ޕޭޓްރިއަން އަމިއްލަ ވީޑިޔޯ ހޯސްޓިންގ މަންސައެއް އުފައްދަނީ

ޢާއިޝަތު ޝައިހާ 15 ނޮވެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޕޭޓްރިއަން އިން އަމިއްލަ ފުދުންތެރިކަމާއި ދިމާލަށް މިސްރާބު ޖަހަން ފައްޓާފައި ވާތާ ދުވަސްކޮޅެއް މި ވަނީ ވެފައެވެ. އަދި މިއާއެކު ބޮޑު ޕަޒަލް ޕީސްއެއް މިވަނީ އޭގެ ޖާގަ ހޯދާފައެވެ. ސީއީއޯ ޖެކް ކޮންޓޭ މި ވަނީ، ކުންފުނިން އޭގެ އަމިއްލަ ވީޑިޔޯ ހޯސްޓިންގ އާއި ދިމާލަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ހާމަކޮށްފައެވެ.

"އަޅުގަނޑުމެން މި ދަނީ ކޮންމެ ކަހަލަ ކްރިއޭޓަރަކަށް ހޮރިޒޯންޓަލް އާކިޓެކްޗަރ އުފައްދަމުންނެވެ. މިކަމުގައި އެއްވެސް ކަހަލަ މީޑިއަމެއް، އަދި އެއްވެސް ކަހަލަ އަޕްލޯޑު ފޯމެޓެއް އިސްތިސްނާ ނުވޭ. ކޮންމެ ބަޔަކަށްވެސް އެބައެއްގެ މަސައްކަތެއްގެ މައްޗަށް ވިޔަފާރިއެއް ބިނާކުރެވޭނެ." ކޮންޓޭ ދަ ވާޖްއަށް ބުނެފައި ވެއެވެ.

މިހާރު ކަން ހިނގާ ގޮތް ބަލައިލާ ނަމަ، ކްރިއޭޓަރުންގެ ތެރެއިން އެމީހެއްގެ ވީޑިޔޯ ހިއްސާކުރަން ބޭނުންވާ ބައެއް ވާނަމަ އެ ބަޔަކު ޖެހޭނީ ޔޫޓިއުބް ނުވަތަ ވީމިއޯ ފަދަ ތާޑް ޕާޓީގެ ހިދުމަތެއް، ޕްރައިވެސީ ސެޓިންގ އާއި އެކީގައި ބޭނުންކުރާށެވެ. އެހެންނޫންނަމަ، ޕޯސްޓެއްގައި ވީޑިޔޯ ފައިލް އެޓޭޗްކުރެވިދާނެއެވެ. މިހެން ކަންތައް ކޮށްފި ކަމުގައި ވާނަމަ ބޭނުން ކުރެވޭނީ 200 އެމްބީ އާއި ހަމައަށްވާ ފައިލެކެވެ.

ޕޭޓްރިއަން އިން އެމީހުންގެ ވީޑިޔޯ އުފެއްދުން ތައާރަފުކުރާނެ ދުވަހަކާއި ބެހޭ އެއްވެސް އިތުރު މައުލޫމާތެއް ލިބެން ނެތެވެ. ލިބުމުން، ބޭނުންކުރާ ފަރާތްތަކަށް އެމީހުންގެ ކޮންޓެންޓް ސީދާ ޕޭޓްރިއަންގައި ބެހެއްޓޭނެ ގޮތްތައް ލިބި، އެހެން މަންސަތަކުގެ ބޭނުން ކޮންމެހެން ކުރާކަށް ނުޖެހޭނެއެވެ. އެންގެޖެޓް އިން ވަނީ ޕޭޓްރިއަން ކުރެން އިތުރު މައުލޫމާތަށް އެދިފައެވެ. އެދިފައިވާ މައުލޫމާތު ތަކުގެ ތެރޭގައި، މީގެ ސަބަބުން ޕޭޓްރޮން-އޮންލީ ލައިވްސްޓްރީމިންގ ބޭނުންކުރާ ފަރާތްތަކަށް ހޯސްޓް ކުރެވޭނެތޯ އާއި، ނުވަތަ އަމިއްލައަށް ހޯސްޓް ކުރާ ވީޑިޔޯ ތަކުގެ ސަބަބުން އިސްތިހާރުތައް ފެނިދާނެ ކަމާއި މެދު ވަނީ ސުވާލުކޮށްފައެވެ.

މިދިޔަ އަހަރު، ޕޭޓްރިއަން އިން ހަމައެކަނި ޕޭޓްރަން ހާއްސަ ޕޮޑްކާސްޓްތައް އެކި މަންސަތަކުގައި އޮފަރ ކުރުމަށް ވަނީ އެކްކާސްޓްއާއި އެކީގައި މަސައްކަތް ކޮށްފައެވެ. ހަމަ މިއާއެކު، ކޮންޓޭ އިން އެމީހުންގެ އަމިއްލަ ޕޮޑްކާސްޓް ކަމަސްވާ ދަ ކްރިއޭޓަރ އިކޮނޮމީ މިވަނީ ހާމަކޮށްފައެވެ. މި ޕޮޑްކާސްޓް ތައާރަފުވުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހުގައެވެ. ކޮންޓޭ، ކްރިއޭޓަރުން ބޭނުންކުރާ ޓޫލްތަކުގެ ފަހަތުގައި އުޅޭ މީހުންނާއި ވާހަކަ ދައްކާނެއެވެ.

ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.