ރެޑިޓްއަށް އާ އަޕްޑޭޓްތަކެއް

ޙުސައިން ދީމް މުޙައްމަދު 05 ޑިސެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މީސްމީޑިއާތަކުގެ ތެރެއިން "ރެޑިޓް" އަކީ އަދުގެ ގިނަ ޒުވާނުންގެ މެދުގައި މަޤުބޫލު އެޕެކެވެ. ފަހަކަށް އައިސް، އެހެން މީސްމީޑިއާތަކެކޭ އެއްފަންތިއެއްގައި ވާދަކުރުމުގެ ބޭނުމުގައި ރެޑިޓްއިން ދަނީ އާފީޗާތައް ތަޢާރަފުކުރަމުންނެވެ. މިގޮތުން އަނެއްކާވެސް މިއިވެނީ ރެޑިޓްއިން އަލަށް ތަޢާރަފްކުރި އަޕްޑޭޓްތަކެއްގެ ވާހަކައެވެ.

ރެޑިޓްގެ ޕޯސްޓުތަކުގައި އެންމެ ފާހަގަކުރެވޭ އެއްކަމަކީ "އަޕްވޯޓް" ކުރުމާއި "ޑައުންވޯޓް" ކުރުމެވެ. ކުރިން އިންނަ ގޮތުން ޕޯސްޓަކަށް ލިބޭ ވޯޓްތަކާއި ކޮމެންޓުތައް ފެންނާނީ ހަމައެކަނި ޕޭޖް ރިފްރެޝްކުރީމައެވެ. އެކަމަކު މިހާރު ރެޑިޓްއިން ގެނައި ބަދަލުތަކާއިއެކު، ވަގުތުން އަޕްވޯޓް/ޑައުންވޯޓް އަދި ކޮމެންޓުތައް ފެނިގެންދާނެއެވެ. މިއާއެކު ވޯޓެއް ނުވަތަ ކޮމެންޓެއް އިތުރުވިކަން އަންގައިދޭން ކުޑަ އެނިމޭޝަންއެއްވެސް ސްކްރީންމައްޗަށް އަރުވާނެއެވެ. މިހާރު ރެޑިޓްގެ ކޮމެންޓުތައްވެސް ހުންނާނީ ވަގުތުގެ މައްޗަށް ބިނާކޮށް އަތުރާލެވިފައެވެ. ކޮމެންޓްތައް ފަސޭހަކަމާއެކީ ބަލައިލުމަށް ޑްރޮޕްޑައުން ޕިލްއަށް ފިއްތާލީމާ ކޮމެންޓުތައް ދައްކައިދޭނެއެވެ.

މިއަށްވުރެއްވެސް ބޮޑަށް ފާހަގަކޮށްލެވޭ ބަދަލަކީ، އެވަގުތެއްގައި އެޕޯސްޓް ބަލަމުންދަނީ ކިތައް މީހުންތޯ، ނުވަތަ ކޮމެންޓަކަށް ރިޕްލައިއެއް ޓައިޕްކުރަނީ ކިތައްމީހުންތޯ އެމީހުންގެ ނަންނޭގޭ ގޮތަށް އަންގައިދޭ ފީޗާއެވެ. މިއާއެކު އެފްބީފަދަ އެޕްތަކާއި އެއްފެންވަރަކަށް ރެޑިޓްގެ ކޮމެންޓު ސެކްޝަން ކުރިއަރައިގެންދެއެވެ.

ރެޑިޓްއިން ތަޢާރަފުކުރި މިއާ ބަދަލުތަކުގެ ބޭނުމަކީ، ޕޯސްޓްތަކުގެ ހަރަކާތްތެރިކަން އިތުރުކޮށް، ޔޫސަރުންނަށް ފަސޭހަ އަދި ގަޔާވާ އެޕަކަށް މިއެޕް ބަދަލުކުރުމެވެ. ރެޑިޓްއަކީ ކިތަންމެ މަޤްބޫލު އެޕެއްކަމުގައިވީނަމަވެސް، ތަފާތު އެކި ސަބަބުތަކާއިހުރެ އެހެން މީސްމީޑިއާތަކެއްވުރެ ގިނަކަންކަމުގައި ރެޑިޓް އުޅެނީ މާފަހަތުގައެވެ.

ޙުސައިން ދީމް މުޙައްމަދު

ޙުސައިން ދީމް މުޙައްމަދު

ޓެކްނޮލޮޖީގެ ބާރުދުވެއްޔާއި ފައިހަމަކުރެވޭތޯ މަސައްކަތްކުރަމުންދާ ދަރިވަރެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.