ސައިބާސެކިއުރިޓީ ދުނިޔޭގައި ކޮންމެ ސިކުންތަކީވެސް ވަރަށް މުހިންމު ހިނދުކޮޅެކެވެ. އެގޮތުން 20 ވަރަކަށް މިނިޓު ނުވަތަ އެޔަށްވުރެވެސް މަދު ވަގުތުކޮޅެއްގެ ތެރޭގައި ހުނަރުވެރި ހެކަރަކަށް މުއައްސަސާއެއްގެ ނެޓްވޯކަށް ވަދެ މުހިންމު މައުލޫމާތުތަކަށް ވާސިލްވެވިދާނެއެވެ. މީގެ އިތުރުން ކުންފުނިތަކާއި މުއައްސަސާތައް ޒަމާނާއި އެއްވަރަށް ކުރިއަރަމުންދާ ވަރަކަށް އެތަންތަނުން އުފައްދާ ޑޭޓާ އިތުރުވެއެވެ. މީގެ ސަބަބުން އިންސާނުންނަށް މިތަންތަނަށް ދިމާވާ ސެކިއުރިޓީ މައްސަލަތައް ކުރިއާލައި ދެނެގަތުމަކީ ވަރަށް ދަތިކަމެކެވެ. ގިނަފަހަރަށް މިފަދަ ކަމެއް ދެނެގަނެވޭނޭ މާބޮޑަށް ލަސްވާފަހުންނެވެ. ވީމާ މިއީ ސައިބާ ސެކިއުރިޓީ އޭއައި ބޭނުންކުރެވިދާނެ ދިމާލެކެވެ.
މައިކްރޯސޮފްޓް ފަދަ ބޮޑެތި ކުންފުނިތަކާއި މުއައްސަސާތަކުން މިފަދަ ސައިބާސެކިއުރިޓީ މައްސަލަތަކާއި ކުރިމަތިލުމަށްޓަކައި މިހާރުވެސް އެތަންތަނުގެ އިންޓާނަލް އަދި އެކްސްޓާނަލް ސައިބާސެކިއުރިޓީ ސްޓެރެޓެޖީގެ ތެރެއިން އޭއައި ބޭނުންކުރެއެވެ. މައިކްރޯސޮފްޓްގެ ސެކިއުރިޓީ، ކޮމްޕްލަޔަންސް އަދި އައިޑެންޓިޓީގެ ކޯޕަރޭޓް ވައިސް ޕްރެޒިޑެންޓް އޭން ޖޯންސަން ހާމަކޮށްފައިވާ ގޮތުގައި އިންސާނުން އޮޕަރޭޓްކުރާ ރެންސަމްވެއާތަކާއި ޒީރޯ ޑޭ އެޓޭކްތަށްދަނީ އިތުރުވަމުންނެވެ.
މީގެ އިތުރުން އޭނާ ހާމަކޮށްފައިވާ ގޮތުގައި ވަގުތުން ވަގުތަށް މިހަމަލާތައް ހުއްޓުވުމުގެ ގާބިލުކަން އިންސާނުންނަށް ލިބިގެނެއްނުވެއެވެ. އެހެންކަމުން އެކުންފުނިން ފޯރުކޮށްދޭ ހިދުމަތްތަކާއި ޓެކްނޮލޮޖީ ހައްލުތަކުގައި އާޓިފިޝަލް އިންޓެލިޖެންސްގެ ގާބިލުކަން ހުންނަންޖެހޭނެކަމަށް ދެކޭކަމަށްވެސް އޭނާ ވަނީ ހާމަކޮށްފައިއެވެ.
އާޓިފިޝަލް އިންޓެލިޖެންސްގެ އެންމެ މުހިންމު ރޯލެއް މިވަގުތު ފެންނަނީ ދިމާވާ އެކިއެކި ހާދިސާތަކަށް ފިޔަވަޅުއެޅުމުގައިއެވެ. އެގޮތުން އޭއައި މެދުވެރިކޮށް ކުންފުނިތަކާއި މުއައްސަސާތަކަށް ދިމާވާ އެކިއެކި މައްސަލަތައް އޮޓޮމެޓިކުން ދެނެގަނެ އެކަންކަން ވީއެންމެ އަވަހަކަށް ހައްލުކުރުމަށް އޮޓޮމެޓިކަލީ މަސައްކަތްކުރާނެއެވެ.
އޭއައި އެންމެ ފުޅާމިނެއްގައި ބޭނުންކުރެވިފައިވަނީ މިއަހަރުގެ ޓޯކިޔޯ އޮލިމްޕިކްސްގައެވެ. އެގޮތުން އޮލިމްޕިކްސްގައި ބައިވެރިވާ ގައުމީ ޖަމިއްޔާއެއްގެ އޮފީހުގައި ހަރުކުރެވިފައިވާ ރާސްބެރީ ޕައި އައިއޯޓީ ޑިވައިސްއެއް ޑާކްޓްރޭސް އޭއައި މެދުވެރިކޮށް ވަނީ ދެނެގަނެވިފައިއެވެ. އެގޮތުން ޑާކްޓްރޭސް އިންވަނީ އެއޮފީހުގައި މިޑިވައިސް އިންކަން ދެނެގަނެ މިއާއި ދެކޮޅަށް މަސައްކަތްކުރުމަށް ބޭނުންވާ މައުލޫމާތު އެނަލިސްޓުންނަށް ފޯރުކޮށްދީފައިއެވެ.
މީގެ އިތުރުން އޭއައި އަކީ ކުންފުނިތަކާއި މުއައްސަސާތަކުން ޑޭޓާ ރައްކާކުރުމާއި ގުޅޭ ގާނޫނުތަކަށް ބޯލަނބާ މިންވަރު ދެނެގަތުމަށްވެސް ބޭނުންކުރެވިދާނެއެއްޗެކެވެ. އެގޮތުން އޭއައި މެދުވެރިކޮށް ޑޭޓާ ޕްރޮސެސްކޮށް އެޑޭޓާގެ ރައްކާތެރިކަން މިތަންތަނަށް ކަށަވަރުކުރެވޭނެއެވެ. މީގެ ސަބަބުން އެކިމައުލޫމާތު ރައްކާކުރެވިފައިވާ ތަންތަނާއި އެމައުލޫމާތުގެ ސައްހަކަން އަދި ރައްކާތެރިކަންވެސް ފަސޭހަކަމާއިއެކު ދެނެގަނެވޭނެއެވެ.
ދެން އުފެދޭނެ ސުވާލަކީ އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން އިންސާނުންގެ ވަޒީފާތައް ގެއްލިދާނެތޯ ކުރެވޭ ސުވާލެވެ. މީގެ ޖަވާބަކީ އަވަސް މުސްތަގްބަލެއްގައި އިންސާނުން އެނަލިސްޓުންގެ ގޮތުގައި އަދާކުރާ ވަޒީފާތައް ނުގެއްލޭނެއެވެ. މީގެ މައިގަނޑު ސަބަބަކީ އޭއައި މެދުވެރިކޮށް އޮޓޮމޭޓްކުރެވޭ މަސައްކަތްތަކުގެ ކޮންޓްރޯލް އިންސާނުން އަތުގައި އޮތުމެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި