އައިޖީއެމްއެޗްގެ މޮބައިލް އެޕްލިކޭޝަން ތައާރަފުކޮށްފި

ހިންދު ޢަލީ 05 ޑިސެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން އައު މޯބައިލް އެޕްލިކޭޝަނެއް ތައާރަފްކޮށްފިއެވެ. 1 ޑިސެމްބަރ ގައި ތަޢާރަފް ކުރެވުނު މިއެޕްލިކޭޝަންއަކީ އިތުރު ޚިދުމަތްތަކަކާއި އެކު ހުޅުވާލެވުނު އެޕްލިކޭޝަނެއްކަމަށް އެހޮސްޕިޓަލުން މަޢުލޫމާތުދެެއެވެ.

އަލަށް ތަޢާރަފް ކުރެވިފައިވާ އެޕްލިކޭޝަންގައި އޮންލައިންކޮށް އެޕޮއިންޓްމަންޓް ހެއްދުމާއި މެޑިކަލް ރިކޯޑްގެ ގޮތުގައި ދޫކޮށްފައިވާ ބޭސް ސިޓީ، މެޑިކަލް ސެޓްފިކެޓް، ލެބް ރިޕޯޓް އަދި އެހެނިހެން ރިޕޯޓްތައް ބެލާލުމާއި، ބޭނުންވެއްޖެނަމަ އެތަކެތި ޑައުންލޯޑް ކުރެވޭ ފީޗަރ ހިމެނެއެވެ. މީގެ އިތުރުން ފައިސާ ދައްކާފައިވާ ބިލުތައްވެސް ޚިދުމަތް ހޯދާ ފަރާތްތަކަށް ބަލާލެވޭނެއެވެ. އަދި ހަމަ އެއާއެކު ރަޖިސްޓަރ ކުރާ ފަރާތްތަކުން ބޭނުންވާ އާއިލާގެ ބޭފުޅުން، އެކައުންޓާއި ލިންކު ކުރެވޭނޭ ފީޗަރވެސް މިޕޯޓަލް އިން މިހާރު ލިބެއެވެ.

މި އެޕްލިކޭޝަންގައި ރަޖިސްޓްރީ ވުމަށް ބޭނުންކުރަން ޖެހެނީ އައިޑީކާޑު ނަންބަރު ނުވަތަ ހޮސްޕިޓަލުގައި ރަޖިސްޓްރީކޮށްފައިވާ މެޑިކަލް ރެކޯޑް ނަންބަރު (އެމްއާރްއެން) އެވެ. އާއިލާގެ ފަރާތްތައް ވެސް އައިޑީ ނަންބަރު ނުވަތަ އެމްއާރްއެން ބޭނުންކޮށްގެން އެކައުންޓާއި ލިންކު ކުރެވެއެވެ. އެކައުންޓް ވެރިފައި ކުރުމަށް ދެހާލަތުގައިވެސް މޯބައިލް ނަންބަރަށް ލިބޭ އޯޓީޕީ ކޯޑެއް ބޭނުންކުރަންޖެހެއެވެ.

މިހާރު ރިލީޒް ކުރެވުނީ މޯބައިލް އެޕްލިކޭޝަންގެ ހަމައެކަނި އެންޑްރޮއިޑް ވަރޝަނެވެ. 1 ޑިސެމްބަރ 2021 އިން ފެށިގެން ގޫގުލް ޕްލޭސްޓޯރ އިން އެޕް ޑައުންލޯޑް ކުރެވޭނެކަމަށާއި، ކައިރި މުސްތަގުބަލެއްގައި އައިއޯއެސް ވަރޝަންވެސް ރިލީސް ކުރެވޭނެކަމަށް ހޮސްޕިޓަލުން ބުނެއެވެ.

ޕޭޝަންޓް ވެބް ފޯޓަލްގެ ބައެއް ސްކްރީންތައް


މިދެންނެވުނު މޯބައިލް އެޕްލިކޭޝަނާއި އެކު އައިޖީއެމްއެޗްގެ ޕޭޝަންޓް ވެބް ޕޯޓަލްގެ ބީޓާ ވަރޝަންވެސް ވަނީ ލޯންޗުކޮށްފައެވެ. މޯބައިލް އެޕްލިކޭޝަނުން ލިބޭ ހުރިހާ ޚިދުމަތްތަކެއް އަލަށް ތަޢާރަފް ކުރެވުނު ވެބް ޕޯޓަލްއިން ވެސް ފޯރުކޮށްދެވެއެވެ. މީގެ ކުރިންވެސް އައިޖީއެމްއެޗްގެ ބައެއް ޚިދުމަތްތައް ދިނުމަށް އޮންލައިން ސަރވިސަސް ނަމުގައި ވެބްޕޯޓަލެއް ބޭނުންކުރަމުން ދިޔައެވެ.

ހޮސްޕިޓަލު ހިންގުމުގެ ކަންކަން ހަރުދަނާކޮށް ފެންވަރު ރަގަޅުކޮށް ޒަމާނީކުރުމުގެ މަގުސަދުގައި ގާއިމް ކުރެވުނު މިސިސްޓަމްތަކަކީ ޑިޖިޓަލްކޮށް ސިއްހީ ރިކޯޑުތައް މެނޭޖް ކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމުގައި އެހޮސްޕިޓަލުން ހާމަކުރިއެވެ. މިވެބް ޕޯޓަލް އަދި މޯބައިލް އެޕްލިކޭޝަންއާއެކު ރައްޔިތުންނަށް ފަސޭހަކަމާއެކު އޮންލައިންކޮށް ހޮސްޕިޓަލުގެ އިތުރު ޚިދުމަތްތައް ތަޢާރަފްކުރުމުގެ ޕްލޭންތައް ކުރިއަށް ރޭވިފައިވާކަމަށް މަަޢުލޫމާތު ލިބެއެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.