ކުދި ވިޔަފާރިތަކަށް ހާއްސަ ޓީމްސް އެޕް ތައާރަފްކޮށްފި

މުހައްމަދު ރައްޔާން 02 ޑިސެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ކުދި ވިޔަފާރިތަކަށް ހާއްސަކޮށް ޓީމްސް އެސެންޝަލްސްގެ ނަމުގައި ޓީމްސްގެ އައު އެޕްލިކޭޝަނެއް މައިކްރޯސޮފްޓުން ތައާރަފްކޮށްފިއެވެ. މި އުފެއްދުމަކީ ޓީމްސްގެ ފްރީ ވާޝަންއާއި މައިކްރޯސޮފްޓް 365 ގައި ހިމެނޭ ޓީމްސް އާއި ވަކިން އުފައްދާފައިވާ ސްޓޭންޑްއެލޯން އެޕްލިކޭޝަނެކެވެ.

ޓީމްސް އެސެންޝަލްސް އަށް ސަބްސްކްރައިބް ކުރެވޭނީ މަހެއްގެ މައްޗަށް 4 ޑޮލަރު ދައްކައިގެންނެވެ. މި ސަބްސްކްރިޕްޝަންގައި 300 މީހުން ބައިވެރިވާ އަންލިމިޓެޑް ގްރޫޕް މީޓިންތައް 30 ގަޑިއިރާއި ހަމައަށް ކުރިއަށްގެންދެވޭނެއެވެ. މިއާއި ހިލާފަށް ޓީމްސްގެ ފްރީ ވާޝަންގައި 60 މިނިޓްގެ ބައްދަލުވުމެއްގައި ބައިވެރިވެވެނީ އެންމެ 100 މީހުންނަށެވެ. މީގެ އިތުރުން ފްރީ ވާޝަންއާއި ހިލާފަށް އެސެންޝަލްސް ބޭނުންކުރާ ފަރާތްތަކަށް 10 ޖީބީ ކްލައުޑް ސްޓޯރޭޖް ލިބިގެންދާނެއެވެ، މީގެ އިތުރުން އައުޓްލުކް އަދި ގޫގަލް ކަލަންޑާއާއި އިންޓަގްރޭޓްވެސް ކުރެވޭނެއެވެ.

މީގެ އިތުރުން ފްރީ ވާޝަންއެކޭ އެއްގޮތަށް އޮފީސް ވެބް އެޕްލިކޭޝަންތަކާއި، އެކުގައި މަސައްކަތްކުރާ ފަރާތްތައް އަދި ކަސްޓަމަރުންނާއި ޗެޓްކުރުމާއި، ފައިލްތައް ހިއްސާކުރުން ފަދަ ހިދުމަތްތައް އެސެންޝަލްސްއިންވެސް ލިބިގެންދާނެއެވެ. ޓީމްސްގެ އެހެން ވާޝަންތަކެކޭ އެއްގޮތަށް އެސެންޝަލްސްގައިވެސް ބައްދަލުވުންތަކާއި ޗެޓްތައް އަދި ކޯލްތަކާއި ފައިލްތައް ހުންނާނީ އެންކްރިޕްޓްކޮށްފައިއެވެ. މީގެ އިތުރުން މިއުފެއްދުން ބޭނުންކުރާ ފަރާތްތަކަށް ޓީމްސް ނުގެންގުޅޭ ފަރާތަކަށްވެސް ބައްދަލުވުމަކަށް ދައުވަތުދެވިދާނެއެވެ. ހަމައެއާއެކު ވާޗުއަލް ބެކްގްރައުންޑް ތަކާއި ލައިވް ކްލޯސްޑް ކެޕްޝަންސް މިއުފެއްދުމުގައިވެސް ބޭނުންކުރެވޭނެއެވެ.

މިއުފެއްދުމަކީ މައިކްރޯސޮފްޓް 365 ބިޒްނަސް ބޭސިކްއަށްވުރެ އަގުހެޔޮ އުފެއްދުމެކެވެ. އެގޮތުން ބިޒްނަސް ބޭސިކް ޕްލޭންގެ އަގަކީ 5 ޑޮލަރެވެ. އަދި މާޗް މަހުން ފެށިގެން މިއަދަދު 6 ޑޮލަރަށް މަތިވާނެއެވެ. މި ޕްލޭންގައި ބައްދަލުވުންތަކުގެ ޔައުމިއްޔާ ވަގުތުން ލިޔުމާއި، ރިއަލްޓައިމް ތަރުޖަމާކުރުމާއި، އޮފީސް މޯބައިލް އެޕްތަކާއި 1 ޓީބީ ކްލައުޑް ސްޓޯރޭޖްފަދަ ގިނަ ހިދުމަތްތަކެއް ހިމެނެއެވެ.

ޓީމްސް އެސެންޝަލްސް ލިބެންހުންނާނީ މައިކްރޯސޮފްޓްގެ ކްލައުޑް ޕާޓްނަރުން ނުވަތަ ސީދާ އެކުންފުނިންނެވެ.

މުހައްމަދު ރައްޔާން

މުހައްމަދު ރައްޔާން

2016 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެ ތަފާތު ލިޔުން ލިޔެވިފައިވޭ. ޓެކްނޮލޮޖީގެ ހަބަރުތަކަށް މުޅިން އައު ވިޔަސް މި މަސައްކަތް މި ފެށީ ރައްޔިތުންނާއި ހަމަަޔަށް ޓެކްނޮލޮޖީ ހަބަރު ވީ އެންމެ ތާޒާކަމާއިއެކު ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.