ކަޅުނަސްލުގެ ފުރަތަމަ އަންހެން އެސްޓްރޮނޯޓް ޖައްވަށްދަނީ

އިސްމާއިލް އަލީ 24 ނޮވެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނުގެ ފަޅުވެރިއެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް ކަޅު ނަސްލުގެ އަންހެނަކު ހިމަނައިފިއެވެ. އެގޮތުން ދުނިޔޭގެ ތާރީހު ފޮތްތަކުން ޖާގަ ހޯދާފައިވަނީ އެމެރިކާގެ ޖައްވީ އިދާރާ ނާސާގެ އެސްޓްރޮނޯޓް ޖެސިކާ ވޮޓްކިންސްއެވެ.

އަންގާރަ ދުވަހު ނާސާއިން ހާމަކޮށްފައިވާ ގޮތުގައި ވަޓްކިންސް ފަޅުވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވާނީ އަންނަ އޭޕްރިލް މަހު ދަތުރު ފެށުމަށް ހަމަޖެހިފައިވާ ސްޕޭސްއެކްސް ކްރޫ-4 މިޝަންގައިއެވެ.މި ދަތުރުގެ ބައިވެރިން ޖައްވުގައި 6 މަސްދުވަސް ހޭދަކުރުމަށް ވަނީ ހަމަޖެހިފައިއެވެ. އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަންގެ މަސައްކަތަށް 21 އަހަރު ވެފައިވާއިރު މިހާތަނަށް މި ސްޓޭޝަނުގައި މަސައްކަތްކުރި 249 މީހުންގެ ތެރެއިން ކަޅުނަސްލުގެ މީހުންގެ އަދަދަކީ އެންމެ ހަތްމީހުންނެވެ.

މިދިޔަ އަހަރު މި ސްޓޭޝަނުގައި މަސައްކަތްކުރި ވިކްޓޯ ގްލޯވާއަކީ މި ސްޓޭޝަނުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރި ފުރަތަމަ ކަޅުނަސްލުގެ އެސްޓްރޮނޯޓެވެ. 2022 ގައި ދިއުމަށް ހަމަޖެހިފައިވާ ސްޕޭސްއެކްސް ކްރޫ-4 މިޝަންއާއިއެކު ވަޓްކިންސް ވެގެންދާނީ މި ސްޓޭޝަނުގައި މިގޮތަށް މަސައްކަތްކުރުމުގެ ފުރުސަތު ލިބޭ ފުރަތަމަ ކަޅުނަސްލުގެ އަންހެނަކަށެވެ.

ނިއުޔޯކް ޓައިމްސްއާއި ވާހަކަ ދައްކަމުން ވޮޓްކިންސް ހާމަކޮށްފައިވާ ގޮތުގައި އޭނާގެ އުންމީދަކީ ދަތުރާއިއެކު ކަޅުނަސްލުގެ އަންހެން ކުދިންނަށް އެކުދިން ކުރިއަށްދާން ބޭނުންވާ ދާއިރާތަކުން ކުރިއަށްދެވޭނެ ކަމުގެ ޔަގީންކަން ދިނުމެވެ.

2018 ވަނަ އަހަރު ޖެނެޓް އެޕްސް ނާސާގެ ދަތުރެއްގައި ބައިވެރިކުރުމަށް ވަނީ ނިންމާފައިއެވެ. މި ދަތުރުގައި އޭނާ ބައިވެރިވި ނަމަ އޭނާ ވެގެންދާނީ ޖައްވީ ދަތުރެއްގައި ބައިވެރިވާ ފުރަތަމަ ކަޅުނަސްލުގެ އެސްޓްރޮނޯޓަށެވެ. ނަމަވެސް އެއްވެސް ތަފްސީލެއް ހާމަނުކޮށް ނާސާއިން ވަނީ އެދަތުރުން އޭނާގެ ނަން އުނިކޮށްފައިއެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.