ނާސާއިން ފުރަތަމަ ފަހަަރަށް ގިނިހިލައެއް ބުރުއްސާލަނީ

ޙުސައިން ދީމް މުޙައްމަދު 24 ނޮވެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ސައިފައިގެ ދުނިޔެއަށް ފަރިތަ ފަރާތްތަކަށް "އެސްޓެރޮއިޑް ޑިފްލެކްޓް" ކުރުން ނުވަތަ ދުނިޔެއަށް އަމާޒުވާގޮތަށް އަންނަ ގިނިހިލައެއް އޭގެ މިސްރާބުން ދުރައް ބުރުވާލުމުގެ ވާހަކައަކީ އާކަމެއް ނޫނެވެ. ވަރަށް ގިނަ ފިލްމުތަކުގައި އަދި ވާހަކަތަކުގައި މި ޕްލޮޓް ހިމަނާފައިވެއެވެ. އެހެންނަމަވެސް މިތާގައި މިދައްކަނީ ވާހަކައެއްގެ ޕްލޮޓެއްނޫނެވެ. އަސްލީ ދުނިޔޭގައި ހަމަ ޔަޤީނުންވެސް ކުރަން އުޅޭކަމެއްގެ ވާހަކައެވެ. ނާސާއިން، އެސްޓެރޮއިޑެއް ޑިފްލެކްޓުކުރަން މަސައްކަތްކުރާކަން މިވަނީ ހާމަކޮށްފައެވެ. އެހެންނަމަވެސް ހާސްވާކަށެއް ނުޖެހެއެވެ. އެއީކީ ދުނިޔެއާ ދިމާލަށް މިސްރާބު ޖަހާފައިވާ ގިނިހިލައެއް ނޫނެވެ. މިއީ އެކަހަލަ ހާލަތެއް މުސްތަޤްބަލުގައި ދިމާވެއްޖެނަމަ ނާސާއިން އެސްޓެރޮއިޑެއް ހަމަ އަސްލުވެސް ހުއްޓުވޭނެތޯ ކުރެވޭ ޓެސްޓެކެވެ.

"ޑަބަލް އެސްޓެރޮއިޑް ރީޑައިރެކްޝަން ޓެސްޓް" ނުވަތަ "ޑާޓް"ގެ ނަމުގައި ހިންގޭ މި މިޝަންގައި ބޭނުންކުރާނީ އީލޯން މަސްކްގެ ސްޕޭސްއެކްސްއިން ފަރުމާކޮށްފައިވާ ފެލްކަން-9 ގެ އުޅަނދެކެވެ. ކެލިފޯނިޔާގެ ވާންޑެންބާގް ސްޕޭސްފޯސް ބޭސްއިން މިއުޅަނދު ނައްޓާލާނީ ނާސާއިން ކާރެއްގެ ބޮޑުމިނަށް ފަރުމާކޮށްގައިވާ ޑާޓް ސްޕޭސްކްރާފްޓްވެސް ހިފައިގެންނެވެ. ޖޯން ހޮޕްކިންސް އެޕްލައިޑް ފިޒިކްސް ލެބޯރަޓޮރީއާއި ގުޅިގެން ނާސާއިން ހިންގާ މިމިޝަންގައި. ފޮނުވާލެވޭ ޑާޓްރޮކެޓްގެ މަޤްޞަދަކީ، ގިނިހިލައެއްގައި ޖައްސާ، އޭގެ އޯބިޓުން އޭތި ކައްސާލުމެވެ. އިޓަލީވިލާޓުގެ ޖައްވީ އިދާރާއިން ތައްޔާރުކޮށްފައިވާ ލީސިއާކިޔުބް ސެޓަލައިޓުން މި މިޝަންގެ މަންޒަރުތައް ރިކޯޑުކުރާނެއެވެ.

އެކިޤައުމުތަކާއި ކުންފުނިތަކާއި ގުޅިގެން 330 މިލިއަން ޔޫއެސް ޑޮލަރުގެ ޚަރަދުގައި ނާސާއިން ހިންގާ މިޕްރޮޖެކްޓަކީ މިފަދައިން ގިނިހިލައެއް ބުރުއްސާލަން މަސައްކަތްކުރެވޭ ފުރަތަމަ ފަހަރެވެ. މި މިޝަންގައި އިމްޕެކްޓްކުރަން އަމާޒުކޮށްފައިވަނީ 160 މީޓަރުގެ ބޮޑުމިންހުރި ޑިޑީމޮސް އެންޑް ޑިމޯފޮސް ކިޔާ ޑަބަލް އެސްޓެރޮއިޑަކަށެވެ. ސިކުންތަކު 6.6 ކިލޯމީޓަރުގެ ދުވެލީގައިގޮސް ޑާޓު ފުރަތަމަ ޖައްސާނީ ޑިމޯފަސްގައެވެ. މިއާއެކު ޑިމޯފަސްގޮސް ޑިޑީމޮސްވަށައިންކުރާ އޯބިޓް ކުޑަކުރާނެއެވެ. ފިލްމުތަކުގައި ފެންނަ ފަދައިން ގިނިހިލަ ގޮއްވާލުމުގެ ބަދަލުގައި، ބުރުއްސާލުމުން ލިބޭފައިދާއަކީ، ގިނިހިލަައެއް ގޮއްވާލީމާ ދެން އުފެދޭ ކުނޑިތަކެއްވެސް ދުނިޔެއާ ހަމައަކަށް ނާންނާނެއެވެ.

ޖުރޭސިކް ޒަމާނުގައި ސާރުތަކުގެ ދުވަސްދުއްވާލި އެސްޓެރޮއިޑަށްފަހު މާބޮޑު ގިނިހިލައެއް ދުނިޔެއަކަށް އަދި ނުވެއްޓެއެވެ. އެހެންނަމަވެސް، މިހާރު މަރުވެފައިވާ އިނގިރޭސި ވިލާތުގެ މަޝްހޫރު ސައިންޓިސްޓް ސްޓެފަން ހޯކިންގްފަދަ އެތައް ފުންނާބު އުސް ސައިންސްވެރިންވަނީ ކުރިއަށް އޮތް މުސްތަޤްބަލުގައި މިފަދަ ކަމެއް ދިމާވުމަކީ ދުރުކަމެއް ނޫންކަމަށް ވިދާޅުވެފައެވެ. މިހާތަނަށް ގިނިހިލަތަކުގެ ހަރަކާތްތަކާއި މިސްރާބުތައް ސައިންސްވެރިންނަށް ބެލިފައިވަނީ ވަރަށްވެސް ކުޑަ މިންވަރަކަށެވެ. މާބޮޑަށް ތަޙްލީލްކުރެވިފައިނުވާ ޖައްވުގެ އަނދިރި ދިމަދިމާލުން މިފަދަ ގިނިހިލައެއް ކުއްލިއަކަށް އަތުވުމަކީ ނުވާނެ ކަމެކޭ އެކަކަށްވެސް ނުބުނެވޭނެއެވެ. 2013ވަނަ އަހަރު ރޫސީވިލާތުގެ ޗެލަބިންސްކްއަށް ވެއްޓުނު 20 މީޓަރުގެ ގިނިހިލައަކީ މީގެ މިސާލެކެވެ. އޭތި ވެއްޓުނު ވަގުތު، އޭގެން އުފެދުނު އަލި، އިރުގެ އައްޔަށް ވުރެއްވެސް ގަދަވިއެވެ. އެބުރު މާބޮޑެތި ގެއްލުންތަކެއް ކުރިމަތިނުވިއެއްކަމަކު، އޭގެ އަސަރުން އެސަރަހައްދުގެ އެތައް އިމާރާތަކަށް ގެއްލުންލިބި އެތައް ބަޔަކަށް އަނިޔާލިބި ފަރުވާ ހޯދަންޖެހުނެވެ.


ޙުސައިން ދީމް މުޙައްމަދު

ޙުސައިން ދީމް މުޙައްމަދު

ޓެކްނޮލޮޖީގެ ބާރުދުވެއްޔާއި ފައިހަމަކުރެވޭތޯ މަސައްކަތްކުރަމުންދާ ދަރިވަރެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.