ޖައްވުން ކާބަން ޑައިއޮކްސައިޑް ނަގައި ހިލަ އުފައްދަނީ

އިސްމާއިލް އަލީ 12 ނޮވެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޖައްވުން ކާބަން ޑައިއޮކްސައިޑް ނަގައިގެން ހިލަ އުފެއްދުމުގެ މަސައްކަތް އައިސްލޭންޑްގެ ދިރާސާކުރާ ޓީމަކުން ފަށައިފިއެވެ. މިއީ ދުނިޔޭގައި މިފަދަ ދިރާސާއެއްކުރާ ފުރަތަމަ ފަހަރެވެ. މި ދިރާސާއަކީ ސްވިޒަލޭންޑްގެ ކްލައިމްވޯކްސް އާއި އައިސްލޭންޑްގެ ކާބްފިކްސް ކުންފުނި ގުޅިގެން ކުރިއަށްގެންދާ ދިރާސާއެކެވެ. ކްލައިމްވޯކްސްއަކީ ޖައްވުން ކާބަން ޑައިއޮކްސައިޑް ނެގުމަށް ބޭނުންވާ ޓެކްނޮލޮޖީ އުފައްދާ ކުންފުންޏެކެވެ. މީގެ އިތުރުން ކާބްފިކްސްއަކީ 2 އަހަރަށްވުރެ މަދުދުވަސްކޮޅެއް ތެރޭގައި ކާބަން ޑައިއޮކްސައިޑްއިން ހިލަ އުފައްދާނެގޮތް ހޯދާފައިވާ ކުންފުންޏެކެވެ.

އެގޮތުން އޯރކާ ނަމަކަށް ކިޔާ ކްލިމްވޯކްސްގެ "ޑައިރެކްޓް އެއަރ ކެޕްޗަރ" މެޝިންއަކީ ބިޔަ ފަންކާތަކަކާއި ފޮތި ޓިއުބްތަކެއް ބޭނުންކޮށްގެން ވައި އެތެރެއަށް ދަމައިގަންނަ މެޝިނެކެވެ. މި މެޝިނުގައި ހިމެނޭ ފިލްޓާއެއް މެދުވެރިކޮށް ވައިގެ ތެރޭގައި ހިމެނޭ ކާބަން ޑައިއޮކްސައިޑާއި އެހެން ގޭސްތަކާއި ވަކިކޮށްލައެވެ. އެޔަށްފަހު މި ފިލްޓާ 100 ޑިގްރީ ސެލްސިއަސްއަށް ހޫނުކޮށްލުމަށްފަހު ސާފު ކާބަން ޑައިއޮކްސައިޑް އުފައްދައެވެ.

މި މެޝިނުން ކާބަން ޑައިއޮކްސައިޑް ބޭނުންވާވަރަށް ލިބުމުން ދެން "ޖަޔަންޓް ސޯޑާސްޓްރީމް މެޝިން"ގެ ނަމުން ނަންދީފައިވާ މެޝިނެއް މެދުވެރިކޮށް ކާބަން ޑައިއޮކްސައިޑް ހިލަޔަށް ބަދަލުކުރުމުގެ މަސައްކަތް ފަށައެވެ. މިކަމަށްޓަކައި ކާބަން ޑައިއޮކްސައިޑް ފެނާއި އެއްކުރުމަށްފަހު ގަލުގެތެރެއަށް އިންޖެކްޓްކުރެއެވެ. މިކަމަށްޓަކައި ބޭނުންވާ ހަކަތަ އުފައްދަނީ މިދިރާސާ ކުރިއަށްގެންދާ ސަރަހައްދު ކައިރީގައި ހުންނަ ޖިއޯތާމަލް ޕަވާ ޕްލާންޓަކުންނެވެ.

މި ދިރާސާއަކީ ވަރަށް ފުޅާކޮށް ކުރިއަށް ގެންދެވޭނެ ޕްރޮޖެކްޓަކަށް ވިޔަސް އަދި މި މަސައްކަތްކުރިއަށް ގެންދަނީ ވަރަށް ކުޑަ ސްކޭލްއެއްގައިއެވެ. އެގޮތުން އޯރކާ މެދުވެރިކޮށް އަހަރެއްގެ މައްޗަށް 4000 ޓަނުގެ ކާބަން ޑައިއޮކްސައިޑް ޖައްވުގެ ތެރެއިން ނެގޭނެއެވެ. ނަމަވެސް މިއީ ޖައްވުގެ ތެރެއަށް ބޭރުކުރާ ވިހަގޭހުގެ ވަރަށް ކުޑަ އިންސައްތައެކެވެ. އެގޮތުން ހަމައެކަނި މިދިޔަ އަހަރުވެސް ޖައްވުގެ ތެރެއަށް 31.5 ބިލިއަން ޓަނުގެ ވިހަ ގޭސްވަނީ ބޭރުވެފައިއެވެ. ކާބްފިކްސްއިން މިހާރު މިޕްރޮޖެކްޓަށް ބޭނުންވާ ކާބަން ޑައިއޮކްސައިޑް އެންމެ ގިނައިން ހޯދަނީ މިމަސައްކަތްކުރިއަށް ގެންދާ ސަރަހައްދުގައި ހުންނަ ޖިއޯތާމަލް ޕަވާ ޕްލާންޓުންނެވެ.

މި ޕްރޮޖެކްޓްގެ ސަބަބުން ދުނިޔެ ހޫނުވުމަށް މަގުފަހިވާ ގޭހުގެ އަދަދަށް މާބޮޑު ބަދަލެއް މިވަގުތު ނަޔަސް މި ދިރާސާކުރާ ފަރާތްތަކުން އުންމީދުކުރަނީ މިފަދަ އިތުރު ޕްރޮޖެކްޓްތަކާއިއެކު މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ގާބިލުކަން ލިބިގެންދާނެކަމަށެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.