ސްނެޕްޑްރެގަން 8 ޖެން 1 2022 ގެ ފޯނުތަކުން ފެނިގެންދާނެ

އިސްމާއިލް އަލީ 01 ޑިސެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ކުއަލްކޮމްގެ އައު ސްމާޓްފޯން ޕްރޮސެސާ އެކުންފުނީގެ ސްނެޕްޑްރެގަން ޓެކް ސަމިޓްގައި ދައްކާލައިފިއެވެ. މި ސަމިޓްގައި ދައްކާލާފައިވާ ސްނެޕްޑްރެގަން 8 ޖެން 1 ޕްރޮސެސާއަކީ 2022 ވަނަ އަހަރު ބާޒާރަށް ނެރޭނެ އެންމެ ބާރުގަދަ ފޯނުތަކުގައި ބޭނުންކުރާނެ ޕްރޮސެސާއެވެ. މި ޕްރޮސެސާ ވެގެންދާނީ ކުއަލްކޮމްއިން މީގެކުރިން ނަންދިނުމުގައި ބޭނުންކުރަމުން އައި ތިން ނަންބަރުގެ ބަދަލުގައި އައު ގޮތަކަށް ނަންދީފައިވާ ފުރަތަމަ ޗިޕްސެޓަށެވެ.

މީގެ ކުރިންވެސް ކުއަލްކޮމްގެ އައު އުފެއްދުންތަކާއިއެކު އެކުންފުނިންވާ އެންމެ ބޮޑު ވައުދަކީ އޭގެކުރީގެ އުފެއްދުންތަކަށްވުރެ ފަހުން ނެރޭ އުފެއްދުން ރަނގަޅުވާނެ ކަމުގެ ވައުދެވެ. އެގޮތުން އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި ސްނެޕްޑްރެގަން 8 ޖެން 1 މެދުވެރިކޮށް މިހާރަށްވުރެ ފުރިހަމައަށް ކެމެރާ، އާޓިފިޝަލް އިންޓެލިޖެންސް، ސެކިއުރިޓީ އަދި 5ޖީ ގެ ހިދުމަތްތައް ލިބިގެންދާނެއެވެ.

ކުރިން ލަފާކުރެވިފައިވާ ގޮތަށް ސްނެޕްޑްރެގަން 8 ޖެން 1 އަކީ އާމްގެ އެންމެ ފަހުގެ އާމްވީ9 ބޭނުންކޮށްގެން އުފައްދާފައިވާ ކުއަލްކޮމްގެ ފުރަތަމަ ޗިޕްއެވެ. މީގެ އިތުރުން މިއައު އުފެއްދުމަކީ ސްނެޕްޑްރެގަން 888 އަށްވުރެ 20 އިންސައްތަ ޕާފޯމަންސް އަދި 30 އިންސައްތަ އެފިޝެންސީ ރަނގަޅު އުފެއްދުމެކެވެ.

ސްނެޕްޑްރެގަން 8 ޖެން 1 އާއިއެކު ކުއަލްކޮމްއިން ވަނީ އެކުންފުނީގެ ސްނެޕްޑްރެގަން އެކްސް65 މޮޑެމްވެސް ތައާރަފްކޮށްފައިއެވެ. މި މޮޑެމް މެދުވެރިކޮށް 5ޖީ މުޅިން އައު ހިދުމަތްތަކެއް ލިބިގެންދާނެއެވެ. މީގެއިތުރުން މި ޗިޕްސެޓް މެދުވެރިކޮށް ވައިފައި 6 އަދި ވައިފައި 6އީ، ބްލޫޓޫތް އެލްއީ އޯޑިއޯ ފަދަ ހިދުމަތްތަށް ލިބިގެންދާނެއެވެ.

ކުއަލްކޮމްގެ ހުރިހާ އުފެއްދުންތަކާއި އެއްގޮތަށް މިޗިޕްސެޓް މެދުވެރިކޮށް ކެމެރާގެ ގާބިލުކަން ރަނގަޅުވާނެކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައިއެވެ. އެގޮތުން މި ޗިޕްސެޓް މެދުވެރިކޮށް 240 12 މެގަޕިކްސެލް ފޮޓޯ ސިކުންތެއްގެ ތެރޭގައި ނެގުމުގެ ގާބިލުކަމާއި 64 މެގަޕިކްސެލް އަދި 8ކޭ އެޗްޑީއާރު ފޮޓޯތައް ނެގުމުގެ ގާބިލުކަން ލިބިގެންދާނެއެވެ. މީގެއިތުރުން މި ޗިޕްސެޓް ބޭނުންކުރާ ފޯނުތަކުގެ ހާޑްވެއާ ތަންދޭނަމަ 8ކޭ ވީޑއޯ އެޗްޑީއާރު 10 ޕްލަސް އާއި އަދި 18 ބިޓް ރޯ ފުޓޭޖް ނެގުމުގެ ގާބިލުކަންވެސް ލިބިގެންދާނެއެވެ.

ސްނެޕްޑްރެގަން 8 ޖެން 1 އާއިއެކު އަންނާނެ ސަލާމަތީ ކަންކަމަށް ބަލާއިއިރު މި ޗިޕްސެޓްއާއިއެކު ޑެޑިކޭޓެޑް ޓްރަސްޓް މެނޭޖްމަންޓް އިންޖީންއަކާއިއެކު ސެކިއުރިޓީ އިތުރު ލޭޔާއެއް ލިބިގެންދާނެއެވެ. ސްނެޕްޑްރެގަން 8 ޖެން 1 ބޭނުންކޮށްގެން އުފައްދާފައިވާ ފުރަތަމަ ފޯނުތައް 2021 ވަނަ އަހަރު ނިމޭއިރު ބާޒާރަށް ނިކުންނާނެކަމަށް ބެލެވެއެވެ. މިއާއިއެކު މި ޗިޕްގެ ވަރުގަދަކަން އަންދާޒާކޮށްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.