އެޕަލްއަށް ސްމާޓްފޯނު މާކެޓުގެ އެންމެ ކުރިއަށް ދެވިދާނެ

އިސްމާއިލް އަލީ 10 ޑިސެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ސެމްސަންގް ވާއްޓާލުމަށްފަހު ދުނިޔޭގެ އެންމެ ބޮޑު ސްމާޓްފޯން ބްރޭންޑްގެ މަގާމަށް އެޕަލް އައުމުގެ ފުރުސަތު ހުޅުވިއްޖެއެވެ. 2021 ވަނަ އަހަރުގެ 3 ވަނަ ކުއާޓާ ނިމުނު އިރު މާކެޓްގެ 21.2 އިންސައްތަ ހިއްސާއާއިއެކު ދުނިޔޭގެ ސްމާޓްފޯނު މާކެޓުގެ އެންމެ ކުރީގައި އޮތީ ސެމްސަންގއެވެ. ނަމަވެސް 2021 ވަނަ އަހަރުގެ 4 ވަނަ ކުއާޓާ ނިމޭއިރު އައިފޯން 13 ގެ ވިޔަފާރިއަށް ލިބުނު ކާމިޔާބާއިއެކު ދުނިޔޭގެ ސްމާޓްފޯނު މާކެޓުގެ އެއްވަނައަށް އެޕަލް އެރުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އެގޮތުން ބައެއް ރިޕޯޓްތަކުން ހާމަކޮށްފައިވާ ގޮތުގައި މިއަހަރު ނިމޭއިރު ސެމްސަންގގެ މާކެޓް ޝެއާ 20 އިންސައްތަ ވެއްޓޭނެކަމަށް ބެލެވެއެވެ.

އެގޮތުން މިފަދަ ދިރާސާތައް ކުރާ ޓްރެންޑްފޯސްއިން ލަފާކުރާ ގޮތުގައި 2021 ވަނަ އަހަރުގެ 4 ވަނަ ކުއާޓާގައި ސެމްސަންގގެ މާކެޓް ޝެއާ 19.4 އިންސައްތައަށް ވެއްޓޭނެއެވެ. އަދި މި މުއްދަތުގައި އެޕަލްގެ މާކެޓް ޝެއާ 23.2 އިންސައްތައަށް މަތިވާނެކަމަށްވެސް އެކުންފުނިން ވަނީ ލަފާކޮށްފައިއެވެ. މިގޮތަށް މިކަންވެއްޖެނަމަ ދުނިޔޭގެ ސްމާޓްފޯނު މާކެޓުގެ އެއްވަނަ އެޕަލްއަށް ލިބިގެންދާނެއެވެ. މި ބަދަލުތަކާއިއެކު މި މުއްދަތުގައި ދުނިޔޭގެ ސްމާޓްފޯނު މާކެޓުގެ 3 ވަނަ އޮޕޯއަށް 13.9 އިންސައްތަ އާއިއެކު ލިބޭއިރު ޝޯމީއަށް 12.7 އިންސައްތައާއިއެކު 4 ވަނަ ލިބޭނެއެވެ. އަދި ވީވޯއަށް 9.8 އިންސައްތައާއިއެކު ފަސްވަނަ ލިބިގެންދާނެއެވެ.

ގެލެކްސީ އެސް22 ބާޒާރަށް ނެރުމާއިއެކު 2022 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ސެމްސަންގގެ ވިޔަފާރި ރަނގަޅުވާނެ ކަމަށް ބެލެވެއެވެ. ރިޕޯޓްތައް ބުނާގޮތުގައި އެކުންފުނީގެ އަމާޒަކީ އެންމެ މަދުވެގެން 33 މިލިއަން ގެލެކްސީ އެސް22 ފޯނު ވިއްކުމެވެ. މީގެ އިތުރުން ޖެނުއަރީ 2022 ގައި އެކުންފުނިން ގެލެކްސީ އެސް21 އެފްއީ ބާޒާރަށް ނެރޭނެއެވެ.

ޓްރެންޑްފޯސްއިން ލަފާކުރާ ގޮތުގައި 2021 ވަނަ އަހަރު 1.335 ބިލިއަން ސްމާޓްފޯނު ވިއްކޭނެއެވެ. މިއަދަދަކީ ފުރަތަމަ އެކުންފުނިން އަންދާޒާކުރި އަދަދަށްވުރެ 10 މިލިއަން މަދު އަދަދެކެވެ. އެކުންފުނިން ހާމަކުރާ ގޮތުގައި މިކަން މިހެންދިމާވާން މެދުވެރިވީ މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ޗިޕް އުފެއްދުމުގެ ދަތިކަމެވެ. ނަމަވެސް އަންނަ އަހަރު ނިމެންވާއިރަށް މި ހާލަތު ރަނގަޅު ވާނެކަމަށް ބެލެވެއެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.