ސްޕޭސް އެކްސްގެ ސްޓާޝިޕް އޯބިޓަލްއަށް ދޫކުރުމުގެ އުއްމީދު

ޢާއިޝަތު ޝައިހާ 20 ނޮވެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ސްޕޭސް އެކްސްގެ ފައުންޑަރ އަދި ސީއީއޯ އިލޯން މަސްކް، ޖެނުއަރީ މަހުގެ ތެރޭގައި އޭނާގެ އޭރޯސްޕޭސް ކުންފުނީގެ އެންމެ ފުރަތަމަ ސްޓާޝިޕް ރޮކެޓް ލޯންޗުކުރުމަށް އަމާޒު ހިފާފައި ވާކަމަށް ބުނެފިއެވެ.

"އަހަރެމެން މިވަނީ އަހަރެމެންގެ ފުރަތަމަ ލޯންޗިންގ އާއި ވަރަށް ގާތްވެފައި"، މަސްކް ސްޕޭސް ސްޓަޑީޒް ބޯޑާއި، ނެޝަނަލް އެކަޑަމީޒްގައި ހުންނަ ބޯޑް އޮން ފިޒިކްސް އެންޑް އެސްޓްރޮނޮމީ އާއި މުޚާތަބުކޮށް ބުދަ ދުވަހު ވާހަކަ ދައްކަމުން ބުނެފައި ވެއެވެ. "އަޅުގަނޑުމެން ވާނީ ވަރަށް ގިނަ ސަބް-އޯބިޓަލް ފްލައިޓްތަކެއް ހަދާފަ. އަދި ވަރަށް ގިނަ އުޅަނދުތައް ކާމިޔާބު ކަމާއި އެކީ އަޅުގަނޑުމެންނަށް ވަނީ ޖެއްސިފަ،" އޭނާ އިތުރަށް ބުނެފައި ވެއެވެ. "އަޅުގަނޑުމެން އުއްމީދު މި ކުރަނީ ޖަނަވަރީ މަހުގައި އެންމެ ފުރަތަމަ އޯބިޓަލް ފްލައިޓަކަށް."

މަސްކަށް ފާހަގަ ކޮށްފައިވާ ގޮތުގައި، "މި ފުރަތަމަ ލޯންޗާއި ގުޅިފައިވާ ވަރަށް ގިނަ ހިރާސްތައް އެބަ ހުރި. އެހެންކަމުން، އަޅުގަނޑު މިއީ ކާމިޔާބު ވާނެ ކަމެއް ކަމަށް ކަނޑައެޅިގެން ނުބުނާނަން. ނަމަވެސް އަޅުގަނޑަށް ހީވާ ގޮތުގައި އެތައް ކުރިއެރުންތަކެއް ލިބިގެން ދާނެ."

އޭނާ އޮޅުންފިލުވައިދިން ގޮތުގައި، ސްޕޭސް އެކްސް އިން އަމާޒު ކޮށްފައި ވަނީ މި މަހުގައި ފަހުކޮޅާއި ހަމައަށް ލޯންޗް ޕެޑާއި ލޯންޗް ޓަވަރ އެއްކޮށް ނިންމާލައި، ޑިސެމްބަރ މަހުގައި ލޯންޗަށް ތައްޔާރު ވުމުގެ ގޮތުން ގިނަ ޓެސްޓުތަކެއް ހެދުމަށެވެ.

ޓެސްލާގެ ސީއީއޯ އަދި ދުނިޔޭގެ އެންމެ މުއްސަނދި މީހާ ކަމަށްވާ މަސްކް ބުނެފައި ވާގޮތުގައި، ސްޕޭސް އެކްސް އިން ވަނީ ސްޓާޝިޕް އުފެއްދުމަށް ކާރުޚާނާއެއް އުފައްދާފައެވެ. "ހުރިހާ ގޮތަކުންވެސް ބަލާ ނަމަ، ދިރުމެއް މަލްޓި-ޕްލެނެޓަރީ ވުމަށްޓަކައި، އަޅުގަނޑުމެން ގާތްގަނޑަކަށް 1000 ނުވަތަ އެހާ ވަރުގެ އަދަދަކަށް ޝިޕްތައް ބޭނުންވާނެ." މަސްކް އިތުރަށް ބުނެފައި ވެއެވެ.

ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.