ސްމާޓްޓީވީ ގެންގުޅޭއިރު ސްޓްރީމިންގް ޑިވައިސްއެއް ބޭނުންވޭތަ

ޙުސައިން ދީމް މުޙައްމަދު 17 ނޮވެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މިހުސްވަނީ އޮނަވިހިވަނަ ޤަރުނުގެ އޮނަވިހިވަނަ އަހަރެވެ. ފޮށިޓީވީއަކީ މިހާރު ދާރުލްއާސާރަކުން މެނުވީ ނުފެންނާނެހާ ތަދުއެއްޗެކެވެ. ޓީވީއެއް ގަންނަންވެއްޖެނަމަތަ، އެންމެންވެސް ބަލަނީ އެންމެފަހުގެ، އެންމެތުުނި ސްމާޓް ޓީވީއެއް ގަނެވޭތޯއެވެ. ކޮންމެ އަހަރަކު ބާޒާރަށް ނެރޭ ޓީވީތައް ދަނީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ކުރިއަރަމުންނެވެ. ސުވާލަކީ، ސްމާޓް ޓީވީތައް ކުރިއަރަމުންދާވަރަކަށް އަދިވެސް ވަކިން ސްޓްރީމިންގް ޑިވައިސްއެއް ހޯދަންޖެހޭ ހެއްޔެވެ؟

ސްމާޓް ޓީވީ ބޭނުންކޮށްގެން ފަސޭހަކަމާއެކު އިންޓަނެޓު މެދުވެރިކޮށް ޕްރޮގްރާމްތައް ބަލައިހެދެއެވެ. ލައިވް އިވެންޓްތައްވެސް ބަލައިލެވެއެވެ. އެހެންނަމަވެސް މިފަދައިން ސްޓްރީމްކުރުމުގައި ދިމާވާ އެންމެ ބޮޑުތަދިކަމަކީ އިންޓަނެޓު ބޭންޑްވިތް ކުޑަވާއިރަށް އެ ސްޓްރީމް ކަނޑަކަނޑައިގެންދިޔުމެވެ. މިގޮތަށް ސްޓްރީމްކުރާއިރު ބައެއްފަހަރު އިރުގަނޑެއްވަންދެން ސްކްރީން ތާށިވެފައިވެސް އެބަހުރެއެވެ. ލައިވްކޮށް އިވެންޓެއް، މިސާލަކަށް މުހިއްމު ފުޓުބޯޅަ މެޗެއް ބަލަން އިންދާ މިކަހަލަ ދަތިތައް ދިމާވުމަކީ އެދެވޭކަމެއްނޫނެވެ. އަމުދުން، މުހިއްމު ގޯލެއް ޖަހައި މަންޒަރު އެފަދަ ހިތްދަތި ގޮތަކަށް ގެއްލޭކަށް އެކަކުވެސް ބޭނުމެއްނުވާނެއެވެ. ގިނަމީހުން ވަކިން ވާގަނޑުތައް ގުޅައިގެންނަމަވެސް ޑީކޯޑަރެއް ގެންގުޅެނީ މިހެންވެއެވެ.

މީގެއިތުރުން، ޑީކޯޑަރަކާ ޚިލާފަށް، ޓީވީގެ ހާޑްވެއާ އަވަހަށް ހަލާކުވެ، ސްޕީޑް ދަށްވަމުންދެއެވެ. އަމުދުން ނެޓްފްލިކްސް ކަހަލަ އޮންލައިން ޕްލެޓްފޯމްތަކުން ސްޓްރީމްކުރާއިރު ބަފަރ ވުމުގެ ސަބަބުން، ޓީވީގެ ޗިޕްތަކަށް ލޯޑުބޮޑުވެ އޭގެ ހިނގުން މަޑުވާ ގޮތްވެއެވެ. ކޮންމެގޮތެއްވިޔަސް، ޑީކޯޑަރެއްގެ ޗިޕް ބަދަލުކޮށްލުމަށްވުރެ ޓީވީއެއްގެ ޗިޕް ބަދަލުކުރުން މާ ޚަރަދުބޮޑުވާނެއެވެ. ސްމާޓްޓީވީ އެއް ގެންގުޅުނަސް، ބައެއް ފަރާތްތަކުން ވަކިން ޑީކޯޑަރެއް ގެންގުޅެން ޚިޔާރުކުރާ އަނެއް ސަބަބަކީ މިއީއެވެ.

މީގެ އިތުރުން އޯޑިއޯ ވިޑީއޯ ކޮލިޓީ ތަރައްޤީވަމުންދާވަރަކަށް ސްމާޓްޓީވީތަކުގެ ޕްރޮސެސަރ ތަކަށް ބޭނުންވާ ވައިފައިގެ ޑިމާންޑް ބޮޑުވެއެވެ. މިސާލަކަށް ކުރިން 802.11 އޭސީ ވައިފައިގައި މަސައްކަތްކުރަމުންދިޔަ ސްމާޓްޓީވީއެއް، މިހާރުގެ އޯޑިއޯ ވީޑިއޯ ކޮލިޓީއަށް ސްޓްރީމްކުރަން ވައިފައި-6 ބޭނުންވާނެއެވެ. ކޮންމެގޮތެއްވިޔަސް، ސްމާޓް ޓީވީތަކުގައި ސްޓްރީމިންގް އެޕްތައް ލިބެން ހުރިނަމަވެސް، އެއެޕްތައް އަޕްޑޭޓްވާ ވަރަކަށް އެޓީވީތަކަކަށް އެޚިދުމަތެއް ނުދެމެހެއްޓެއެވެ. މިހެން ދިމާވަނީ، ޓީވީ އުފައްދާ ކުންފުނިތަކުން، ޓީވީތަކުގެ ހާޑްވެއާ ކުރިއެރުވުމަށްދޭ ސަމާލުކަން، އެޓީވީތަކުގެ ސޮފްޓްވެއާ ތަރައްޤީކުރުމަށް ނުދޭތީއެވެ.

ސްމާޓް ޓީވީއާއި އެކު ވަކި ސްޓްރީމިންގް ޑިވައިސްއެއް ގެންގުޅުމުގެ އަނެއްފައިދާއަކީ، ތަފާތު އެކި ސްޓްރީމިންގް އެޕްތައް އަޅައިގެން އެއްފަހަރާ އެއެޕްތައް ބޭނުންކުރުމުގެ މިނިވަންކަން ލިބުމެވެ. މީގެ މިސާލަކީ، ގޭމް ކުޅުމަށް އެޕަލް ޓީވީ ބޭނުންކޮށް، ސްމާޓްހޯމް ޓެކްނޮލޮޖީއަކަށް އެލެކްސާ ބޭނުންކުރުމެވެ. ސްމާޓްޓީވީއެއް އެކަނި ގެންގުޅޭނަމަ ބޭނުންކުރެވޭ އެޕްތައް ވަރަށް ބޮޑަށް މަދުވެއެވެ.

އެހެންވީމާ ދެން ފަހަރަކު ސްމާޓް ޓީވީއެއް ގަންނަ އިރު، އޭގެ ސްޓްރީމިންގް ސާވިސްތަކަށް ނުބަލައި، ވަކިން ސްޓްރީމިންގް ޑިވައިސްއެއް ގަނެގެގެން، ބޭނުންކުރަން ބޭނުންވާނެ ޕޯޓްތަކާއި ހާޑްވެއާ ހުރިތޯ ބެލުން މާ ފައިދާބޮޑެވެ. މިގޮތުން ސްޓްރީމްކުރަން އެދޭ ސްމާޓްޓީވީއެއްގައި މަދުވެގެން 4 އެޗްޑީއެމްއައި ޕޯޓާއި ޑޮލްބީ އެޓްމޯސް އަދި ވިޝަން ހިމެނެންވާނެއެވެ. މީގެ އިތުުރުން ސްކްރީންގެ ސާފުކަމާއި ބޮޑުކަމަކީވެސް، ސްޓްރީމްކުރާ ފަރާތްތަކުން ޓީވީއެއް ގަތުުމުގައި ބަލައި މުހިއްމު ސިފައެކެވެ.

ޙުސައިން ދީމް މުޙައްމަދު

ޙުސައިން ދީމް މުޙައްމަދު

ޓެކްނޮލޮޖީގެ ބާރުދުވެއްޔާއި ފައިހަމަކުރެވޭތޯ މަސައްކަތްކުރަމުންދާ ދަރިވަރެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.