2022ވަނަ އަހަރު ވިންޑޯޒްއަށް އެންޑްރޮއިޑް ގޭމްސް އަންނަނީ

ޙުސައިން ދީމް މުޙައްމަދު 11 ޑިސެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ވިންޑޯޒްގައި އެންޑްރޮއިޑް ގޭމްތައް ކުޅުމަކީ އާކަމެއް ނޫނެވެ. އެންޑްރޮއިޑް ބްލޫސްޓެކްސް އަދި އެންޑްރޮއިޑް އެކްސް86 ފަދަ އެޕްތައް ބޭނުންކޮށްގެން ގިނަ އެންޑްރޮއިޑް ގޭމްތަކެއް ވިންޑޯޒްގެ ތެރެއިން ލިބެއެވެ. ފަހުން އައިސް އެމަޒޯން އެޕްސްޓޯއިން ޑައުންލޯޑްކުރެވޭ ސޮފްޓްވެއާއެއް ބޭނުންކޮށްގެން ވިންޑޯޒްގެތެރޭގައި އެންޑްރޮއިޑް އެޕްލެއާރއެއް ގާއިމްކޮށްގެންވެސް ގޭމްކުޅެވުނެވެ. 2022ވަނަ އަހަރަށް ގޫގަލްގެ އަމާޒަކީ ވިންޑޯޒްގައި އެންޑްރޮއިޑްގެ ގޭމް ކުޅެވޭނެ އަމިއްލަ ޕްލެޓްފޯމެއް ތަޢާރަފުކުރުމެވެ. މިގޮތުން ވިންޑޯޒްއަށް ޚާއްޞަ ގޫގަލް ޕްލޭ ގޭމްސް އެޕްއެއް 2022ގެ ތެރޭގައި ތަޢާރަފުކުރާނެ ކަމަށް ގޫގަލްއިން މިވަނީ އިޢުލާންކޮށްފައެވެ. މިއީ ވިންޑޯޒްގައި އެންޑްރޮއިޑް ގޭމްކުޅޭ ގިނަބަޔަކަށް ވަރަށް އުފާވެރި ޚަބަރަކަށްވެގެންދިޔައެވެ.

މިއެޕް މަސައްކަތްކުރާ ގޮތާއިމެދު ނުވަތަ އޭގައި ކުޅެވޭނީ ކޮންކޮން ގޭމްތަކެއްކަންވެސް އަދި ގޫގަލްއަކުން ހާމައެއް ނުކުރެއެވެ. އެހެންނަމަވެސް މިއީ ހަމަ ސީދާ ގޫގަލްގެ އަމިއްލަ އުފެއްދުމެއް ކަމަށާއި، މައިކްރޯސޮފްޓު ނުވަތަ ބްލޫސްޓެކްސްފަދަ އެއްވެސް އެހެން ކުންފުންޏެއްގެ ޓެކްނޮލޮޖީ މިއެޕުގައި ބޭނުންކޮށްފައި ނުވާނެކަމަށް ގޫގަލްއިން ކަށަވަރުކުރެއެވެ. މިއެޕަކީ، ކްލައުޑް ސާވަރަކުން ސްޓްރީމްކުރުމުގެ ބަދަލުގައި، ޕީސީގައި ލޯކަލީ ގޭމްކުޅެވޭގޮތަށް މަގުފަހިކޮށްދޭ އެޕެކެވެ. ވިންޑޯޒް 10އަދި 11ގައިވެސް މި އެޕް މަސައްކަތްކުރާނެއެވެ. ކްރޯމްބުކްސްގައި މިހާރުވެސް އެންޑްރޮއިޑް ގޭމް ކުޅެވެއެވެ. އެހެންކަމުން އާ ޑެސްކްޓޮޕް އެޕެއް އުފެއްދުން އެއީ ގޫގަލްއަށް މާ އުނދަގޫކަމަކަށް ނުވާނެއެވެ.


ޙުސައިން ދީމް މުޙައްމަދު

ޙުސައިން ދީމް މުޙައްމަދު

ޓެކްނޮލޮޖީގެ ބާރުދުވެއްޔާއި ފައިހަމަކުރެވޭތޯ މަސައްކަތްކުރަމުންދާ ދަރިވަރެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.