ދެން އަންނަ އެންޑްރޮއިޑް ފޯނުގެ ކެމެރާ އަބަދު ހުޅުވިފަ؟

ޢާއިޝަތު ޝައިހާ 09 ޑިސެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ކުއަލްކޮމް އިން ފްލެގްޝިޕް އެންޑްރޮއިޑް ފޯނުތަކަށް އާ ސްނެޕްޑްރެގަން 8 ޖެން 1 ޕްރޮސެސަރ ތައާރަފުކުރާނެ އިއުލާނާއި އެކީ އަޅުގަނޑުމެން އެންމެންވެސް މި ތިބީ ނުހަނު އުފަލުންނެވެ. އެހެންނަމަވެސް، މި އިއުލާނާއި އެކު ފޮރުވިފައިވާ ކަމެއް އަޅުގަނޑުމެންނަށް ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަ ކޮށްލެވެއެވެ. އެއީ މި ޕްރޮސެސަރ ގެ ސަބަބުން ފޯނެއްގެ ކެމެރާ އަބަދުވެސް ހުޅުވިފައި ހުރެވޭނެ ގޮތް ވާނެއެވެ.

ކުންފުނީގެ ޕްރޮޑަކްޓް މެނޭޖްމަންޓުގެ ނައިބު ރައީސް ޖަޑް ހީޕް، މި އާ ޓެކްނޮލޮޖީ ސިފަކުރަމުން ބުނެފައި ވަނީ، "ތިބާގެ ފޯނުގެ ކުރީ ކެމެރާ އަބަދުވެސް ދަނީ ތިމާގެ މޫނު ރަނގަޅަށް ފެނޭތޯ ބަލަމުންނެވެ. އެއީ ތިމާ އޭގައި އަތްނުލާ ކަމުގައި ވިޔަސް، ނުވަތަ ފޯނު ހުޅުވަން ފޯނު ނެގި ކަމުގައި ވިޔަސް."

މި ކަމަކީ ވަރަށް ސަޅި ކަމަކަށް ވެދާނެއެވެ. އެއީ ތިމާގެ މޫނު ބޭނުންކޮށްގެން އަވަހަށް ފޯނު ހުޅުވާލެވޭނެއެވެ. ހަމަ މިއާއެކު، ތިމާގެ ސްމާޓްފޯނުގެ ކުރީ ކެމެރާ، ތިމާ ބޭނުން ވިޔަސް އަދި ނުވި ކަމުގައި ވިޔަސް ތިމާއާއި ދިމާލަށް ބަލަހައްޓައިގެން ހުންނަ ހުރުމުގެ ޚިޔާލާއި އެކުގައި ވެސް ހިތަށް ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް ވަދެގެން ދެއެވެ. ވިސްނާލާށެވެ. ތިމާ ފޯނު ޗާޖަށް ޖަހާފައި ވާއިރު، އެ ފޯނު ދާނީ ތިމާ އެ ފޯނު ހުޅުވަން ބޭނުންވާނެ ދަނޑިވަޅަކަށް ތައްޔާރު ވުމުގެ ގޮތުން ތިމާ ބަލާފާނެ ކަމަށް ތިމާގެ ހުރިހާ ޙަރަކާތްތަކަކަށް 'ފާރަލަމުން'ނެވެ.

ކުއަލްކޮމް އިން މި ސިފަ އަޅާ ކިޔަނީ މައިކްރޯފޯނުތަކުން 'ހޭ ގޫގަލް' އާއި އެހެނިހެން ގޮވުންތައް އަބަދުވެސް އަޑުއަހާ އެހުމުގެ ސިފައަށެވެ. މިއީ ގެންގުޅެން އެންމެ ޕްރައިވެޓް ޑިވައިސްތަކަށް ނުވިކަމުގައި ވިޔަސް، އެއިން ދަނީ ވަކި ޚާއްސަ ބަސްތަކަކަށް އަޑުއަހަމުންނެވެ. ތިމާގެ މޫނު ފެނޭތޯ މުޅި ކޮޓަރި ސްކޭން ކުރަމުންނެވެ. މި ދެ ކަމަކީ ވަރަށް ތަފާތު ދެ ކަމެވެ.

އެހެން ޑިވައިސްތަކުންވެސް މިހެން ކަންތައް ކުރެއެވެ. ގޫގަލް ނެސްޓް ހަބް މެކްސް ގައި ވާ ކެމެރާއިން، ތިމާ އެއާއި ގާތް ވާން ފެށުމުން މޫނު ސްކޭންކޮށް އެއަށް ލިބިފައިވާ މައުލޫމާތުތައް ފޯރުކޮށްދޭނެއެވެ. ގޭގައިވާ ސެކިއުރިޓީ ކެމެރާތައް މިހާރުވެސް 24 ގަޑިއިރު ޖެއްސިފައި ވާއިރު، ގޭގައި ހިނގާ ހުރިހާ ކަމެއް އަބަދުވެސް އެއިން ރިކޯޑު ވެގެން ދެއެވެ.

އަބަދުހެން ފޯނު ތިމާއާއި ދިމާލަށް ބަލަހައްޓައިގެން ހުންނަން ބޭނުން ނުވާ ކަމުގައި ވާނަމަ، އޯއެސް ލެވެލްއިން މި ސިފަ ނިއްވާލެވޭނެ ގޮތެއް ހުންނާނެއެވެ. ދަ ވާރޖްގައި ވާގޮތުން، ކުއަލްކޮމް ޓެކްނޮލޮޖީގެ ޕްރޮޑަކްޓް މެނޭޖްމެންޓްގެ ނައިބު ރައީސް ޒިއަޑް އަސްޣަރް ބުނެފައިވަނީ، "އެނޭބަލް ކޮށްފައި ނުވަތަ ނުކޮށް ދޫކޮށްލަން ބޭނުންވާ ކަންތައްތައް އިޚްތިޔާރުކުރުމުގެ ހައްޤު ބޭނުންކުރާ ފަރާތްތަކަށް ލިބިގެންވޭ." ފޯނު އުފައްދާ ފަރާތްތަކުން މި ސިފަ އެނޭބަލް ނުކޮށް ދޫކޮށްލުމަކީވެސް އެކަށީގެންވާ ކަމެއް ކަމުން، އަޅުގަނޑުމެން ޖެހޭނީ ވާގޮތް ބަލައިލަން އިންތިޒާރު ކޮށްލާށެވެ.

މި ކަމަކީ އަޅުގަނޑުމެންގެ ހިތަށް ކުޑަވެސް ތަސައްލީއެއް ލިބޭ ކަމެކެވެ. އެއީ މި ސިފަ އެނޭބަލް ކޮށްފި ކަމުގައި ވާނަމަ މިކަން ވެގެން ދާނީ ބޮޑު ޕްރައިވެސީ ބިރުވެރިކަމަކަށެވެ. އެއްވެސް މީހަކު އެމީހެއްގެ ސްމާޓްފޯނު ކެމެރާގައި ޓޭޕް އަޅަން ބޭނުމެއް ނުވާނެއެވެ. އެހެންނަމަވެސް މި ސިފަ އާންމުވެއްޖެ ނަމަ، އެހެން ކަންތައް ކުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމުގައި ދެކި އެކަންވެސް ކޮށްފާނެއެވެ.

ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.