެންނަމަވެސް މިއީ މާކުރީއްސުރެ ފައްޓައިގެން މަސްކު ރާވާފައި އޮތް ރޭވުމެއްގެ ތެރެއިން ކުރިކަމެކެވެ.
މިގޮތުން މަސްކް ހެދި ގޮތަކީ، އެކުންފުނިން 2.15 މިލިއަން ސްޓޮކް އޮޕްޝަންތަކެއް، ކޮންމެ ސްޓޮކެއް 6.24 ޑޮލަރުގެ އަގުގައި ވިއްކާލީއެވެ. ޖުމްލަ 13.4 ބިލިއަން ޑޮލަރުގެ ސްޓޮކް ވިއްކިފައިވާއިރު، އެކުންފުނީގެ 934،000 ހިއްސާ އެކިއަގުގައި ހަމަ އެދުވަހު މަސްކް ވިއްކާލިއެވެ. މިއާއިއެކު 1.1 ބިލިއަން ޑޮލަރުގެ ސާފު ފައިދާއެއް މަސްކްގެ އެކައުންޓަށްވަނީ ޖަމާކުރެވިފައެވެ. މަސްކްގެ ސްޓޮކް ވިއްކުމުގެ މިހަރަކާތް ނިންމާލިއިރު 3.6 މިލިއަން ހިއްސާވަނީ ވިއްކާލެވިފައެވެ. އަދި މިއާއިއެކު މަސްކަށް 4 ބިލިއަން ޑޮލަރުގެ ބޮޑު ފައިދާއެއްވެސް ޖަމާކުރެވުނެވެ.
މިގޮތަށް މަސްކު މި އަމަލުކުރީ، މަސްކްއާއި އެމަޒޯންގެ ވެރިޔާ ޖެފް ބެއްޒޯސް ފަދަ ބޮޑެތި މަހުޖަނުންގެ އަތުން ނެގޭ ޓެކްސް އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވެމުންދަނިކޮށެވެ. އެމަޝްވަރާތަކާ ވިދިގެން މަސްކްވަނީ، ޓެސްލާގައި އޭނާގެ ހިއްސާތަކުން 10% ވިއްކުމާ ބެހޭގޮތުން ޓްވިޓާގައި ޚިޔާލު ހޯދާފައެވެ. އެހެންނަމަވެސް، އެފަދައިން ޓްވީޓްކުރުމުގެ މާކުރިން، ހުސްވި ސެޕްޓެމްބަރު މަހުގެ 14ވަނަ ދުވަހުއްސުރެ ފައްޓައިގެން މަސްކްދިޔައީ މިކަން ރާވަމުންނެވެ.
ރިޕޯޓުތަކުން ދައްކާގޮތުގައި މަސްކް ވިއްކާލައިފައި މިވަނީ އަންނަ އަހަރު މުއްދަތުހަމަވާ ސްޓޮކް އޮޕްޝަންތަކެކެވެ. ބޮޑަށް ބެލެވޭ ގޮތުގައި މިއީ، މިފެށޭ އަހަރުގެ ތެރޭ މަސްކް ދައްކަންޖެހޭ 10 ބިލިއަން ޑޮލަރުގެ ޓެކްސް އޭނާގެ މުދަލުން ކެނޑުމުގެ ކުރިން، ބައެއް ހިއްސާތައް ލިކުއިޑޭޓް ކުރުމުގެ ގޮތުން ކޮއްލި ކަމެކެވެ.
ޓްވިޓާގައި 10% ހިއްސާ ވިއްކާލާނެ ކަމަށް ބުނިނަމަވެސް، ހިސާބުތަކުން ދައްކާގޮތުގައި މަސްކް ވިއްކާލައިފައިވަނީ އެންމެ 3% ހިއްސާއެވެ. ޓެސްލާ ކުންފުނީގެ 172.20 މިލިއަން ހިއްސާ އޮންނަ، އެކުންފުނީގެ ވެރިޔާ އީލޮން މަސްކް، އެއިގެން 10% ވިއްކާލާނަމޭ ބުނުމުން ސްޓޮކްމާކެޓުގައި ޓެެސްލާގެ އަގަށް ބޮޑެތި ބަދަލުތަކެއް އަންނަން ފެށިއެވެ. މިފާއިތުވެގެންދިޔަ މަދުދުވަސްކޮޅުގެ ތެރޭގައި އެކަނިވެސް މަސްކަށް 50 ބިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިފައިވީނަމަވެސް، އަދިވެސް މަސްކްއަކީ ދުނިޔޭގައި ހުރި އެންމެ ފައިސާވެރި މީހާއެވެ.
ޓެކްނޮލޮޖީގެ ބާރުދުވެއްޔާއި ފައިހަމަކުރެވޭތޯ މަސައްކަތްކުރަމުންދާ ދަރިވަރެއް.