ސެމްސަންގުން އެމެރިކާގެ ޓެކްސަސްގައި އައު އެޑްވާންސް ޗިޕް އުފައްދާ ކާރުހާނާއެއް ހުޅުވުމަށް ނިންމައިފިއެވެ. މި ކާރުހާނާއަކީ 17 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެކެވެ. އަދި މިކާރުހާނާގެ ސަބަބުން 1800 އައު ވަޒީފާ އުފެދިގެންދާނެ ކަމަށް ވޯލްސްޓްރީޓް ޖާނަލްއިން ވަނީ ރިޕޯޓްކޮށްފައިއެވެ. މިކާރުހާނާ ހުޅުވުމަށް ނިންމާފައިވަނީ ޓެކްސަސްގެ ޓޭލާ ސިޓީގައިއެވެ. މިސިޓީއާއި ގާތްގަނޑަށް 30 މޭލު ދުރުމިނުގައި އޮންނަ އޮސްޓިންގައި ވެސް ސެމްސަންގްގެ ކާރުހާނާއެއް ހުރެއެވެ. ވޯލްސްޓްރީޓް ޖާނަލްއިން ރިޕޯޓްކުރާ ގޮތުގައި އެކުންފުނީގެ މި އައުކާރުހާނާއަކީ 1200 އޭކަރުގެ ބިމެއްގައި ހުޅުވުމަށް ތައްޔާރުވަމުން އަންނަ ތަނެކެވެ.
ސެމްސަންގް އިލެކްޓްރޯނިކްސް ޑިވައިސް ސޮލިއުޝަންސް ޑިވިޝަންގެ ވައިސް ޗެއާމަން އަދި ސީއީއޯ ކިނަމް ކިމް ނެރުއްވި ބަޔާނެއްގައި އޭނާ ހާމަކޮށްފައިވާ ގޮތުގައި މި ކާރުހާނާގެ ސަބަބުން އެކުންފުނީގެ އުފެއްދުންތެރިކަން އިތުރުވެ ކަސްޓަމަރުންގެ ބޭނުންތައް މިހާރަށްވުރެ ރަނގަޅަށް ފުއްދައިދީ، ދުނިޔޭގެ ސެމިކޮންޑަކްޓަރ ސަޕްލައި ޗެއިންއަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް އެހީތެރިވެދޭނެއެވެ. މީގެ އިތުރުން މިބަޔާނުގައި ވަނީ އެކުންފުނިފަދަ ކުންފުނިތަކުން އެމެރިކާގައި ސެމީކޮންޑަކްޓަރ އުފެއްދުމަށް ކުރަމުންގެންދާ މަސައްކަތަށް އެގައުމުގެ މިހާރުގެ ސަރުކާރުކާރުން ދެމުންގެންދާ އެއްބާރުލުމަށް ޝުކުރުއަދާކޮށްފައިއެވެ.
ސެމްސަންގުން އަމާޒުހިފާފައިވަނީ މި ކާރުހާނާގެ ބިންގައު އަންނަ އަހަރު އެޅުމަށްފަހު 2024 ވަނަ އަހަރުން ފެށިގެން މިކާރުހާނާއިން ޗިޕް އުފެއްދުމުގެ މަސައްކަތް ފެށުމަށެވެ. މިކާރުހާނާ ފުރަތަމަ ބޭނުންކުރުމަށް ނިންމާފައިވަނީ އެކުންފުނީގެ އުފެއްދުންތަކަށާއި އެހެން ކުންފުނިތަކަށް ބޭނުންވާ ޕްރޮސެސަރު އުފެއްދުމަށެވެ. ސެމްސަންގުން މިކާރުހާނާ ބޭނުންކުރާނީ ބޮޑަށް ބެލެވޭ ގޮތުގައި އެކިކުންފުނިތަކުގެ ޑިޒައިންތަކަށް ޗިޕްތައް އުފެއްދުމަށެވެ. އެގޮތުން އެކުންފުނިން މީގެކުރިން ވަނީ ކުއަލްކޮމް އަދި އެންވީޑިއާ ފަދަ ކުންފުނިތަކަށް ޗިޕްތައް އުފައްދައިދީފައިއެވެ.
ސެމްސަންގުން މިފަދަ ބޮޑު އިންވެސްޓްމަންޓެއް ކުރުމަށް ނިންމާފައިވާ މިދަނޑިވަޅަކީ ދުނިޔޭގައި ސެމީކޮންޑަކްޓާ ލިބޭގޮތް މަދުވުމުގެ ސަބަބުން ކޮންސޯލްތައް އުފައްދާ ފަރާތްތަކުން ފެށިގެންގޮސް ކާރު އުފައްދާފަރާތްތަކަށް ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެކެވެ. އަދި މިކަމުން 2023 ވަނަ އަހަރާއި ހަމައަށްވެސް އަރައި ނުގަނެވޭނެކަމަށް އިންޓެލް ކުންފުނީގެ ސީއީއޯ ވަނީ ހާމަކޮށްފައިއެވެ.
މިކަން ހައްލުކުރުމަށް އެމެރިކާގެ ރައީސް ބައިޑެން ވަނީ އެގައުމުގައި ޗިޕް އުފައްދާ މިންވަރު އިތުރުކުރުމަށް މަސައްކަތްކުރުމަށް އަންގާފައިއެވެ. މިއާއިއެކު އެގައުމުގެ ސެނެޓުންވަނީ ޗިޕް އުފައްދާ ކާރުހާނާތަކަށް ހާއްސަކޮށް 52 ބިލިއަން ޑޮލަރުގެ ސަބްސިޑީ ދިނުމަށް ނިންމާފައިއެވެ. ޗިޕް އުފެއްދުމުގެ އިންޑަސްޓްރީގެ އުފެއްދުންތެރިކަން އިތުރުކުރުމަށް އެއިންޑަސްޓްރީން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް މިމަސައްކަތްތައް ކާމިޔާބުވެ އައު ކާރުހާނާތައް އޮންލައިންކުރެވޭވަރު އަވަހަކަށް ނުވާނެއެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި