އެޕަލް އެޕްސްޓޯ އެވޯޑްތަށް އިއުލާންކޮށްފި

އިސްމާއިލް އަލީ 05 ޑިސެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އެޕަލް އެޕް ސްޓޯގެ އެކިއެކި އެވޯޑްތައް ލިބުނު ފަރާތްތައް ހާމަކޮށްފިއެވެ. އެގޮތުން އެކުންފުނިން ވަނީ އެކިގޮތްގޮތުން ފާހަގަކޮށްލެވޭ 15 އެޕްލިކޭޝަން އަދި ގޭމް އިއުލާންކޮށްފައިއެވެ. އެޕަލް އިން ހާމަކޮށްފައިވާ ގޮތުގައި މިއެޕްލިކޭޝަންތަކަކީ މީހުން ގުޅުވާލަދޭ އަދި ކަސްޓަމަރުންގެ ޝައުގުވެރިކަން އިތުރުކޮށްދޭ އެޕްލިކޭޝަންތަކެކެވެ. މިއަހަރު މި އެވޯޑްތައް ލިބުނު ފަރާތްތަކުގެ ތެރޭގައި ދުނެޔޭގެ އެކިކަންކޮޅުތަކުގެ ކުންފުނިތަކާއި ޑިވެލޮޕަރުން ހިމެނެއެވެ.

އެގޮތުން އައިފޯން އެޕް އޮފް ދި އިޔާއަށް ހޮވުނީ ޓޮކާ ބޮކާގެ ޓޮކާ ލައިފް ވޯލްޑް އެވެ.

އައިޕެޑް އެޕް އޮފް ދި އިޔާއަށް ހޮވިފައިވަނީ ލުމާޓަޗްގެ ލުމާފިއުޝަން އެޕްލިކޭޝަންއެވެ.

މެކް އެޕް އޮފް ދި އިޔާއަށް ހޮވިފައިވަނީ ލުކި ލެބްސް ލިމިޓެޑްގެ ކްރާފްޓްއެވެ.

އެޕަލް ޓީވީގެ އެޕް އޮފް ދި އިޔާއަށް ހޮވިފައިވަނީ ޑަޒޯން ގްރޫޕްގެ ޑަޒޯންއެވެ.

އެޕަލް ވޮޗް އެޕް އޮފް ދި އިޔާއަށް ހޮވިފައިވަނީ ކެރޮޓް ވެދާ އެޕްލިކޭޝަނެވެ.

އެޕް ސްޓޯ އެވޯޑްތައް ލިބުނުގޭމްތަކަށް ބަލާލާއިރު، އައިފޯން ގޭމް އޮފް ދި އިޔާގެ އެވޯޑް ލިބިފައިވަނީ ލީގް އޮފް ލެޖެންޑްސް: ވައިލްޑް ރިފްޓްއަށެވެ.

އައިޕެޑް ގޭމް އޮފް ދި އިޔާގެ އެވޯޑް ލިބިފައިވަނީ މާވެލް ފިއުޗާ ރިވޮލޫޝަންއަށެވެ.

މެކް ގޭމް އޮފް ދި އިޔާގެ އެވޯޑް ލިބިފައިވަނީ މިސްޓްއަށެވެ.

އަދި އެޕަލް ޓީވީގެ ގޭމް އޮފް ދި އިޔާއަށް ހޮވިފައިވަނީ ސްޕޭސް މާޝަލްސް 3ކެވެ.

އެޕަލް އާކޭޑް ގޭމް އޮފް ދި އިޔާއަށް ހޮވިފައިވަނީ ފެންޓޭޝިއާއެވެ.

އެކި އެޕްލިކޭޝަންތަކާއި ގޭމްތަކުގެ އިތުރުން އެޕަލް އެޕް ސްޓޯގެ އެޑިޓަރުންވަނީ މިއަހަރުގެ ޓްރެންޑަކީ ކަނެކްޝަންސްކަމަށް ނިންމާފައިއެވެ. އެގޮތުން މިއަހަރު މިދާއިރާއިން އެވޯޑްތައް ލިބިފައިވާ ފަރާތްތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިޖްތިމާއި، އަމިއްލަ އަދި ޕްރޮފެޝަނަލް ބޭނުންތައް ފުއުދުމުގައި މީހުން އެއްތަންކޮށް އެއްބަޔަކު އަނެއްބަޔަކާއި ގުޅިގެން މަސައްކަތްކުރުމަށް މަގުފަހިކޮށްދީފައިވާ ފަރާތްތަކެކެވެ.

ޓްރެންޑް އޮފް ދި އިޔާގައި ހިމެނިގެން އެވޯޑްތައް ލިބުނު ފަރާތްތަކަށް ބަލާލާއިރު ފުރަތަމަ ފާހަގަކޮށްލެވެނީ އިނާސްލޮތްގެ އެމޮންގް އަސްއެވެ. މި އެޕްލިކޭޝަނަކީ މަޖާ އަދި ވާދަވެރި މާހައުލެއްގެ ތެރެއިން މީހުންނާއި ގުޅިގެން މަސައްކަތްކުރުމަށް ބާރުއަޅާ ގޭމެކެވެ.

އެމޮންގް އަސް އަށްފަހު ދެން މި ލިސްޓުގައި ހިމެނެނީ ބަމްބްލް އިންކްގެ ބަމްބްލްއެވެ. މިއެޕްލިކޭޝަނަކީ ރަހުމަތްތެރިކަން އުފެއްދުމާއި ހަޔާތުގެ ބައިވެރިޔެއް ހޯދުން އަދި ވަޒީފާގެ މާހައުލާ ގުޅޭ މީހުން ހޯދުމުގައިވެސް ބޭނުންކުރެވޭ އެޕްލިކޭޝަނެކެވެ.

މިއެޕްލިކޭޝަންތަކަށްފަހު ދެން މި ލިސްޓުގައި ހިމެނެނީ ކެންވާއެވެ. މި އެޕްލިކޭޝަނަކީ ފަންނުވެރިންނާއި، ދަރިވަރުންނާއި، ވަޒީފާ ހޯދާ ފަރާތްތަކުން ފެށިގެން މުޖްތަމައުގެ އެކިފަންތީގެ މީހުންނާއި ހަމަޔަށް ޑިޒައިން ޓޫލްތަކާއި ޓެމްޕްލޭޓްތައް ގެނެސްދީ ޑިޒައިންކުރުން ފަސޭހަކޮށްދޭ އެޕްލިކޭޝަނެކެވެ.


އެންތަނީ އެޑްވާޑްސް ޖޫނިއާ އަދި ޖެނީކް އެޑްވާޑްސް ގުޅިގެން އުފައްދާފައިވާ އީޓްއޮކްރާއިން ވެސް ވަނީ މިލިސްޓުން ޖާގަ ހޯދާފައިއެވެ. މި އެޕްލިކޭޝަނަކީ ކަޅުނަސްލުގެ ކެއުންތައް ތައްޔާރުކުރާ ފަރާތްތަކަށް ހާއްސަކޮށްގެން އުފައްދާފައިވާ އެޕްލިކޭޝަނެކެވެ.

މި ލިސްޓްގައި ދެން ހިމެނިފައިވަނީ އަންހެނުންނަށް ދިމާވާ އެކިއެކި ސިއްހީ އަދި އެހެނިހެން މައްސަލަތަކާއި ބެހޭގޮތުން ވާހަކަ ދެއްކުމަށް އުފައްދާފައިވާ އެޕްލިކޭޝަން ޕީނަޓްއެވެ.

އެޕަލްއިން އެޕް ސްޓޯ އެވޯޑްތައް ތައާރަފްކުރިތާ މިހާރު ގާތްގަޑަކަށް 10 ވަރަކަށް އަހަރުވެއްޖެއެވެ. މި އެވޯޑްތަށް ލިބޭފަރާތްތަކުގެ މަސައްކަތް ފާހަނގަކުރުމުގެ ގޮތުން އެކުންފުނިން ވަނީ ރީސައިކަލް ކުރެވިފައިވާ އެލްމިނިއަމް ބޭނުންކޮށްގެން މިދިޔައަހަރުން ފެށިގެން އެވޯޑް އުފައްދަން ފަށާފައިއެވެ. މިއެވޯޑްތަށް ފަރުމާކުރެވިފައިވަނީ އެޕް ސްޓޯގެ ލޯގޯ އަދި އެވޯޑް ލިބޭ ފަރާތްތަކުގެ ނަންތަށް އެލްމިނިއަމްގައި ކަނޑާނަގައިގެންނެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.