އެޕަލްއިން ސެލްފްސާވިސް ރިޕެއަރ އިފްތިތާޙު ކުރަނީ

ޙުސައިން ދީމް މުޙައްމަދު 18 ނޮވެމްބަރު 2021

އައިފޯނާއި މެކްފަދަ އެޕަލްގެ އުފެއްދުންތަކަކީ ދުނިޔޭގެ ހަތަރުބިތުގައިވެސް ވަރަށް މަޤްބޫލް ޕްރޮޑަކްޓްތަކެކެވެ. ދިވެހިރާއްޖޭގައިވެސް، އާ އައިފޯން ނެރޭއިރަށް އެގަންނަން ކިޔު ހަދައި މީހުން މަދެއްނޫނެވެ. އައިފޯނާއި މެކްފަދަ އެޕަލްގެ ޕްރޮޑަކްޓްތަކަކީ އާއްމުގޮތެއްގައި ދިގުމުއްދަތަަކަށް ބޭނުންކުރެވޭ ކޮލިޓީ ރަނގަޅު އުފެއްދުންތަކެއްކަމުގައި ވީނަމަވެސް، އެތަކެތި ހަލާކުވެގެން ނުވަތަ ކޮންމެވެސް ކަހަލަ ގެއްލުމެއްވެގެން މަރާމާތުކުރަންޖެހޭ ފަހަރުތައް އާދެއެވެ. މިމޭރުމުން އައިފޯން އަދި މެކްފަދަ ޕްރޮޑަކްޓްތައް މަރާމާތުކުރުމުގައި ދިމާވާ އެންމެ ބޮޑު އެއްދަތިކަމަކީ، ފުދޭވަރަކަށް ޚަރަދުބޮޑުކޮށް ގަނެވޭ މިޕްރޮޑަކްޓްތަކުގެ ކޮންޕޯނަންޓްތައް މަރާމާތުކުރުމުގެ ތެރޭ ދަށްފެންވަރުގެ ކޮންޕޯނަންޓުތަކަށް ބަދަލުކުރަންޖެހުމެވެ. ބައެއްފަހަރު ފޯން މަރާމާތުކޮށް ނިމޭއިރު ކުރިއަށްވުރެ ސަކަރާތްވާ ފަހަރުވެސް އާދެއެވެ. އެހެންކަމުން މިފެށޭ 2022ވަނަ އަހަރުން ފެށިގެން ކުދިކުދި މަރާމާތުތަކަށް ބޭނުންވާނެ ޓޫލްތަކާއި ކޮންޕޯނަންޓްތައް ސީދާ އެޕަލް ކުންފުނިން ފޯރުކޮށްދޭނެކަމުގެ ޚަބަރަކީ ގިނަބަޔަކަށް އުފާކޮށްދޭނެ ޚަބަރެކެވެ.

"ސެލްފްސާރވިސް ރިޕެއަރ" ގެ ނަމުގައި އެޕަލްއިން ތަޢާރަފުކުރާ މި ޕްރޮގްރާމަކީ، ގޭގައި ތިބެގެން އައިފޯނާއި މެކުފަދަ ޑިވައިސްތައް ފަސޭހަކަމާއެކު، އެޕަލްގެ އަސްލީ ޓޫލްސް އަދި ކޮންޕޯނަންޓުތައް ބޭނުންކޮށްގެން މަރާމާތުކުރެވޭގޮތަށް އިންތިޒާމްކުރެވިގެންދާނެ ޕްރޮގްރާމްއެކެވެ.

މިޕްރޮގްރާމްގެ ދަށުން، އެމަރާމާތުތައް ކުރިއަށް ގެންދާނޭ ގޮތް ކިޔައިދިނުމަށް ޓެކްސްޓް-ބޭސްޑް ޓިއުޓޯރިއަލްތަކެއް "އެޕަލް ސެލްފްސާރވިސް ރިޕެއަރ އޮންލައިން ސްޓޯރ" ކިޔާ އާއެޕެއްގައި ހިއްސާކުރެވިގެންދާނެއެވެ. މީގެ ކުރިންވެސް ބެޓަރީ، ޑިސްޕްލޭ އަދި ކެމެރާ މަރާމާތުކުރަން ކިޔައިދޭ މިފަަދަ ޓިއުޓޯރިއަލްތައް އެޕަލްގެ އޮތޮރައިޒްޑް ސާވިސް ޕްރޮވައިޑާތަކަށްވަނީ ފޯރުކޮށްދީފައެވެ.

އެހެންނަމަވެސް މިއީކީ ހިލޭސާބަހަށް އެޕަލްއިން ކުރިއަށް ގެންދާ ޚިދުމަތެއްނޫނެވެ. އަދި މިސާވިސްގެ އަގު ހާމަކޮށްފައި ނުވިނަމަވެސް، ހަލާކުވި ކޮމްޕޯނަންޓުތައް ރީސައިކަލްކުރަން އެޕަލްއަށް ޕޯސްޓްކޮށްދޭ ފަރާތްތަކަށް ޑިސްކައުންޓެއް ލިބޭނެކަމުގައި އެކުންފުނިން ހާމަކޮށްފައިވެއެވެ. 2022ވަނަ އަހަރުގެ ކުރީކޮޅު މިޕްރޮގްރާމް އިފްތިތާޙުކުރެވޭއިރު 200 ތަފާތު ކޮންޕޯނަންޓް އަދި ޓޫލްސް މިޕްރޮގްރާމްގެ ދަށުން ލިބެމުންދާނެއެވެ. އަދި އެޕަލްއިން ގަނެގެން މަރާމާތުކުރާ ޑިވައިސްތަކުގެ ވޮރަންޓީއަށްވެސް އެއްވެސް ބަދަލެއްނާންނާނެއެވެ. އެހެންނަމަވެސް، އަމިއްލައަށް މަރާމާތްކުރަން އުޅުމުގެތެރޭ ގޯހެއްހެދިގެން އިތުރަށް އެހަލާކުވުމަކީ އެކަށީގެންވާކަމެއްކަމަށްވާތީ، ރަނގަޅަށް މެނުއަލްތައް ބަލައިފައިނޫނީ އެކޮމްޕޯނަންޓުތައް ނުގަތުމަށް އެޕަލްއިން އިލްތިމާޒްކުރެއެވެ.

އެޕަލްއިން މިނިންމުން ނިންމީ، އެމެރިކާގެ ބަރުލަމާނުގެ ތެރޭގައިި ސެލްފްރިޕެއަރ މަނާކުރާ ކުންފުނިތަކާއި މެދު ފިޔަވަޅުއަޅަން މަޝްވަރާކުރަން ފައްޓާފައި ވަނިކޮށެވެ. އެހެންނަމަވެސް މިއަށްވުރެ ބޮޑަށް މިނިންމުން ގުޅިފައިވަނީ، އެޕަލް ކުންފުނިން، އީވޭސްޓް: ނުވަތަ ފޯނާއި ލެޕްޓޮޕްފަދަ މުވާސަލާތީ އާލާތްތަކުގެތެރެއިން އުކާލެވޭ ބައިތަކުން އުފެދޭ ކުނި މަދުކޮށް ތިމާވެއްޓައް އެއިގެންލިބޭ ގެއްލުން ކުޑަކުރުމަށް ދޭ އަހައްމިއްޔަތަށެވެ.

މިޚިދުމަތް އެންމެ ފުރަތަމަ ފޯރުކޮށްދޭނީ އެމެރިކާއަށް އެކަނި ކަމުގައި ވީނަމަވެސް، ކުރިއަށް އޮތްތާ މުޅިދުނިޔެއަށް ފުޅާކުރެވިގެންދާނެއެވެ.

ޙުސައިން ދީމް މުޙައްމަދު

ޙުސައިން ދީމް މުޙައްމަދު

ޓެކްނޮލޮޖީގެ ބާރުދުވެއްޔާއި ފައިހަމަކުރެވޭތޯ މަސައްކަތްކުރަމުންދާ ދަރިވަރެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.