ގޭމާއި ގިނަ އެޕްލިކޭޝަންތައް ބޭނުންކުރާނަމަ މިހާރު ބޭނުންކުރާ ގިނަ ފޯނުތައް ވަރަށް އަވަހަށް ހޫނުވެއެވެ. ފޯނުގެ ޕްރޮސެސަރއަށް ބާރު ބޮޑުވެ ފޯނުގެ އެތެރެއިން ކުރާ މަސައްކަތް ބޮޑުވާ ވަގުތު ހާއްސަކޮށް ފޯނުތައް އިތުރަށް ދޮން ބޮޑުވެއެވެ. އެންމެ ރަނގަޅު ކަމަށް ބުނާ ފޯނުތައްވެސް ކުޑަކޮށް ނަމަވެސް ހޫނު ވެއެވެ. އަދި ބައެއް ހާލަތުގައި ހަމަ އަތްލާން އުނދަގޫވާ ވަރުވެސްވެއެވެ. އެހެންކަމުން ފޯނު ހޫނުވާ މިންވަރު ދަށްކޮށްދޭނެ އައު ގޮތްތަކެއް ފޯނު އުފައްދާ އެކި ކުންފުނިތަކުން ދަނީ ހޯދަމުންނެވެ.
ފޯނު އުފައްދާ ޗައިނާގެ ކުންފުނި ޝައުމީއިން ގަބޫލު ކުރާގޮތުގައި މިމައްސަލައަށް އޮތް ހައްލަކީ ލިކުއިޑް ކޫލިންގ އާއި ޓެސްލާ ވޭލްވް ބޭނުންކުރުމެވެ. މިކުންފުނިން އަލަށް ތަޢާރަފުކުރާ، ސްމާޓް ފޯނުތަކުން އުފެދޭ ހޫނު ބޭރުކޮށްދޭ، މިޓެކްނޮލޮޖީއަށް ކިޔަނީ "ލޫޕް ލިކުއިޑްކޫލް ޓެކްނޮލޮޖީ" އެވެ. މިޓެކްނޮލޮޖީއަކީ ޓެސްލާ ވޭލްވް ބޭނުންކުރާ އަދި އެއްކޮޅަށް ވައި ދައުރުވާ ގޮތަށް ތައްޔާރުކޮށްފައިވާ ޓެކްނޮލޮޖީއެކެވެ. ޝައުމީއިން ބުނާގޮތުގައި މި އައު ޓެކްނޮލޮޖީއިން، މިހާރު ބޭނުންކުރާ ސްޓޭންޑަޑް ވޭޕަރ ޗެމްބަރ މެތަޑާއި އަޅާބަލާފައި، ހޫނު ބޭރު ކުރާ މިންވަރު ދެގުނައަށް އިތުރުކޮށްދޭނެއެވެ. އެކުންފުނިން ބުނަނީ މިއީ އަދި މިހާތަނަށް އުފައްދާފައިވާ އެންމެ އެފިޝެންޓް ފޯނު ފިނިކުރާނޭ ޓެކްނޮލޮޖީކަމަށެވެ.
މިދެންނެވުނު ލޫޕް ލިކުއިޑްކޫލް ޓެކްނޮލޮޖީ މަސައްކަތް ކުރާގޮތަކީ، ފޯނު ހޫނުވާން ފެށުމުން، އޭގައި ހުންނަ ފިނިކޮށްދޭ އެޖެންޓް ހޫނު ސަހަރައްދަށް ގެންދަނީއެވެ. އަދި އެބައިގައި ހުރި ހޫނުކަން ފޯނުގައި ހިމެނޭ ފިނި ސަރަހައްދަކަށް ގެންދަނީއެވެ. އަދި މި ޓެކްނޮލޮޖީގައި ހިމެނޭ ޓެސްލާ ވޭލްވްގެ ސަބަބުން އަލުން އެ ހޫނުކަން އެސަރަހައްދަށް ދިޔުން ހުއްޓުވައެވެ. ޓެސްލާ ވޭލްވްއިން ހޫނުކަން ނައްތާލާ ކޫލިން ލިކުއިޑް އެއް ކޮޅަށް ދައުރުވުމަށް މަގުފަހިކޮށްދިނުމާއެކު، އަނެއްކޮޅަށް ހޫނު ގޭސްތައް އަނބުރާ ނާދެވޭގޮތަށް ބްލޮކްވެސް ކުރެއެވެ.
މިއީ އާންމު ވެކިޔުމް ޗެމްބަރ ކޫލިންގ ސިސްޓަމްގައި ވާގޮތާއި ތަފާތު ގޮތެކެވެ. ވެކިޔުމް ޗެމްބަރ ކޫލިންގ ސިސްޓަމްގައި ހިމެނޭ ބަލިކަށިކަމަކީ، ލިކުއިޑް އަދި ހޫނު ގޭސް ފިނިކުރުމަށް ވަކި ޗެނަލްތަކެއް ބޭނުން ނުކުރުމެވެ. އޭގެ ސަބަބުން ދެބައިގެ ފިނި ހޫނު މިން އެއްވެ، ފޯނު ފިނިވުމުގެ ޕްރޮސެސް ލަސްވެއެވެ.
އަލަށް ތައާރަފް ކުރެވޭ މި ޓެކްނޮލޮޖީއާއި ސްމާޓް ފޯނުތަކުގައި މިހާރު ހިމެނޭ ވެކިޔުމް ޗެމްބަރ ކޫލިންގ ސިސްޓަމާއި އެއްގޮތްކަމެއްވެސް ހިމެނެއެވެ. ވެކިޔުމް މެތަޑްގައި ވެސް ފޯނު ހޫނު ވުމުން ކޫލް ކުރާ ލިކުއިޑް ގޭހަކަށް ބަދަލުވަނީއެވެ. އަދި މިގޭސް އެކި ހިސާބުތަކަށް ގޮސް ފިނިވުމުން ކޮންޑެންސްވެ އަލުން ލިކުއިޑަކަށް ބަދަލުވަނީއެވެ.
އައު މެތަޑުގައި ތަފާތު ކަމަކީ ގޭސް އެކި ދިމަދިމާލަށް ދިޔުމުގެ ބަދަލުގައި ވަކި މަގަކުން (ޕައިޕްލައިންއަކުން) ދަތުރުކުރަނީއެވެ. ވޭލްވްގެ ސަބަބުން ފިނިވެފައިވާ ސަހަރައްދަށް އަލުން ހޫނު ގޭސްތަކަށް ނުދެވެއެވެ. މިއީ މިޓެކްނޮލޮޖީގެ ހާއްސަކަމެވެ. ޝިއޯމީއިން ބުނާގޮތުގައި މި ޕައިޕްލައިން ޑިޒައިންގެ ސަބަބުން އެކަނި ވެސް ފޯނު ފިނިވުން ކުރީގެ މެތަޑަށް ވުރެ %30 އަވަސްކޮށްދެއެވެ.
ޝައުމީއިން ޕްލޭންކުރަނީ، 2022 ވަނަ އަހަރުގެ ފަހު 6މަހުގެ ތެރޭގައި އެކުންފުނީގެ ފޯނުތަކަށް މި ޓެކްނޮލޮޖީ ގެނެސްދިނުމަށެވެ.
ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް