ދުނިޔޭގެ އެންމެ ފުރަތަމަ 3 ޓްރިލިއަން ކުންފުންޏަކަށް އެޕަލް

ޙުސައިން ދީމް މުޙައްމަދު 14 ޑިސެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޓެކްނޮލޮޖީ އަދި ސްމާޓްފޯންގެ ދުނިޔޭގައި އެންމެ ބިޔަ އަދި އެންމެ ނަންހިނގާ އެއްކުންފުނިކަމުގައިވާ އެޕަލްގެ ވިޔަފާރި 3 ޓްރިލިއަން ޑޮލަރަށް އަރައި ތާރީޚުގެ ތެރެއަށް އަނެއްކާވެސް އެޕަލްގެ ނަން އަރުވައިފިއެވެ. މިހާރު ސްޓޮކްމާކެޓުގައި އެޕަލްގެ ހިއްސާއެއް އުޅެނީ 181.75 ޑޮލަރުގެ އަގުގައެވެ. ވަރަށް އަވަހަށް 182.85އަކަށް އަގުއަރައި މުޅި ކުންފުނީގެ ޖުމްލަ ހިއްސާ 3 ޓްރިލިއަން ޑޮލަރަށް އަރައިގެންދާނެކަމަށް ކަމާބެހޭ މާހިރުން ލަފާކުރެއެވެ.

އެޕަލްގެ ހިއްސާ 1 ޓްރިލިއަންއަށް އެންމެ ފުރަތަމައެރީ 2018ގެ އޮގަސްޓުމަހުއެވެ. މިއާ ވިދިގެން އޮގަސްޓު 2020ގައި 2ޓްރިލިއަން ފަހަނައަޅައި ދިޔައެވެ. މިއަހަރު އެކަނި އެޕަލްގެ ހިއްސާގެ އަގުވަނީ 35% އިތުރުވެފައެވެ. އެޕަލްގެ ވިޔަފާރި ފުޅާ ކުރެވިފައިވަނީ އައިފޯން-13 އަދި ކުރީގެ ބައެއް މޮޑެލްތައް ވިއްކުމުގެ އިތުރުން، އެޕަލް މިޔުޒިކް، އެޕަލްޓީވީ ޕްލަސް އަދި އައިކްލައުޑް އާއި އެޕްސްޓޯރގެ ވިޔަފާރިންނެވެ.

ސެޕްޓެމްބަރު މަހަށް ނިމުނު އެންމެ ފަހު ކުއާޓަރުގައިވެސް އެޕަލްގެ ސޭލްތައް 30% މައްޗަށްއަރައި 83 ބިލިއަން ޔޫއެސް ޑޮލަރާ ހަމައަށް ވާސިލްވިއެވެ. މިހާރު އެޕަލްގެ އަތުގައި 191 ބިލިއަން ނަގުދު ފައިސާ ޖަމާވެފައިއެބަހުރިއެވެ.

މިހާރު 3 ޓްރިލިއަންގެ ހަމައެކަނި ވިޔަފާރިއަކީ އެޕަލްކަމުގައި ވީނަމަވެސް، ވަރަށް އަވަހަށް މިބައިގަނޑުގެ ތެރެއަށް ގޫގަލް އަދި މައިކްރޯސޮފްޓުން ވަންނާނެއެވެ. މައިކްރޯސޮފްޓުގެ ހިއްސާއަކީ މިހާރު 2.6 ޓްރިލިއަން ޑޮލަރެވެ. ގޫގަލްގެ ހިއްސާއަކީ ގާތްގަނޑަކަށް 2 ޓްރިލިއަންއެވެ. މިދެކުންފުނީގެ ފަހަތުން އެޕަލްއާއި ދެން އެންމެ އަވަހަށް ގުޅޭނީ 1.7 ޓްރިލިއަންގެ އެމަޒޯންއާއި 1ޓްރިލިއަންގެ ޓެސްލާއެވެ.

ޙުސައިން ދީމް މުޙައްމަދު

ޙުސައިން ދީމް މުޙައްމަދު

ޓެކްނޮލޮޖީގެ ބާރުދުވެއްޔާއި ފައިހަމަކުރެވޭތޯ މަސައްކަތްކުރަމުންދާ ދަރިވަރެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.