މީސްމީޑިއާތަކުގެ ދުނިޔޭގައި ޚަބަރު ފަތުރަން އެންމެ ފަސޭހަ އަދި އެންމެ އަވަސް މަންސަ އަކީ ޓްވިޓާއޭ ބުނުން ދޮގަކަށް ނުވާނެއެވެ. މިހާރު ނޫސްތަކުގައިވެސް ޓްވީޓްތަކުން ޚަބަރު އުފައްދައިގެން ލިޔައެވެ. އެހެންނަމަވެސް ޓްވިޓާގައި ތެދުޚަބަރައްވުރެ ގިނައިން ދޮގުޚަބަރު ފަތުރާކަމުގެ ޝަކުވާއަކީ އާ ކަމެއްނޫނެވެ. ޓްވިޓާއިން ދޮގުޚަބަރު ބޭރުކުރެވޭތޯވެސް އެތައް ބަޔަކު މަސައްކަތްކޮށްފައިވެއެވެ. އެހެންނަމަވެސް އަދި މިކަން ކާމިޔާބު ކުރެވޭގޮތެއް ނުވެއެވެ.
2018 އަހަރު، ވޭތުވެދިޔަ 11އަހަރުގެ ޓްވިޓާ ޑާޓާ ބޭނުންކޮށްގެން އެމެރިކާގެ ކޯނެލް ޔުނިވާސިޓީގައި ދިރާސާއެއް ފެއްޓިއެވެ. މިދިރާސާގެ ބޭނުމަކީ ތެދު ޚަބަރާއި މަޢުލޫމާތަށްވުރެ މާ ފުޅާ ދާއިރާއެއްގައި ދޮގު ޚަބަރުތައް ޓްވިޓާގައި ފެތުރޭކަމަށް ހީވެފައި އޮތް ހީވުން ކަށަވަރުކުރުމެވެ.
ޓްވިޓާގައި އެއްޗެއް ޕޯސްޓްކުރުމުން އެއެއްޗެއް އެހެން ފަރާތަކަށް ރީޓްވީޓްކުރުވޭނެއެވެ. ޓްވީޓްތައް ފެތުރެނީ މިހެންނެވެ. ރީޓްވީޓްތަކުގެ ޒަރީއާއިން ޓްވީޓެއް ފެތުރެން ބޭނުންކުރާ ރާސްތާތަކަށް "ކެސްކޭޑް" އޭ ކިޔައެވެ. ގިނައިން ރީޓްވީޓްކުރެވޭ ޓްވީޓެއްގެ ކެސްކޭޑްވެސް ބޮޑުވާނެއެވެ. މިއާއެކު އެޓްވީޓްތައް ފޯރާ ފަރާތްތައްވެސް ގިނަވާނެއެވެ.
ކޯނެލް ޔުނިވާސިޓީއިން ދިރާސާކުރީ އެކި ޓްވީޓްތަކުގެ ކެސްކޭޑްތަކެވެ. މިގޮތުން ތެދު ޚަބަރުތަކާއި ދޮގުޚަބަރުތަކުގެ ކެސްކޭޑުތައް އަޅާކީއިރު، ދާދިއެއްގޮތެވެ. ވާހަކައަކީ، ތެދު ޚަބަރުތައްވެސް އަދި ދޮގުޚަބަރުތައްވެސް ޓްވިޓާގައި ފެތުރިފައިވަނީ ދާދި އެއް މިންވަރަކަށެވެ. މިއާއެކު ޓްވިޓާގައި ތެދުޚަބަރަށްވުރެ ދޮގުޚަބަރު މާފުޅާކޮށް ފެތުރޭކަމަށް ހީވެފައި އޮތް ހީވުން އެއީ ކުށްހީއެއްކަން ހާމަވެގެންދެއެވެ.
ކޯނެލް ޔުނިވާސިޓީގެ ހޯދުންތަކުން ދޭހަވާ އަނެއްކަމަކީ، މިހާތަނަށް ޓްވިޓާގައި ދޮގު ޚަބަރު ފެތުރޭ މިންގަނޑު މަދުނުކުރެވި އޮތް ސަބަބެވެ. އިސްވެ ދެންނެނުނު ކެސްކޭޑްތައް ބަލައި ތަޙްލީލްކުރި ކުރުމުގައި، ދޮގުޚަބަރުގެ ކެސްކޭޑްތަކުގައި ކިރިޔާވެސް ތަފާތެއްވާކަން ފާހަގަކުރެވުނުނަމަ، އެފަދަ ކެސްކޭޑްތައް ދެނެގަނެ، އެޓްވީޓްތައް ބޭރުކޮށްލުމުގެ ފުރުސަތު ޓްވިޓާއަށް ފަހިވީހެވެ.
ކޮންމެއަކަސް މިހާތަނަށް ހޯދިފައި ހުރި ހޯދުންތަކުން މިމަައްސަލައަށް ފެންނަން އޮތް ހަމައެކަނި ހައްލަކީ، ފެންނަހާ ޓްވީޓެއް ޤަބޫލު ނުކުރުމަށް މީހުންގެ މަޢުލޫމާތާއި ވިސްނުން ހަރުދަނާކުރުމެވެ. އިންސާނުންގެ މިޒާޖު ހުންނަ ގޮތަކީ އިވޭ ކޮންމެ ޚަބަރެއް، އިތުރަށް ބަލައިނުލާ ޤަބޫލުކުރުމެވެ. އަދި ވަގުތުން ރީޓްވީޓްކޮށް އެހެން މީހުންނަށް އެޚަބަރު ފަތުރާލުމެވެ.
ޓެކްނޮލޮޖީގެ ބާރުދުވެއްޔާއި ފައިހަމަކުރެވޭތޯ މަސައްކަތްކުރަމުންދާ ދަރިވަރެއް.