އެންޑްރޮއިޑްގެ މުޅިން އާފީޗާތަކެއް ގޫގަލްއިން އިޢުލާންކޮށްފި

ޙުސައިން ދީމް މުޙައްމަދު 03 ޑިސެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ގޫގަލްއިން އެންޑްރޮއިޑް ޑިވައިސްތަކަށް މުޅިން އާ ފީޗާތަކެއް އިޢުލާންކޮށްފިއެވެ. ޔޫޓިއުބް މިޔުޒިކް، ގޫގަލް ޕްލޭ ބުކްސް، ގޫގަލް ފޮޓޯޒް، ގޫގަލް އެސިސްޓަންޓް އަދި ގޫގަލް އޮޓޯގެ ފީޗާތަކަށް ހެޔޮ ބަދަލުތަކެއް މީގައި ހިމެނެއެވެ.

ގޫގަލްއިން ތަޢާރަފްކުރި އާފީޗާތަކުގެ ތެރޭގައި، ބައެއް ޤައުމުތަކުގައި ޕިކްސެލް-6، ޕިކްސެލް-6 ޕްރޯ އަދި ސެމްސަންގް ގެލެކްސީ އެސް-21ގެ ފޯންތަައް ކާރުގެ ތަޅުދަނޑީގެ ގޮތުގައި ބޭނުންކުރެވޭގޮތަށް އުފެއްދި އޮޓޯ ފީޗާހިމެނެއެވެ. މިއީ ހަމައެކަނި ކޮމްޕެޓިބަލް ބީއެމްޑަބްލިޔު ކާރުތަކެއްގައި ބޭނުންކުރެވޭނެ ފީޗާއެކެވެ. ތަޅުދަނޑިއެކޭ މިބުނެވެނީ، ކާރު ހުޅުވާ ލައްޕާހެދުމަށް ވަކި ކީ އެއް ބޭނުންކުރުމުގެ ބަދަލުގައި ފޯނުގައި މިފީޗާ ޤާއިމްކުރުމެވެ. މިއީ މިއަހަރުގެ މެއިމަހުގެ 12ވަނަ ދުވަހުއްސުރެ ފައްޓައިގެން ގޫގަލްއާއި ބީއެމްޑަބްލިޔު ކުންފުންޏާއި ގުޅިގެން ހިންގަމުންދިޔަ ޕްރޮޖެކްޓެކެވެ. މިހާރު މިފީޗާ ބޭނުންކުރެވޭނީ ހަމައެކަނި ބީއެމްޑަބްލިޔުގެ 2020 އަދި 2022ވެ މޮޑެލްތަކާއި އެކު އެކަނި ކަމުގައި ވީނަމަވެސް، އިތުރު ކާރުތަކުގައި މިފީޗާ ބޭނުންކުރެވޭނެ ގޮތް ހެދޭތޯ ގޫގަލްއިންދަނީ މަސައްކަތްކުރަމުންނެވެ. މީގެ އިތުރުން، އެންޑްރޮއިޑް އޮޓޯ ފީޗާތަކަށް ގެނައި ބަދަލަކީ، ކާރަށް އަރައި، ފޯނު ކާރާއި ގުޅުވާލުމާއެކު، ވަގުތުން ކަނެކްޓްވާ އިންޓަފޭސްއެކެވެ. މިއިންޓަފޭސް މެދުވެރިކޮށް ކާރުގައި މިޔުޒިކްޖެހުމާއި ސާޗްކުރުން ފަސޭހަވެގެންދާނެއެވެ.

އެންޑްރޮއިޑުގެ ޔޫޓިއުބް މިޔުޒިކް ފީޗާއަށް ގެނައި ބަދަލަކީ، ޕްލޭބެކް ކޮންޓްރޯލް އަދި ފަހުން ބަލާފައިވާ ޓްރެކްތައް ފަސޭހައިން ހޯދައިލެވޭގޮތަށް ބަދަލުކުރުމެވެ. ގޫގަލް ޕްލޭ ބުކްސްގައި ލައިބްރަރީއަށް ވަދެވޭނެ އާ ޝޯޓްކަޓެއް ތަޢާރަފުކޮށްފައިވާއިރު، ގޫގަލް ފޮޓޯޒްއަށް އިތުރުކުރެވުނު ފީޗާއަކީ، ގާތްތިމާގެ މީހުންނާއި، ރައްޓެހިން އަދި އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުތަކުގެ ފޮޓޯތައް ވަކިން ސިލެކްޓްވެފައި ފެންނަގޮތަށް ހުރުމެވެ. މީގެ އިތުރުން ގޫގަލް ފޮޓޯޒްގައި އައު މެމޮރީ ފީޗާއެއް ވަނީ ތަޢާރަފުކޮށްފައެވެ. މިފީޗާގެ ދަށުން ބައެއްކަހަލަ ޚާއްޞަ މުނާސަބާތަކުގައި ނަގާފައިވާ ފޮޓޯތައް ވަކިން ފެންނަން ހުންނާނެއެވެ.

މީގެ އިތުރުން، "ފެމިލީ ބެލް" ކިޔާ އާ ފީޗާއެއްވަނީ ގޫގަލްއިން އުފައްދާފައެވެ. މިއީ އެންޑްރޮއިޑް ޑިވައިސްތަކާއި ސްޕީކަރުތައް މެދުވެރިކޮށް އެއްގޭބިސީއެއްގެ ބަޔަކަށް އެކިކަހަލަ ކަންކަން ހަނދާންކޮށްދޭ އެލާމެއް ޒާތުގެ ފީޗާއެކެވެ. ގޫގަލްއިންވަނީ ކުރީގެ ބާ އެންޑްރޮއިޑް ފޯންތަކުގައި ބޭނުންނުކުރާތާ ދުވަސްވީ އެޕްތަކުގެ ޕާމިޝަންތައް އޮޓޯއިން ނިއްވާލުމަށް ޕާމިޝަންސް ރީސެޓް ފީޗާއެއްވެސް ތަޢާރަފުކޮށްފައެވެ.


ޙުސައިން ދީމް މުޙައްމަދު

ޙުސައިން ދީމް މުޙައްމަދު

ޓެކްނޮލޮޖީގެ ބާރުދުވެއްޔާއި ފައިހަމަކުރެވޭތޯ މަސައްކަތްކުރަމުންދާ ދަރިވަރެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.