ސިންގަޕޫރައި ދެކުނު ކޮރެއާގެ އެކަޑެމިކް ސައިބަރ ސެކިއުރިޓީ ދިރާސާތައް ކުރާ މީހުން މި ވަނީ، ސްމާޓްފޯނު ތަކުގައިވާ ޓައިމް-އޮފް-ފްލައިޓް (ޓީއޯއެފް) ގެ ބޭނުން، ފޮރުވިފައިވާ ސްޕައި ކެމްތައް ހޯދުމަށްވެސް ބޭނުންކުރެވޭނެ ގޮތް ހޯދާފައެވެ.
ޓީއޯއެފް ސެންސަރުތަކުގެ ބޭނުން ކޮށްގެން ކެމެރާއާއި ކޮންމެވެސް އެއްޗަކާއި ދެމެދުގައިވާ ދުރުމިން ދެނެގަނެވެއެވެ. މި ސެންސަރ ވަނީ ފަހުގެ ސްމާޓްފޯނުތަކުން ވަރަށް ގިނައިން ފެންނަން ފަށާފައެވެ. މިސާލަކަށް، އެޕަލްގެ އައިފޯނު 12، އައިފޯނު 13، އަދި ސެމްސަންގް ގެލެކްސީ އެސް 20+ އާއި އަދި އެހެނިހެން ގިނަ ފޯނުތަކުގައި، ލޭޒަރ-ބޭސްޑް ސޮނީ ޓީއޯއެފް ސެންސަރ އެއް ހިމަނާފައި ވެއެވެ. މީގެ ބޭނުން ކުރެވެނީ އޮގްމެންޓްޑް ރިއަލިޓީ އެޕްލިކޭޝަންތަކުގައާއި، 2 ޑީ އިމޭޖެރީ އަށް ޑެޕްތް މައުލޫމާތު އިތުރުކުރުމަށެވެ.
ދަ ރެޖިސްޓަރ އަށް ވަނީ، ނެޝެނަލް ޔުނިވަރސިޓީ އޮފް ސިންގަޕޯރ ގެ ސްރީރާމް ސާމީ، ބަންގްޖީ ސަން އަދި ސީން ރުއި ޒިއަންގ ޓަން، އަދި ޔޮންސެއި ޔުނިވަރސިޓީގެ ޖަން ހަން ގެ ކަރުދާހެއް ފާހަގަވެފައެވެ. މި ކަރުދާހުގައި ވަނީ ހޮޓެލް ކޮޓަރިތަކުގައާއި ފާހާނާތަކުގައި ފޮރުވިފައިވާ ސްޕައި ކެމްތައް ޓީއޯއެފް ބޭނުންކޮށްގެން ހޯދޭނެގޮތް ތަދުބީރެއް ސިފަކޮށްދީފައެވެ.
ދިރާސާކުރި މީހުން ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ކުދިކުދި ސްޕައި ކެމެރާތައް ހޯދުމަށް ފަރުމާކޮށްފައިވާ އަދުގެ ޖީލުގެ ޑިވައިސްތަކުގައި ވަނީ ވަރަށް ދަށް ޑިޓެކްޝަން ރޭޓެކެވެ. ހަމަ އެއާއެކު، ވަޔަރލެސް ޓްރެފިކް ބޭނުންކޮށްގެން ސްޕައި ކެމެރާތައް ހޯދައި ދެނެގަތުމަށް ފަސޭހައަކަށް ވެގެން ދިޔަ ކަމުގައި ވިޔަސް، ސީދާ އިނީ ކޮން ތަނެއްގައި ކަމެއް ދެނެގަންނަން އެހީއަކަށް ނުވާނެއެވެ.
"އަޅުގަނޑުމެން ވާނީ ސްމާޓްފޯނު އެޕްތަކުގައި އެލްއޭޕީޑީ އިމްޕްލެމެންޓް ކޮށްފަ. މީގެން ޓީއޯއެފް ސެންސަރ ތަކުން ލޭޒަރ ސިގްނަލްތައް ދޫކޮށް، ކޮމްޕިއުޓަރ ވިޝަންއާއި މެޝިން ލާނިންގ ޓެކްނިކްތައް ބޭނުންކޮށްގެން، ފޮރުވިފައިވާ ކެމެރާތަކުގެ އާދަޔާ ޚިލާފު ރިވެލިތައް ހޯދޭނެ،" ކަރުދާހުގައި ދިރާސާކުރި މީހުން އޮޅުންފިލުވައި ދީފައިވެއެވެ.
މި ބޭފުޅުން ވަނީ 379 ބައިވެރިންގެ އެހީއާއިއެކު އެލްއޭޕީޑީގެ ފީލްޑް ޓެސްޓެއް ހަދާފައެވެ. މި ޓެސްޓުތަކުން ސިސްޓަމުން ވަނީ 88.9 އިންސައްތަ ފޮރުވިފައިވާ ކެމެރާދެނެގަނެފައެވެ.
އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.