ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި ބޭއްވުނު ސްމާޓްފޯނު ލޯންޗުތަކުން އެނގިގެން ދިޔައީ ކޮންމެ މެނުފެކްޗަރާއެއްވެސް ފޯނުތައް އުފެއްދުމުގައި ވަރަށް ގިނަ ކަންތައްތަކަށް ބަލާކަމެވެ.
މީގެ ތެރެއިން ފާހަގަ ކޮށްލެވޭ އެއްކަމަކީ މާކެޓަށް ނެރޭ ފޯނުތަކަކީ ގިނަ ދުވަހަށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭ ފޯނުތަކެއް ކަމުގައި ހެދުމަށް ސްމާޓްފޯނުތައް ހަދާ އެންމެންވެސް އިސްކަމެއްދޭކަމެވެ.
މިހާރު ގެންގުޅޭ ގިނަ ފޯނުތަކަކީ ރީސައިކަލް ކުރެވޭ ތަކެތިން އުފައްދާފައިވާ ފޯނުތައް ކަމުގައި ބައެއް ފޯނު މެނުފެކްޗަރާއިން ބުނެއެވެ. އަދި ގިނަ މީހުން އަތުގައި އޮންނަ ފޯނުގެ އައު މޮޑެލް ނިކުންނަ އިރު އެއަށް ބައެއްފަހަރު ކުރީގެ ޗާޖަރު ބޭނުންކުރެވޭނެ ކަމަށްވެސް ބައެއް މެނުފެކްޗަރާއިން ބުނެއެވެ.
އެޕަލް، ސަމްސަން ފަދަ ބޮޑެތި ފޯނު މެނުފެކްޗަރާއިން މިފަދަ ވާހަކަތައް ދައްކައި އެގޮތައް ކަންތައްތައް ކުރަނީ ތިމާވެއްޓަށް ދޭ އިހްތިރާމާއި ހެދިކަމަށް ގިނަ ބަޔަކަށް ގަބޫލުވެސް ކުރެވެނީ މިފަދައިން ކަންތައްތައް ހުރުމުންނެވެ.
ފޯނު ހަދާ ބޮޑެތި ކުންފުނިތައް ހުރި އިރުވެސް ނެދަލެންޑުގެ ކުޑަ ކުޑަ ކުންފުންޔަކުން ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭ ފޯނުތަކެއް އުފައްދަމުން އެބަދެއެވެ. މިފޯނުތަކަކީ އެކުންފުންޔަށް ފައިދާވެސް ހޯދައިދޭ ފޯނުތަކެއްކަމުގައި ރިޕޯޓުތަކުން ހާމަކުރެއެވެ.
ފެއާފޯން ކިޔާ ކުންފުންޔަކުން ހަދާ މިފޯނުތަކަކީ ތިމާވެއްޓާއި ރައްޓެހިކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭ ކަހަލަ ފޯނުތަކެކެވެ.
ގިނަތަންތަނުގައި މިފޯނުތައް އަދި ނުވިއްކި ކަމުގައިވިޔަސް މިކުންފުންޔަށް ޝުކުރު ހައްޤުކަމަށް އެމީހުން ހާމަކުރެއެވެ.
އަލަށް ތަޢާރަފްކުރި ފެއާފޯނު4 އަކީ 100 އިންސައްތަ އިލެކްޓްރޯނިކް ވޭސްޓް ނިއުޓްރަލް ފޯނެކެވެ. އޭގެ މާނައަކީ މިފޯނަކީ ދުވަސްވީ ފޯނުތަކުން ނުވަތަ އެއްވެސް އެއްޗަކުން ހަދާފައި ހުރި އެއްޗެއް ނޫނެވެ.
އޭގެ ބަދަލުގައި އެ ކުންފުނިން ވިއްކާ ކޮންމެ ފޯނަކުން ޒިންމާދާރުކަމާއިއެކު ރީސައިކަލްކޮށް ނުވަތަ ބޭނުން ނުކުރާ އެހެން ފޯނެއް އަލުން ހަދައި ވިއްކައެވެ.
ރިސައިކަލްކޮށް އަދި ރީޔޫސްކުރުމުގެ މުހިންމުކަން ހާމަވަނީ އަހަރެމެން ބޭނުންކުރާ ހުރިހާ ސްމާޓް ގެޖެޓެއްވެސް ހެދިފައިވާ ތަކެތި، ރަން، ކޮބާލްޓާއި ޒިންކް ފަދަ ތަކެތި އިތުރަށް ބިމުން ނެގުމުގެ ބަދަލުގައި އަލުން ބޭނުންކުރުމުން އެތަކެއް މަރުހަލާތަކެއް މަދުވާތީވެއެވެ.
އެހެންކަމުން ހާމަވެގެންދަނީ ފެއާފޯނު ކުންފުނަޔަކީ މިހާރު މާކެޓުގައި ހުރި ހަމައެކަނި ޓީ.ސީ.އޯ ސާޓިފައިޑް ފޯނު މެނުފެކްޗަރާކަމެވެ. މިއާއިއެކު މިކުންފުނިން ގެރެންޓީކުރަނީ ކޮމްޕިއުޓަރ ޕްރޮޑަކްޓް ވިއްކާ ކުންފުނިތަކުގެ ތެރޭގައިވެސް މި ކުންފުންޔަކީ އިކޮލޮޖިކަލް ވަކި މިންގަނޑުތަކެއް ހިފަހައްޓާ ކުންފުންޔެއް ކަމުގައެވެ.
ސަމްސަން، ގޫގަލް ނުވަތަ އެޕަލްފަދަ ބޮޑެތި ކުންފުނިތަކުންވެސް ތިމާވެއްޓާއި ރައްޓެހި ގެޖެޓާއި ސްމާޓް ޑިވައިސް އުފެއްދުމަށް ބުރަ މަސައްކަތް ކުރާކަންވެސް އެންމެނަށް ފާހަގަކުރެވޭނެއެވެ. އަދި ރިސައިކަލްކޮށް، ރީޔޫސްކޮށް ތިމާވެއްޓާއި ރައްޓެހި ތަކެތި އުފެއްދުމަކީ އެންމެ ރަނގަޅު އެއްގޮތްކަމުގައި އެކުންފުނިތަކުންވެސް ގަބޫލުކުރެއެވެ.
ނަމަވެސް މިފަދަ ބޮޑެތި ކުންފުނިތަކުން ފޯނު އުފައްދާ މިންވަރާއި އަޅާ ބަލާއިރު ރީސައިކަލް ކުރާ މިންވަރު މިއީ ހިންހަމަޖެހޭވަރެއް ނޫންކަމުގައި ގިނަ ރިޕޯޓުތަކުން ފާހަގަވެއެވެ. އަދި ބޮޑެތި ކުންފުނިތަކުން މިކަމަށް ލިބޭ އެއްބާރުލުންވެސް ކުޑައެވެ.
ފެއާފޯނު އެހެން ކުންފުނިތަކާއި ދެން ތަފާތުވާކަމަކީ ފޯނުތަކުގެ ވޮރެންޓީއަށް ކަނޑައެޅިފައިވާ އުސޫލުންނެވެ.
ފެއާފޯނުގެ އާފޯނެއް ލިބުމުން ފޯނަށް އެއްވެސް ކަމެއް ނުކޮށް ރަނގަޅަށް އޮތްނަމަ ގާތްގަނޑަކަށް ހުރިހާ ކަމެއް ކަވަރުކުރާ ގޮތަށް 2 އަހަރުގެ ވޮރަންޓީއެއް ލިބެއެވެ.
އޮންލައިންކޮށް ފޯނު ރަޖިސްޓާ ކުރާނަމަ ވޮރަންޓީގެ މުއްދަތު 5 އަހަރަށް އިތުރުވެއެވެ.
ކޮންމެ ފެއާފޯނެއްވެސް ހެދިފައިވަނީ ރަނާއި، ކޮބާލްޓް، ޓިނު، ޓުންގަސްޓަން، ކޮޕަރ އަދި ނިއޯޑީމިއަމްގެ އިތުރަށް 100 އިންސައްތަ ރީސައިކަލްކޮށްފައިވާ ޕްލާސްޓިކް ބޭނުންކޮށްގެންނެވެ.
މީގެ މާނައަކީ މިތަކެތި އުފައްދާ ކުންފުނިތައް މަތީ މިންގަނޑެއްގައި ހިފެހެއްޓިފައި، އޭގެ ސަބަބުން މުޅި އިންޑަސްޓްރީއަށް ފައިދާ ކުރާކަމެވެ. ކުއަލްކޮމްއިން ކޮންޓްރެކްޓް ކޮށް، ފޯނުތައް ހެދުމަށް ރަނގަޅު ތަކެތި ބޭނުންކުރާނަމަ ދެން ހުރި ކަންތައްތަކަށް މިކަމުން އަސަރުކުރެއެވެ.
ފެއާފޯން ސްމާޓްފޯން ބޭނުންކުރާ މީހުންނަށް އުފާވެރިކަމެއް ލިބޭނެ އެއްކަމަކީ މަރާމާތު ކުރުމާއި ސޮފްޓްވެއާ ސަޕޯޓް ހޯދުމުގެ ހައްގުގެ ވާހަކަ ދެކެވޭ އިރު އެވެ.
ފެއާފޯން 4 ފަރުމާކޮށްފައިވަނީ ކެމެރާ، ސްޕީކަރު، ޔޫއެސްބީ ސީ.ޕޯޓް، އަދި ޑިސްޕްލޭ ފަދަ އެއްޗެހި ފަސޭހައިން ވަކިކޮށް، ބަދަލުކޮށްލެވޭ ގޮތަށެވެ.
ފޯނާއިއެކު ލިބޭ ކަށިގަނޑު ބޭނުންކޮށްގެން 8 އިސްކުރު ނައްޓާލުމަށްފަހު އަމިއްލައަށް ފޯނުގެ ޑިސްޕްލޭވެސް ބަދަލުކޮށްލެވެއެވެ. މިހެން އަމިއްލައަށް މަރާމާތު ކުރިޔަސް ވޮރަންޓީ ބާތިލެއް ނުވެއެވެ.
ސޮފްޓްވެއާއަށް ބަލާނަމަ ފެއާފޯނުން ސޮފްޓްވެއާ ސަޕޯޓު ކަށަވަރުކޮށްދެނީ 2025 ވަނަ އަހަރާއި ހަމައަށެވެ.
ކުންފުންޔަކުން މި ނިންމުންތައް ނިންމުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށާއި ކޮންމެ ކުންފުންޔަކުން ވެސް އެ ނިންމުންތައް ނިންމުމުން ތައުރީފު ކުރަން ޖެހޭ ކަމެއްކަން ފާހަގަވެއެވެ.
ނަމަވެސް ކުދި ޑިވައިސްތައް ހެދުމާއި ސަޕޯޓްދޭ ގޮތްތަކަށް މާނަހުރި ބަދަލުތަކެއް އަންނަންޖެހޭ ކަމަށް އެންމެންވެސް ގަބޫލުކުރާނެއެވެ. މިފަހަރު މިކަމަށް މިސާލަކަށް ހަމައެކަނި ބަލާލަންވެސް ނެދަލެންޑްސްގެ މިކުޑަ ކުންފުންޔަކީ ވަރަށް ރަނގަޅު ނަމޫނާއެކެވެ.
ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.