މިއަހަރު އެންމެ ތަފާތު ފޯނު ނެރުނީ ޓޯސްޓަރުހަދާ ބައެއް

ޙުސައިން ދީމް މުޙައްމަދު 24 ނޮވެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މިއަހަރު ދުނިޔޭގެ ބާޒާރަށް ތަޢާރަފުކުރެވުނު އެންމެ މޮޅު އަދި އެންމެ ތަފާތު އެންޑްރޮއިޑް ފޯން ތައްޔާރުކުރީ ޖަޕާނުގެ ޓޯސްޓަރު އުފައްދާ ކުންފުންޏަކުންނެވެ. "ބަލްމޫޑާ ފޯން" ނަމަކަށް ކިޔާ މިމޮޑެލްއަކީ، އާއްމުކޮށް މިފެންނަ ހަތަރެސްކަން ބައްޓަމުގެ ބަދަލަށް، އަތަށް ހެެޔޮވަރުވާގޮތަށް ޖަޕާނުގެ ލަގްޒަރީ ޓޯސްޓަރު ކުންފުންނަކުން އުފެއްދި ފޯނެކެވެ.

މީގެ ކުރިން ކޭއެފްސީ އަދި ޕެޕްސީއިންވެސް ވަނީ ފޯނުއުފައްދާ ކުންފުނިތަކަށް އޯޑަރުދީގެން އެކުންފުނިތަކަށް ޚާއްޞަ ފޯންތަކެއް އުފައްދާފައެވެ. އެއީ އެހެންނަމަވެސް ވަރަށް އާދައިގެ ގޮތަކަށް ފަރުމާކުރެވިފައިވާ، މާބޮޑު ވިޔަފާރިއެއްގެ ވިސްނުމަކާ ނުލައި އިސްތިހާރުކުރުމުގެ ގޮތުން ކަހަލަ ގޮތަކަށް ތައްޔާރުކުރެވިފައިވާ މޮޑެލްތަކެކެވެ. މިއާއި ޚިލާފަށް ބަލްމޫޑާ ފޯނަކީ، މުވާސަލާތީ ދުނިޔެއަށް އާ އިންޤިލާބެއް ގެނައުމުގެ ބޭނުމުގައި އެކުންފުނިން ތައްޔާރުކުރި ޕްރޮޑަކްޓެކެވެ. މިގޮތުން އާއްމުކޮށް ފެންނަން މިހުންނަ ހަތަރެސްކަން ނުވަތަ ދިގުއަކައެއްގެ މިސާލައް ހުންނަ ފޯންތަކާ ޚިލާފަށް ބަލްމޫޑާގެ ފޯން ތައްޔާރުކުރެވިފައިވަނީ އަތަށް ހެޔޮވަރުވާގޮތަށް ވަށްބައްޓަމެއްލާފައެވެ. ސްކްރީންވެސް އަދި ފުރަގަސްވެސް ވަށްކޮށް ފަރުމާކުރެވިފައިވާ މިފޯނަކީ، އެއްވެސް ސީދާ ރޮނގެއް ނުހިމެނޭގޮތަށް ތައްޔާރުކުރެވުނު އެންމެ ފުރަތަމަ ފޯނެވެ. 1920×1080ގެ ޑިސްޕްލޭއަކާއިއެކު މުޅިފޯނުގެ ދިގުމިނަކީ 4.9 އިންޗިއެވެ. އަދި ފުޅާމިނަކީ 69 މިލިމީޓަރެވެ. އެހެންކަމުން މިއީ ޖީބަށްލާން ފަސޭހަ ކުޑަފޯނެކެވެ.

ކުޑަފޯނެއް ގެންގުޅެން ބޭނުންވާ ފަރާތްތަކަށް ބަލްމޫޑާ މިއީ ރަނގަޅު އުފެއްދުމެކެވެ. ކުޑަފޯން ޚިޔާރުކުރާ މަދު ބައެއް އުޅުނު ނަމަވެސް، ގިނަމީހުން މިހާރު އެނބުރެނީ ސައިޒުން ބޮޑެތި ފޯނުތަކާއި ދިމާލަށެވެ. މަޝްހޫރު އެޕަލްކުންފުނީގެ އައިފޯން މިނީގެ ނާކާމިޔާބު މިކަމުގެ ހެއްކަކަށް ފުދެއެވެ. މިހާރު ދުނިޔޭގެ ބާޒާރުގައި އުޅޭ ފޯނުތަކުގެ ތެރެއިން 6އިންޗިއަށްވުރެ ކުޑަ ޑިސްޕްލޭ ހިމެނޭ ފޯނުތައް ހިއްސާކުރަނީ އެންމެ 10% އެވެ.

މިފޯނުގެ ސްޕީކަރާއި، ލެޑް ފްލޭޝްލައިޓް އަދި ކެމެރާ ހަރުކުރެވިފައިވަނީ ފަހަތުގައެވެ. މީގެ އިތުރުން، ފޯނުގެ ޕަވަރ ބަޓަންވެސް ހަރުކުރެވިފައިވަނީ ފަހަތުގައެވެ. މިއީ އައިފޯނެކޭ އެއްފަދައިން އިނގިލީގެ ނިޝާން ފާސްކުރާ ވައްތަރުގެ ޕަވަރ ބަޓަންއެކެވެ. މިފޯނުގެ ސްކީރާއި އެހެން ހުރިހާ ސިފައަކީވެސް މިމޮޑެލްއަށް ޚާއްޞާ ސިފަތަކެކެވެ. ވާހަކައަކީ، އެއީކީ އެހެން ކުންފުންޏަކުން ގަނެފައި، ނުވަތަ ނަކަލުކޮށްފައި ހުރި ބައިތަކެއްނޫނެވެ. 915 ޑޮލަރުގެ އަގަށް ލިބެން ހުންނަ މިފޯނަކީ ވަޔަރލެސް ޗާޖިންގްގެ ފީޗާއާއި އައިޕީ×4 ވޯޓަރ ރެސިސްޓަންސް ހިމެނޭ އުފެއްދުމެކެވެ.

އެންޑްރޮއިޑް-11 އާއި އެކު ގޫގަލް ޕްލޭ މި ފޯނުގައި ބޭނުންކުރެވޭނެއެވެ. ހޯމްސްކްރީން ޕެނަލްގައި އެކި އެޕްތައް ފެންނަން ހުންނާނެ އިރު، ވާތްފަރާތައް ކަހާލުމުން، ކަލަަންޑަރާއި ގަޑިފަދަ ފޯނުގެ އިންބިލްޓް އެޕްތައް ފެނިގެންދާނެއެވެ.

ބަލްމޫޑާ ކުންފުނިން އެންމެ ފުރަތަމަ އުފެއްދީ އާވައްތަރެއްގެ ޓޯސްޓަރެކެވެ. އެއީ ހޫނުފެން ބޭނުންކޮށްގެން ޓޯސްޓްކުރެވޭގޮތަކަށް ތައްޔާރުކޮޑްފައިވާ ޓޯސްޓަރެކެވެ. ދެން މިކުންފުނިން ނެރުނީ ކަރަންޓު ކުރައެކެވެ. އަދި މިއާއި ވިދިގެން އެލްއިޑީ ލަންޓަނެއްވެސް ތައްޔާރުކުރިއެވެ. ބަލްމޫޑާ ފޯނަކީ މިކުންފުނި، އެންމެފަހުން ނެރުނު އުފެއްދުމެވެ. ލަފާކުރެވޭގޮތުގައި މިފޯން ލިބެންހުންނާނީ ހަމައެކަނި ޖަޕާނުގައެވެ.


ޙުސައިން ދީމް މުޙައްމަދު

ޙުސައިން ދީމް މުޙައްމަދު

ޓެކްނޮލޮޖީގެ ބާރުދުވެއްޔާއި ފައިހަމަކުރެވޭތޯ މަސައްކަތްކުރަމުންދާ ދަރިވަރެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.