އެޑެލް އެދުމުން ސްޕޮޓިފައި އިން ޝަފަލް ކުރުން ހުއްޓާލައިފި

ޢާއިޝަތު ޝައިހާ 23 ނޮވެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އެޑެލްގެ އެދުމަކަށް، ސްޕޮޓިފައި އިން އަލްބަމްތައް ޑީފޯލްޓް އިން ޝަފަލްކުރުން ހުއްޓާލާފައި ވާކަމަށް ބީބީސީގެ ރިޕޯޓަކުން ހާމަވެއްޖެއެވެ. ކުރީގައި، ސްޕޮޓިފައި އިން އަލްބަމްއަކަށް ބަލާލާއިރު، ބޮޑު 'ޕްލޭ' ބަޓަންގެ ތެރޭގައި ކުޑަ ޝަފަލް ނިޝާނެއް ފެންނާނެއެވެ. މިކަމުން އިޝާރާތްކުރަނީ، ސްޕޮޓިފައި އިން އެ އަލްބަމްގެ ލަވަތައް އަޅުވަމުން ދާނީ ވަކި ތަރުތީބެއް ނެތިއެވެ. ގިނަ ފަހަރު މިއީ ބޭނުންކުރާ މީހުން އުއްމީދު ނުކުރާނެ (އަދި ބޭނުންވެސް ނުވާނެ) ކަމެކެވެ.

މިހާރު އަލްބަމް ވިއުގައިވާ 'ޕްލޭ' ބަޓަންއަށް ފިތާލުމުން ހުރިހާ ލަވަތައް އޭގެ ތަރުތީބުން އިވޭނެއެވެ. ނަމަވެސް މިއީ ހަމައެކަނި ޕްރިމިއަމް ވާޝަން ގެންގުޅޭ މީހުންނަށް ލިބިގެންދާނެ އުފަލެކެވެ. އަމިއްލަ ޓްރެކްއެއް ބަލާލާނަމަ އަދިވެސް ޝަފަލް މޯޑު ބޭނުންކުރެވޭނެއެވެ. ހަމައެކަނި ޖެހޭނީ ކައިރީގައިވާ 'ޝަފަލް' ނިޝާނަށް އޮބާލާށެވެ.

އެޑެލް ސްޕޮޓިފައި ކުރެން މި އެދުން އެދިފައި ވަނީ، އަލްބަމްތައް އަޑު އަހަން ޖެހޭނީ ވަކި ތަރުތީބަކުން ކަމަށް ބުނަމުންނެވެ. މި ލަވަކިޔުންތެރިޔާ، ބަދަލު ގެނައުމާއެކު ސްޕޮޓިފައި އަށް ޝުކުރު އަދާ ކުރަމުން ބުނެފައިވާ ގޮތުގައި "އަހަރެމެންގެ ފަންނުންވެސް ވާހަކައެއް ކިޔައިދޭ. އަދި އަހަރެމެންގެ ވާހަކަތައް ކިޔައިދޭން ވާނީ އަހަރެމެން ބޭނުންވާ ގޮތަށް. އަހަރެންގެ އަޑު އެހި ކަމަށްޓަކައި ސްޕޮޓިފައި އަށް ވަރަށް ބޮޑަށް ޝުކުރިއްޔާ." ސްޕޮޓިފައި އިން ވަނީ ފަހުން އެޑެލްގެ މި ޓްވީޓަށް ޖަވާބުދާރީވެ، "އެޑެލްއަށް ކޮންމެ ކަމެއްވެސް" މިހެން ބުނެފައެވެ. މިކަމުން އެއީ އެޑެލްއަށް އަދާކޮށްދީފައިވާ 'ފޭވަރ' އެއް ކަމަށްވެސް ބައެއް މީހުން ދެކެއެވެ.

ސްޕޮޓިފައި ގެ މިއުޒިކް ކޮމިއުނިކޭޝަންސްގެ އިސްވެރިޔާ، ކްރިސް މެކައުސްކީ ވަނީ 'ދަ ވާރޖް' ގައި މި އާ ސިފަ ވާކަން ކަށަވަރު ކޮށްދީފައެވެ. "އެޑެލް ބުނެފައިވާ ފަދައިން، އަޅުގަނޑުމެން މިތިބީ އަޅުގަނޑުމެންގެ އާ ޕްރިމިއަމް ފީޗަރ ކަމަށްވާ 'ޑީފޯލްޓް ބަޓަން' ހުރިހާ އަލްބަމަކަށްވެސް ތައާރަފު ކުރުމުން ނުހަނު އުފާވެފަ. މި ފީޗަރ އަކީ ބޭނުންކުރާ ފަރާތްތަކުންނާއި އާޓިސްޓުން ވެސް އެދިފައިވާ ކަމެއް." ތަރުޖަމާނު ބުނެފައި ވެއެވެ. "އަލްބަމްއެއް ޝަފަލް ކުރަން ބޭނުންވާ ފަރާތްތަކެއް ވާނަމަ، 'ނައު ޕްލެއިންގ'، ދެން 'ވިއު' އަށް ގޮސް 'ޝަފަލް' ނިޝާނަށް ފިއްތާލެވޭނެ."

މަޝްހޫރުކަން އިންތިހާ ދަރަޖައަށް ގޮސްފައިވާ، އެޑެލްގެ އާ އަލްބަމް ކަމަށްވާ '30' ނެރުނުތާ ދުވަސްކޮޅެއް ވުމާއި، މި ބަދަލު ގެނައުމުގައި އެއްވެސް އިއްތިފާގެއް ނެތެވެ. މި އަލްބަމްގެ އެއް ލަވަ ކަމަށްވާ 'އީޒީ އޮން މީ' ވަނީ ސްޕޮޓިފައި ގައި މުޅި ދުނިޔެއިން އެއް ދުވަސް ތެރޭގައި އެންމެ ގިނައިން އަޑުއަހާފައިވާ ލަވައަށް ވެފައެވެ. މިއާއެކު މި ވަނީ ކޭ ޕޮޕް ގްރޫޕް ބީޓީއެސް އޭގެ މަގާމުން 'ދުރުކުރެވިފަ' އެވެ.

ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.