ޓްވިޓަރގެ ސީއީއޯކަމަށް ޕާރަގް އަގަރްވާލް

ހިންދު ޢަލީ 30 ނޮވެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޓްވިޓަރ ކުންފުނީގެ ސީއީއޯ މަގާމުން 16 އަހަރަށް ފަހު ޖެކް ޑޯރސީ ވަކިވެއްޖެއެވެ. އުމުރުން 45 އަހަރުގެ ޑޯރސީ އިއްޔެއާއި ހަމައަށް ދިޔައީ އޭނާ އުފައްދާފައިވާ ކުންފުނިތައް ކަމަށްވާ ޓްވިޓަރ އަދި ޑިޖިޓަލް ޕޭމަންޓްސް ކުންފުނި ސްކޮޔަރގެ ސީއީއޯގެ މަގާމު އަދާކުރަމުންނެވެ.

ޖެކް ޑޯރސީ މަގާމުން ވަކިވިކަން އާންމުކޮށްފައިވަނީ އިއްޔެ އޭނާ ކުރި ޓްވީޓަކުންނެވެ. އެ ޓްވީޓްގައި ވަނީ ޓްވިޓަރގެ މުވައްޒަފުންނަށް އޭނާ ފޮނުވާފައިވާ ސްޓޭޓްމަންޓެއްގެ ސްކްރީން ޝޮޓެއް ހިއްސާކޮށްފައެވެ. ސީއީއޯގެ މަގާމުން ވަކިވިނަމަވެސް 2022 ވަނަ އަހަރު މެއި މަހާއި ހަމައަށް އޭނާގެ ބޯޑުގެ ދައުރު ހަމަވަންދެން އަދި ބޯޑުގެ މެންބަރެއްގެ ގޮތުގައި ހުންނާނެވެ.

"އަހަރެން ޓްވިޓަރއިން ވަކިވާން ނިންމީ، ކުންފުނި މިހާރު ފައުންޑަރުންނާއި ވަކިވާން ތައްޔާރުކަމަށް ގަބޫލުކުރާތީ"، ޑޯރސީ ނެރުނު ސްޓޭޓްމަންޓްގައި އޭނާ ބުނެފައިވެއެވެ.

އަލަށް ޓްވިޓަރ ކުންފުނީގެ ސީއީއޯކަމާއި ހަވާލުވީ އެ ކުންފުނީގެ ޗީފް ޓެކްނޮލޮޖީ އޮފިސަރުގެ މަގާމުގައި ހުރި ޕާރަގް އަގަރްވާލް އެވެ. 2017 ވަނަ އަހަރުން ފެށިގެން ސީޓީއޯގެ މަގާމު އަދާކުރަމުންދާ އަގަރްވާލް ޓްވިޓާރގައި އުޅޭތާ 10 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. އާޓިފިޝަލް އިންޓެލިޖެންސާއި މެޝިން ލާނިން ބޭނުންކޮށްގެން ޓްވިޓަރ ބޭނުންކުރާ ފަރާތްތަކުގެ ޓައިމްލައިންތަކުން އެމީހުންނާއި އެންމެ ގުޅޭ ޓްވީޓްތައް ފެންނަ ގޮތަށް ތައްޔާރުކުރުވުނު ސްޓްރެޓެޖީއަކީ އޭނާ އިސްވެ ހުރެގެން ކޮށްފައިވާ މުހިއްމު މަސައްކަތެކެވެ. ޓްވިޓަރ އާއި ގުޅުމުގެ ކުރިން އޭނާވަނީ އޭޓީ އެންޑް ޓީ، މައިކްރޮސޮފްޓް އަދި ޔާހޫ ފަދަ ކުންފުނިތަކުގައި މަސައްކަތްކޮށްފައެވެ. އަގަރްވާލް ކިޔެވީ ސްޓޭންފޯޑް ޔުނިވަރސިޓީ އާއި އިންޑިއަން އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ، ބޮމްބޭގައެވެ.

މި ބަދަލާއެކު ދުނިޔޭގެ ލެވެލްގެ ބޮޑެތި ކުންފުނިތަކުގައި ހިމެނޭ އިންޑިއާއަށް ނިސްބަތްވާ ސީއީއޯ ތަކުގެ ލިސްޓަށް އަނެއްކާވެސް ގާބިލް މީހަކު އިތުރުވީއެވެ. މިލިސްޓުގައި ގޫގުލްގެ މައި ކުންފުނި އެލްފަބެޓްގެ ސީއީއޯ ސުންދަރް ޕިޗާއީ، މައިކްރޮސޮފްޓްގެ ސީއީއޯ ސަތްޔާ ނަޑެއްލާ އަދި އައިބީއެމްގެ ސީއީއޯ އަރުވިންދް ކްރިޝްނާ ހިމެނެއެވެ.

ޓްވިޓަރއަކީ ވަރަށް ގިނަ މަޝްހޫރު ހައި ޕްރޮފައިލް ސެލްބްރިޓީއިންނާއި ނޫސްވެރިން އިޚްތިޔާރު ކުރާ ސޯޝަލް ޕްލެޓްފޯމް ކަމުގައި ވީނަމަވެސް، ފޭސްބުކް، ޓިކްޓޮކް އަދި ޔޫޓިއުބް ފަދަ ޕްލެޓްފޯމްތަކާއި އަޅާބަލާއިރު ބޭނުންކުރާ މީހުންގެ ޢަދަދުގެ ގޮތުން ފަހަތުގައި އުޅޭ ޕްލެޓްފޯމެކެވެ. އެހެންނަމަވެސް ދުވާލެއްގެ މައްޗަށް 200 މިލިއަނަށްވުރެ ގިނަ މީހުން ޓްވިޓަރ ބޭނުންކުރެއެވެ.

މީގެ ކުރިން ގިނައިން ޓެކްނިކަލް މަސައްކަތުގައި އުޅެފައިވީ ނަމަވެސް، ސީއީއޯގެ ހައިސިއްޔަތުން އަގްރަވާލް ޓްވިޓަރއަށް (އަދި އެހެން ސޯޝަލް މީޑިއާތަކަށްވެސް) ކުރިމަތިވަމުންދާ އިޖުތިމާއީ އަދި ސިޔާސީ މައްސަލަތަކާ ކުރިމަތިލާން ޖެހޭނެއެވެ. މިސާލަކަށް ދޮގު މައުލޫމާތު ފެތުރުމާއި (މިސްއިންފޮމޭޝަން / ޑިސްއިންފޮމޭޝަން ފަދަ)، ސޯޝަލް މީޑިއާ ޗެނަލްތައް ބޭނުންކޮށްގެން ކުރާ އަނިޔާއާއި، އޭގެ ބޭނުންކުރާ މީހުންނަށް ދިމާވާ ނަފްސާނީ އަސަރުތައް ކުޑަކުރުމަށް އޭނާ ވެސް ވިސްނަންޖެހެއެވެ.

37 އަހަރުގެ އަގަރްވާލްއަށް މިފަދަ ހައި ޕްރޮފައިލް، އެންމެ ގިނައިން ޕޮލިޓިކަލް ޓޮޕިކްތަކަށް ހިޔާލު ފާޅުކުރެވޭ، އެއް ޕްލެޓްފޯމްގެ ސީއީއޯ ކަން މިލިބުނީ ހަމަ ވަރަށް ކުއްލިއަކަށެވެ. މީނާއަކީ މީގެ ކުރިން މާބޮޑަށް އާންމުންނަށް ފެނިފައި ނުވާ މީހެކެވެ. ޕަބްލިކް ލައިފްއިން ހަމަ ފެނުމާއެކު އޭނާ ކުރިން ކޮށްފައިވާ ޓްވީޓެއް ބޭނުންކޮށްގެން މިހާ އަވަހަށް ފާޑު ކިޔުންތައް ވެސް އަމާޒުވާން ފަށައިފިއެވެ. 2010 ގައި އޭނާ ކުރި ޓްވީޓެއްގައި ބުނެއެވެ. "މުސްލިމުންނާއި ހައްދު ފަހަނަ އަޅާފައިވާ މީހުންނާ ދެމެދު އެމީހުން ފަރަގެއް ނުގެންގުޅޭ ނަމަ، އަހަރެން ދޮންމީހުންނާއި ނަސްލީގޮތުން ތަފާތު ކުރުން ގެންގުޅޭ މީހުންނާއި ފަރަގު ކުރަންވީ ކީއްވެހެއްޔެވެ؟"

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.